ރައީސް ޑރ. މުހައްމަދު ވަހީދު ހަސަަން މަނިކުގެ ސަރުކާރަކީ "ބަޣާވާތުން" ގެނެސްފައިވާ ސަރުކާރެއް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އިން މިއަދު މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ބާއްވައިފި އެވެ.

އުސްފަސްގަނޑުން މިއަދު ހަވީރު 4:30 އެހާކަންހާއިރު ފެށި ހިނގާލުމުގައި ރައީސް ނަޝީދު އިސްކޮށް ހުންނެވި އިރު އެމަނިކުފާނާ އެކު އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި ރައީސް ނަޝީދުގެ ސަރުކާރުގެ ވަޒީރުން ބައިވެރިވި އެވެ.

ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާއިރަށް ބޭއްވި ހިނގާލުން ނިންމާލީ އުސްފަސްގަނޑަކަށެވެ. އެމްޑީޕީ އިން ބޭއްވި މިއަދުގެ ހިނގާލުމުގައި މާލޭގެ އެކި ހިސާބުތަކަށް މަޑުކޮށް ޝުއޫރުފާޅުކޮށް ފައިވާ އިރު އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައެއްނުވެ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު ބައިވެރިވި ހިނގާލުމުގައި މައިގަނޑު ޝުއޫރަކަށް އޮތީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ "ބަޣާވަތަކުން" ގެނެސްފައިވާ ސަރުކާރެއް ކަމަށް ބުނެ ރައީސް ވަހީދުގެ އިސްތިއުފާއަށާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވައިލުމެވެ. އަދުގެ ވެރިކަމާ ދެކޮޅަށް ބޭއްވި ހިނގާލުމުގައި އެމްޑިޕީ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އިރު މިއަދުގެ ސަރުކާރާ ދެކޮޅު ލަވަޖެހުމާއި އަންހެނުން ދިދަ އެނބުރުމުގެ ހަރަކާތްތަކެއް ފެނިގެންދިޔަ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު އެމްޑީޕީ އިން ހިނގާލުމެއް ބާއްވާފައިވާ އިރު މިއަންނަ ހުކުރު ދުވަހުގެ ހަވީރު ވެސް ހިނގާލުމެއް ބާއްވާނެ ކަމަށް އެ ޕާޓީ އިން ބުނެ އެވެ.