ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖެ ބަޔޮސްފިއާ ރިޒާވަކަށް ހެއްދެވުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީއިން އެކުލަވައިލައްވާފައިވާ މަޝްރޫއު ތަންފީޒު ކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ އެފަދަ މަޝްރޫއެއް އެކުލަވައިލީ މިދިޔަ އަހަރުގެ ޖޫންމަހު ބްރެޒިލްގެ ރިއޯޑި ޖެނީރޯގައި ބޭއްވުނު ރިއޯ ސަމިޓްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅުގައި، 2017 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ، ދުނިޔޭގެ ފެންވަރުގެ ބަޔޮސްފިއާ ރިޒާވަކަށް ހެއްދެވުމަށް ނިންމަވައި އެކަންވަނީ އިޢުލާނު ކުރައްވާފައިވާ ކަމަށެވެ. އަދި މިމަސައްކަތް ރަސްމީގޮތުން ކުރެއްވުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީއާ ރައީސުލްޖުމްހޫރިއްޔާ ވަނީ ޙަވާލުކުރައްވާފައިވާ ކަމަށެވެ.

ބ. އަތޮޅު މިހާރުވަނީ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވަކަށް ހައްދަވާފައި ކަމަށާއި އަދި ބ. އަތޮޅުގައި މި ހިންގުނު މަޝްރޫޢުގެ ނަތީޖާއަށް ބައްލަވައިގެން އަދި އެ ތަޖްރިބާގެ އަލީގައި ރާއްޖޭގެ އެހެން އަތޮޅުތައް ވެސް ބަޔޮސްފިއަރ ރިޒާވަކަށް ހެއްދެވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް ވެސް މިއަދުގެ ޖަލްސާއިން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ބުނީ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ތެރެއިން ބ. އަތޮޅުގައި ގާއިމް ކުރެވިފައިވާފަދަ ބަޔޮސް ރިޒަރވް ފަންޑެއް، އެހެން އަތޮޅުތަކަށް ވެސް ހުޅުވި، އޭގެ ސަބަބުން އެއަތޮޅުތަކުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންތައްތަކަށް އެއިން ހޭދަކުރެވި، ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމުގެ މަގު ތަނަވަސްކޮށްދެއްވުމަކީ ވެސް މި މަޝްރޫޢުގެ ތެރެއިން ޚާއްޞަ ސަމާލުކަމެއް ދެއްވާ ވަރަށް މުހިންމު ކަމެއް ކަން މަޖިލީހުގެ މެންބަރުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްރޫޢުގެ ސަބަބުން ބ. އަތޮޅަށް ޒިޔާރަތް ކުރަމުންދާ ފަތުރުވެރިންގެ ޢަދަދާއި، އެކިއެކި ރިސަރޗް ހެދުމަށް ޒިޔާރަތްކުރާ މީހުންގެ ޢަދަދާއި، ތިމާވެށްޓަށް ލޯބިކުރާ މީހުންގެ ޢަދަދު އިތުރުވަމުންދާކަމާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ތަރައްޤީ ލިބެމުން އަންނަކަން ވެސް މެންބަރުން ފާހަގަކުރެއްވާ ކަމަށެވެ.

ބަޔޮސްފިއާ ރިޒަރވަކީ އެތަނެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ރޭވިގެން، ތަރައްޤީގެ މަޝްރޫޢުތައް ހިނގާ އަދި ހަމައެޔާއެކު، ދިރޭ ތަކެތީގެ ނަސްލާއި، އެތަކެތީގެ މާޙައުލު ޙިމާޔަތް ކުރެވި، އިޤްތިޞާދީ ގޮތުން ކުރެވޭ މަސައްކަތްތަކަކީވެސް ދެމެހެއްޓެނިވި އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުރެވޭ ކަންތައްތަކެއްކަން ޔަޤީންވެފައިވާ، އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮ ކަމަށް ބާރުއަޅާ ނިޒާމެކެވެ.