މ.ނަލަހިޔާމަންޒިލް ގޭތެރެއަށް ވަދެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ މާރާމާރީ ހިންގިތާ ތިން އަހަރު ފަހުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މ. ލޮނުމިދިލިގޭ ޝަރުފާން އަބްދުލް ރައްޒާގު އަހުމަދު 18، އާއި ޅ. ކުރެންދޫ މާފަހި އަލީ އާސިފް 21، ގެ މައްޗަށް ކަމަށެވެ. އަދި އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މ. ނަލަހިޔާމަންޒިލް ގޭތެރެއަށް ބަޔަކު ވަދެ މާރާމާރީ ހިންގާފައި ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރުފަހު 2:45 އެހާކަން ހާއިރު އެވެ. އަދި އެގޭތެރޭގައި ހުރި މީހަކަށް ތޫނުއެއްޗަކުން ހަމަލާދިނުމަށްފަހު އެމީހާއާ މެދު ޝަރުފާނާއި އަލީ އާސިފް މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.