ނ. މިލަދޫ އެމްޑީޕީގެ ކައުންސިލަރަކަށް ޖެއްސުން ކުރުމުގެ ގޮތުން އޮފީހުގެ ހާޒިރީގައި ސޮއި ކުރުމުގެ ފުރުސަތު ނުދީ އޭނާގެ އަށް މަސް ދުވަހުގެ މުސާރަ ދޫނުކޮށް ހިފެހެއްޓި މައްސަލާގައި ހައްލު ހޯދުމަށް ލޯކަލް ގަވަމަންޓް އެތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ ބައްދަލުވުމަކަށް އެ މައްސަލަ އެޖެންޑާކޮށްފި އެވެ.

މިލަދޫ އެމްޑީޕީގެ ކައުންސިލަރު ނަސްރުﷲ މުހައްމަދު ކައުންސިލްގެ ގޮނޑި ގެއްލިފައިވާ ކަމަށް އެ ކައުންސިލުން ފާސްކުރި ނަމަވެސް، އިލެކްޝަންސް ކޮމިޝަނާއި އެލްޖީއޭއިން އެ ކައުންސިލަށް އަންގާފައި ވަނީ އޭނާގެ ގޮނޑި ނުގެއްލޭ ކަމަށެވެ. ގޮނޑި ނުގެއްލޭ ކަމަށް އެ ފަރާތްތަކުން ހާމަކުރި ސަބަބުތަކަކީ އިޖުރާއީ ގޮތުން އެ ބައްދަލުވުންތަކަށް ހާޒިރުވުމަށް ނަސްރުﷲއަށް އަންގާފައި ނުވުމާއި އޭނާ ހުރީ ރަސްމީ ޗުއްޓީއެއްގައި ކަމަށް ވާތީ އެވެ. އަދި އޭނާއަކީ ގާނޫނީ ގޮތުން އެ ކައުންސިލްގެ މެންބަރެއް ކަމަށާއި އޭނާގެ މަސައްކަތައް އެއްވެސް ފަރާތަކުން ހުރަސް އަޅައި އޭނާގެ މުސާރަ ހިފަހައްޓައިގެން ނުވާނެ ކަމަށް އެލްޖީއޭއިން ވަނީ މިލަދޫ ކައުންސިލަށް އަންގާފަ އެވެ.

އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބެލުމަށްޓަކައި އެލްޖީއޭގެ ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެ އޮތޯރިޓީގެ ސީއީއޯ ޑރ. އަހުމަދު ޝުކުރީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް މިއަދު ހާޒިރު ކުރި އެވެ.

ކޮމެޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޑރ. ޝުކުރީ ވިދާޅުވީ ކައުންސިލަރު ނަސްރުﷲގެ މުސާރަ ހިފަހައްޓާފައިވާ މައްސަލާގައި އޭނާގެ މުސާރަ ދޫކޮށްދިނުމަށް މިލަދޫ ކައުންސިލަށް ސިޓީއަކުން ދެންނެވުމުން، އެ އެންގުމަށް އެ ކައުންސިލުން އަމަލުކޮށްފައި ނުވާ ކަމަށެވެ. އަދި މިލަދޫ ކައުންސިލަރުންގެ މުސާރަ ޖަމާކުރުމަށް އެ އޮފީހުން ފިނޭންސަށް އަންގާއިރު، ކައުންސިލަރުންގެ ލިސްޓުން ނަސްރުﷲގެ އުނިކޮށްފައިވުމުން އޭނާގެ މުސާރަ ފިނޭންސުން ދޫ ނުކުރާ ކަމަށެވެ.

"ކައުންސިލަރުންގެ ޕޭ ސިލިޕް އެބޭފުޅުން އެބައޮތް ދެއްވާފައި. އެކަމަކު ސިޓީއަކުން ޖަވާބެއް ނުދެއްވާ. އަނގަބަހުން އެބޭފުޅުން ވިދާޅުވި އެއަށް އަމަލު ކުރާނަމޭ އެކަން ހަމަޖެހޭނެއޭ،" ނަސްރުﷲގެ މުސާރައިގެ މައްސަލާގައި މިލަދޫ ކައުންސިލުން ދެއްވި ޖަވާބާ ގުޅޭ ގޮތުން ޑރ. ޝުކުރީ ވިދާޅުވި އެވެ.

ކައުންސިލަރު ނަސްރުﷲގެ މުސާރަ ހިފަހައްޓާފައިވާތާ އަށް މަސްވެފައިވާތީ މިލަދޫ ކައުންސިލާމެދު އެލްޖީއޭއިން ފިޔަވަޅު އަޅާފައި ނުވާތީ ކޮމެޓީގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެލްޖީއޭއަށް ފާޑުކިޔާފަ އެވެ.

އެލްޖީއޭގެ ރައީސް ވިދާޅުވީ ކައުންސިލަކާމެދު ފިޔަވަޅު އެޅުމުގެ ކުރިން ލާމަޒުކަޒީ ގާނޫނު ބުނާ ގޮތުން ބަލަންޖެހޭ ކަންތައްތަކެއް އެބައޮތް ކަމަށެވެ. އެގޮތުން ކައުންސިލަށް ތިން ފަހަރެއްގެ މަތިން ނަސޭހަތްތެރިވެ އަދި އިންޒާރާއި ނޯޓިސް ދީގެން ވެސް އެކަންތައްތައް އިސްލާހުވެފައި ނުވާތީ އެ ކައުންސިލްގެ މައްސަލަ އެލްޖީއޭ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޑރ. ޖަމީލު އިތުރަށް ވިދާޅުވީ އެ މައްސަލައަކީ އެހާ ސާފު މައްސަލައެއް ނޫން ކަމަށާއި ނަސްރުﷲގެ ފަރާތުން ކޮށްފައިވާ ޝަކުވާތަކާއި މިލަދޫ ކައުންސިލުން ބުނެފައިވާ ވާހަކަތަކުން ސާފު ނުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ކައުންސިލްގެ ހާޒިވުމަށް ވަޑައިގެންނެވުމުން ކައުންސިލް މެންބަރުން އޭނާއަށް ހުރަސްއަޅާ ކަމަށް ބުނާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށް މިލަދޫ ކައުންސިލުން ބުނެފައިވާ ކަމަށެވެ.

"ކައުންސިލް މޮނީޓާ ކުރަންދިޔަ އެލްޖީއޭގެ ރިޕޯޓުން ބުނަނީ ތިމަންނަމެން އެ ވިދާޅުވާ ގޮތަކަށް ނަހަދަމޭ. ތިމަންނަމެން ހަމައެކަނި ފާއިތުވާ މަހުގެ ބައޭ ރައްކާކޮށްފައި އޮންނަނީ. އޭގެ ސަބަބަކަށް ވަނީ އެ ބޭފުޅާގެ [ކައުންސިލަރު ނަސްރުﷲ]ގެ ބައްޕަޔަކީ އެ ކައުންސިލްގައި މަސައްކަތް ކުރައްވާ ބޭފުޅެކޭ. އެހެންވީމަ ދިމާވި ހާދިސާއެއްގައި އެ ކައުންސިލް ވަނީ އަނދާ ވެސް ގޮސްފައޭ،" ޑރ. ޖަމީލު ވިދާޅުވި އެވެ.