މިއަހަރުގެ ވޮލީ ސީޒަނުގައި ވާދަކުރާ ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ)ގެ ހެޑް ކޯޗަކަށް މަޝްހޫރު ވޮލީ ކޯޗް މުހައްމަދު ޝަރަފް ހަމަޖައްސައިފި އެވެ.

މީގެކުރިން ވެސް ސިފައިންގެ ޓީމުގެ ކޯޗުކަން ކުރި ޝަރަފް އަލުން އެ މަގާމަށް ހަމަޖެއްސިއިރު، އޭނާއާ އެކު ސިފައިންގެ ކުލަބުން މިފަހަރު ސޮއިކުރީ ކުރިއަށް އޮތް 11 މަސް ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

ގައުމީ ވޮލީ ޓީމުގެ ކޯޗުކަމާއި އެސްޓީއޯގެ ކޯޗުކަން ވެސް މީގެ ކުރިން ކުރި ސަރަފާއެކު ސިފައިންގެ ކުލަބުން ސޮއި ކުރީ އެމްއެންޑީއެފް ހެޑްކްއޯޓާޒްގައި އިއްޔެ އެވެ. ސަރަފާއެކު ސިފައިންގެ ކުލަބްގެ ފަރާތުން އެ އެއްބަސް ވުމުގައި ސޮއިކުރެއްވީ އެ ކުލަބްގެ ރައީސް ލ. ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ އެވެ.

ސަރަފާއެކު ސިފައިންގެ ކުލަބުން އިއްޔެ ސޮއި ކުރެއްވި އެއްބަސްވުމުގެ ދަށުން ދިވެހި ސިފައިންގެ ކުލަބްގެ ސީނިއާ ވޮލީ ޓީމް މުބާރާތްތަކަށް ތައްޔާރުކޮށް ދިނުމާއި އެމްއެންޑީއެފް އޭރިއާތަކުގެ ސިފައިންނަށް، ވޮލީގެ ހުނަރު އިތުރުކޮށްދިނުން ހިމެނެ އެވެ. އަދި ދިވެހި ސިފައިންގެ ކުލަބާއި ގުޅިގެން ރާއްޖެތެރެއާއި މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށާއި ޒުވާނުންނަށް ވޮލީގެ ހުނަރު އިތުރަށް ދަސްކޮށްދިނުމުގެ ހާއްސަ ކޯޗިން ކޭމްޕަތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެކުލަބުން މައުލޫމާތު ދެއެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވޭތިވެދިޔަ ތިން އަހަރު ދިވެހި ސިފައިންގެ ވޮލީ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯއްދަވައިދެއްވާފައިވާ އިބްރާހީމް ރަޝީދު (ސަތޯ) ކޮށްދެއްވި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އެފަރާތަށް ވަނީ ދިވެހި ސިފައިންގެ ކުލަބްގެ ފަރާތުން ވަރަށް ހާއްސަ ސުކުރެއް ދަންނަވާފަ އެވެ.