04 Oct 2010, 09:47
ޖަލުތަކާއި ޕެރޯލްގެ ބިލުގެ ބަހުސް ކުރިއަށްދަނިކޮށް، ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމްކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މާލިއްޔަތުގެ ގާނޫނުގެ ބިލު އަދިވެސް ތަސްދީގު ނުކުރައްވާ މައްސަލަ ފެންމަތިވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުން ހޫނުވެއްޖެ އެވެ.
މަހިބަނދޫ ދާއިރާގެ ރުގިއްޔާ މުހައްމަދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މި ބިލު ހުށަހެޅުއްވުމުން ރިޔާސަތުން ހުޅުވާލެއްވި ބަހުސް ކުރިއަށްދަނިކޮށް، މަޖިލީހުގެ ތަޅުން ހޫނުވީ، ނިޒާމީ މައްސަލައެއް ނަންގަވައި، މާލިއްޔަތުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ތަސްދީގު ނުކުރައްވައި ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އެ ބިލަށް އިސްލާހެއް ހުށަހަޅުއްވާފައިވާ މައްސަލަ ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ރިޔާސަތުގެ ސަމާލުކަމަށް ގެންނެވުމުންނެވެ. އަދި އަލީ ވަހީދު ނެންގެވީ ނިޒާމީ މައްސައެއް ނޫން ކަމަށާއި، އެފަދަ ބިލުތައް ތަސްދީގު ކުރެއްވުމަށް ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމުކުރި ނަމަވެސް އެކަމަށް ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ކަމަށް، ވިދާޅުވެ ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމު އަލީ ވަހީދަށް ދެއްވި ޖަވާބާ ގުޅިގެން ޖަލްސާ އަޑުގަދަވެގެން ގޮސް އިތުރު ނިޒާމީ މައްސަލަ ނަންގަވައި ގިނަ މެންބަރުން ތަކެއް އިތުރަށް އެ މައްސަލަ ނަންގަވަން ފެއްޓެވި އެވެ.
މެދުހެންވޭރު ދާއިރާގެ އަލީ އާޒިމު ވިދާޅުވީ، މިހާތަނަށް ވެސް ރައީސް އެ ބިލު ތަސްދީގު ކުރައްވައިފައި ނުވާތީ އެ ބިލަށް ދެންވާނެ ގޮތެއް މިއަދު އެނގެންޖެހޭނެ ކަމަށް އަދި އެކަން ނުނިންމައި މަޖިލިސް ކުރިއަށްގެންދިއުމަކީ ނިޒާމީ ބޮޑު މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދާއި ވިދާޅުވީ، ދެން މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދަންވާނީ، ފާސްކުރާ ގާނޫނުތައް ތަސްދީގު ނުކުރައްވައިފި ނަމަ ދެން ކަންތައްތައް ގެންދާނެ އުސޫލުތަކެއް ކަނޑައެޅުމަށްފަހު ކަމަށެވެ. އަދި އެއީ ދުސްތޫރީ މައްސަލައެއް ނަމަ އެ މަޖިލީހުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ވައިކަރަދޫ ދާއިރާގެ އަލީ އާރިފު ވިދާޅުވީ، ކޮންމެ ރައްޔިތުންގެ މަޖިލީހަށް ކޮންމެ ދުވަހަކު ހަތަރު ލައްކަ ރުފިޔާ ހަރަދުވާ ވާހަކަ ސަރުކާރަށް ނިސްބަތްވާ މެންބަރުން ދައްކާއިރު މަޖިލީހުން ފާސްކުރާ ގާނޫނުތައް ރައީސް ތަސްދީގު ނުކުރައްވާ ނަމަ، ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން ބޭކާރު މަސައްކަތްތަކެއް މަޖިލީހުގައި ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، މި މައްސަލަ އަކީ، ދުސްތޫރީ މައްސަލައެއް ކަމަށް މަޖިލީހުގެ ރިޔާސަތުން ވިދާޅުވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަނަށް އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ ހަސަން ލުތުފީގެ މައްސަލައިގައި، އެނަން ކޮމިޝަނަށް އައްޔަންކުރަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ކޯޓުން ހުކުމްކޮށްފައި ވާތީ، ބިލުތައް ތަސްދީގު ކުރުން ވެސް ރައީސަށް ލާޒިމްވެގެން ގޮސްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މަޖިލީހުން ނިންމާ ކަންތައްތަކަށް ބާރު ލިބިގެން ގޮސްފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
މެންބަރުން ނެންގެވި ނިޒާމީ މައްސަލަތަކަށް ޖަވާބު ދެއްވަމުން މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމު ވިދާޅުވީ، އެ މައްސަލަ އަކީ ދުސްތޫރީ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައިގައި މަޖިލީހަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި، މައްސަލައިގައި ސުޕްރީމް ކޯޓަށް ދިއުމުގެ ފުރުސަތު އޮތްކަމުން އެގޮތަށް މަޖިލީހަށް ނިންމިދާނެ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.
މި މައްސަލައިގައި މަޖިލީހގެ ތަޅުން ހޫނުވެ ބިލަށް ވާހަކަ ދެއްކެވުމަށް މެންބަރުންނަށް އުނދަގޫވެ ވާހަކަ ދެއްކޭގޮތް ނުވުމުގެ ސަބަބުން އެކަން ނުކުރުމަށް ރިޔާސަތުން ތަކުރާރުކޮށް މެންބަރުންނަށް އިންޒާރު ދެއްވަމުން ގެންދެވި އެވެ. އަދި ތޮއްޑޫ ދާއިރާގެ އަލީ ވަހީދާއި ވައިކަރަދޫ ދާއިރާގެ އަލީ އާރިފަށް ރިޔާސަތުން ފަހުގެ އިންޒާރު ވެސް ދެއްވި އެވެ.