އިންޑިއާގެ ގައުމީ ދޫނި ކަމުގައިވާ ސާމަރާދޫނީގެ ފަތްތަކެއްގެ މައްސަލައެއްގައި އިންޑިއާގައި ހައްޔަރުކުރި ދިވެހި ޒުވާނާ 10،000 އިންޑިއަން ރުޕީސްއިން ޖޫރިމަނާ ކުރުމަށްފަހު، ކޯޓުން މިއަދު އޭނާ ދޫކޮށްލައިފި އެވެ. އިންޑިއާގެ ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

އިންޑިއާގައި މިވަގުތު ހުރި އޭނާގެ އާއިލާގެ މީހަކު ސަން އަށް މައުލޫމާތު ދެމުން ބުނީ އިންޑިއާގެ ފޮރެސް ޑިޕާޓްމަންޓުން އޭނާގެ މައްޗަށްކޮށްފައިވާ ދައުވާއާ ގުޅިގެން މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ގާޒީ ހުކުމްކޮށްފައިވަނީ އެ ފަތްތައް އިންޑިއާއިން ބޭރުކުރަން އުޅުނު ކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާތީ އިންޑިއާގެ 10،000 ރުފިޔާއިން ޖޫރިމަނާކޮށް، 10 ދުވަހުގެ މުއްދަތަށް އޭނާ ޖަލަށް ލުމަށް ކަމަށެވެ.

ނަމަވެސް އެމައްސަލާގައި އޭނާ ބަންދުގައި ބަހައްޓާފައި ހުރި ދުވަސްތަކުން އެ 10 ދުވަސް ކަނޑާފައިވާ ކަމަށާއި ޖޫރިމަނާގެ ފައިސާ މިއަދު ކޯޓަށް ދައްކާފައިވާ ކަމަށް ވެސް އާއިލާއިން ބުންޏެވެ.

"ކޯޓު ހުކުގައިވާ 10 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ކެނޑިފައި، އެއީ އެމައްސަލާގައި އޭނާ ވަނީ 13 ދުވަހުގެ ޖަލު ބަންދުގައި ބަހައްޓާފައި އެހެންވެ،" އާއިލާއިން ބުންޏެެވެ.

އާއިލާއިން ބުނީ އެމައްސަލައާ ގުޅިގެން ހިފަހައްޓާފައި އޮތް އޭނާގެ ޕާސްޕޯޓް ވެސް މިހާރު ހަވާލުކޮށްފައިވާ ކަމަށާއި އިންޑިއާއިން ފުރޭވަރުވާނީ އެމައްސަލައާ ގުޅުން ހުރި ހުރިހާ ލިޔެކިޔުންތައް ލިބިގެން ކަމަށެވެ. އަދި އެއެއްޗެހި ލިބޭނީ ހުކުރު ދުވަހުގެ ކަމަށް ވެސް އާއިލާއިން ބުންޏެވެެ.

ސާމަރާދޫނީގެ ފަތްތަކެއް އިންޑިއާއިން ބޭރުކުރަން އުޅުނީ އެފަތްތަކަކީ އިންޑިއާއިން ބޭރުކުރުން މަނާ ފަތްތަކެއްކަން އެޒުވާނާއަށް ވެސް ނޭނގި އެވެ. އެމައްސަލާގައި އޭނާ އިންޑިއާގައި ހައްޔަރު ކޮށްފައިވަނިކޮށް ކޯޓުން ވަކިގޮތަކަށް ނިންމަންދެއް ކަފާލާތުގެ ދަށުން އޭނާ މިނިވަންުކުރީ އިންޑިއާގެ 25،000 ރުފިޔާ ޖޫރިމަނާއެއް ދެއްކުމާ ގުޅިގެންނެވެ.