ގ. ވޭރު އަބްދުލްމުހީތު މަރާލިކަމަށް ތުހުމަތު ކުރެވޭ ތިން މީހުންގެ ޝަރީއަތް ލަސްވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މުހީތުގެ އާއިލާއިން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އައްޝައިޚް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައުގެ އިތުރުން ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ ޝަރީއަތް ލަސްވާތީ އެކަމާ ކަންބޮޑުވުންފާޅުކޮށް މުހީތުގެ އާއިލާއިން އެ ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ތިން މީހުންގެ ޝަރީއަތާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައް އެ މައްސަލަ ބައްލަވާ ގާޒީގެ ބެލުމުގެ ދަށުން ކުރަމުން އަންނަ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

އެ ތިން މީހުންގެ ތެރެއިން މުހުޖަތާއި މުޝައްފައުގެ މައްޗަށް ދައުވާކޮށްފައި ވަނީ ތޫނުއެއްޗަކުން ހަމަލާދީ މުހީތު މަރާލި ކަމަށް ތުހުމަތު ކޮށެވެ. އަދި މައިމޫންގެ މައްޗަށް ދައުވާކޮށްފައި ވަނީ މުހީތު މެރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ.

އެ ތިން މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ވަނީ ނަގައި ނިމިފަ އެވެ. ނަމަވެސް އޭގެފަހުން އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ބާއްވާފައެއް ނުވެއެވެ.

ތޫނު އެއްޗަކުން ހަމަލާދީ މުހީތު މަރާލާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 01:50 އެހާކަށް ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދަ އެވެ.

އެ މައްސަލައިގައި އަދި އިތުރު ތިން ކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށްފައި ވެއެވެ. މި ތިން ކުދިންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޖުވެނައިލް ކޯޓުގައެވެ. ޖުވެނައިލް ކޯޓުގައި ދައުވާ ކޮށްފައިވާ ތިން ކުދިންގެ ޝަރީއަތް މިހާރު ވަނީ ނިމުމަކާ ހަމައަށް އައިސްފަ އެވެ. ޖުވެނައިލް ކޯޓުގައި މައްސަލަ ހިނގަމުންދާ ގޮތާމެދު ހިތްހަމަޖެހޭކަމަށް މުހީތުގެ އާއިލާއިން ވަނީ ބުނެފަ އެވެ.

މުހީތު މަރާލުމުގެ ކުށް އެ ތިން ކުދިންގެ މައްޗަށް ސާބިތުވެއްޖެނަމަ ބޭނުންވަނީ މަރަށް މަރު ހިފާންކަމަށް ބުނެ މުހީތުގެ 26 ވާރިސަކު ވަނީ ޖުވެނައިލް ކޯޓަށް ބަޔާންދީފަ އެވެ.