ހިއުމަން ޓްރެފިކިންގެ މައްސަލަތަކުގައި ބޭނުންކުރާ މީހުން ބޭތިއްބުމަށް ބޭނުންވާ ވަގުތީ މަރުކަޒެއް ކަނޑައެޅުމާ މެދު ގޮތެއް ނިންމުމަށް ވަޒީރުންގެ މަޖިލީހަށް ކަރުދާހެއް ހުށަހެޅުމަށް ހިއުމަން ރައިޓްސް މިނިސްޓްރީން ނިންމައިފި އެވެ.

ހިއުމަން ރައިޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ހުސެއިން ރަޝީދު މިއަދު ވިދާޅުވީ ހިއުމަން ޓްރެފިކިންގްގެ މައްސަލަތައް ހުއްޓުމުގެ ގޮތުން ތައްޔާރުކޮށްފައިވާ އެކްޝަން ޕްނޭނަކާ ބެހޭ ކަރުދާހެއް އަންނަ ހަފްތާގައި ކެބިނެޓަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ކަރުދާހުގައި އެފަދަ މައްސަލަތަކުގައި ބޭނުންކުރާ މީހުން ބައިތިއްބާނެ މަރުކަޒެއް ކަނޑައެޅުމުގެ މުހިންމުކަން ފާހަގަކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ތަންތަން އޮޕްޝަންތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާނެ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

"އެ ކަރުދާހަކީ ސްޓިއަރިން ކޮމިޓީގެ މަޝްވަރާގެ މަތިން އެކުލަވާލި އެކްޝަން ޕްލޭނެއްގެ ދަށުން ކެބިނެޓަށް ހުށަހަޅާ ކަރުދާހެއް. ހިއުމަން ޓްރެފިކިން ކޮންޓްރޯލްކުރުމަށް ޓަކައި ކުރަން ޖެހޭ ކަންތައްތައް އެ ކަރުދާހުގައި ފާހަގަކޮށްފައިވާނެ. އޭގެ ތެރޭގައި އެފަދަ މީހުންނަށް ޕްރޮޓެކްޝަން ދިނުމުގެ ގޮތުން އެމީހުންނަށް ދޭން ޖެހޭ ރައްކާތެރިކަން ދިނުމަށް ޓަކައި އެކުލަވާލަން ޖެހޭ މެކޭނިޒަމް އެކުލަވާލުމާއި އެފަދަ މީހުން އެނބުރި ރަށަށް ދެވެންދެން އެމީހުން ބަހައްޓާނެ ވަގުތީ މަރުކަޒެއް ގާއިމްކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ވާނީ އަލިއަޅުވާލައިފައި،" ހިއުމަން ޓްރެފިކިންގެ މައްސަލަތައް ހުއްޓުވުމަށް ސަރުކާރުން އެކުލަވާލާފައިވާ ސްޓިއަރިން ކޮމިޓީގެ ވެސް މެމްބަރު ހުސެއިން ވިދާޅުވި އެވެ.

އެފަދަ މައްސަލަތައް ހުއްޓުވުމަށް މިނިސްޓްރީން މިހާރު ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި އެވެއާނަސް ޕްރޮގްރާމްތައް ހިންގުމާއި އެފަދަ މައްސަލަތައް ރިޕޯޓްކުރުމަށް ހޮޓްލައިނެއް ގާއިމްކުރުން ވެސް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ސަން އޮންލައިނަށް މިއަދު ވިދާޅުވީ ހިއުމަން ޓްރެފިކިންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އެފަދަ މައްސަލަތަކުގައި ބޭނުންކުރާ ދެ ޖިންސުގެ މީހުން ވަގުތީ ގޮތުން ބެއިތިއްބުމަށް ހިއުމަން ރައިޓްސް މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގެ ދަށުގައިވާ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔަލުގެ އެންމެ މަތީ ދެ ފްލޯ ކަނޑައެޅުމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.

ނަމަވެސް ހުސެއިން ވިދާޅުވީ އެފަދަ މީހުން ބެއިތިއްބުމަށް މިނިސްޓްރީން އަދި ވަކިތަނެއް ކަނޑައަޅާފައިނުވާނެ ކަމަށާއި ނަމަވެސް ކަރުދާސް ހުށަހަޅާ އިރު މިހާރު މިނިސްޓްރީގައި ހުރި އޮޕްޝަންތައް ބަޔާންކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ވިލިމާލޭގެ ކުޑަކުދިންގެ ހިޔަލަކީ ވެސް އޮޕްޝަނެއްގެ ގޮތުގައި ވާހަކަ ދެކެވުނު ނަމަވެސް އެތަނުގައި އެމީހުން ބައިތިއްބަން ނިންމާފައިނުވާނެ ކަމަށާއި އެ ތަނަކީ އޮޕްޝަނެއްގެ ގޮތުގައި އެ ކަރުދާހުގައި ވެސް ކަނޑައަޅާފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިއުމަންޓް ޓްރެފިކިންގެ މައްސަލަތަކާ ގުޅިގެން އެމެރިކާގެ ހާރިޖިއްޔާ އިން އަހަރަކު އެއްފަހަރު އެކުލަވާލާ ހިއުމަން ޓްރެފިކިން ވޮޗް ލިސްޓްގައި ރާއްޖެ އުޅެނީ އެ މައްސަލަ ނާޒުގު ގައުމުތަކުގެ ލިސްޓްގަ އެވެ. ހިއުމަން ޓްރެފިކިންގެ މައްސަލަތައް ހުއްޓުވުމަށް ގައުމީ ފެންވަރުގައި ސަރުކާރާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ވަނީ ކެމްޕެއިނެއް ވެސް ފަށައިފަ އެވެ.

ހިއުމަން ޓްރެފިކިން ގެ މާނައިގައި ހިމެނެނީ މީހެއްގެ ނާޖާއިޒު ފައިދާ ނެގުމަށް މީހަކަށް ވަޒީފާދީ އެއްތަނުން އަނެއް ތަނަށް އުފުލާ ބަދަލުކޮށް، މީހަކު ގެންގުޅެ، ލިބިގަނެ، އެމީހެއްގެ އިޚްތިޔާރުގައިވާ ކަންކަން އޭނާގެ ކިބައިން ނިގުޅައިގަނެ، އޭނާއަށް ބާރު ދެއްކުމަށް ބިރު ދެކުމާއި، ބާރުގެ ބޭނުން ކުރުމާއި، ނުވަތަ އެނޫން ވެސް އެހެން ވަސީލަތެއް ބޭނުންކޮށްގެން މީހަކު ކަމަކަށް ހިތްޖެއްސުމާއި، ވަގަށް ނެގުމާއި، މީހަކަށް މަކަރު ހެދުމާއި، އޮޅުވާލުމާއި، ތިމާއަށް ލިބިގެންވާ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، މީހެއްގެ ނިކަމެތިކަމުން ފައިދާ ނެގުމާއި، ނުވަތަ ފައިސާ ދީގެން ނުވަތަ ފައިސާ ލިބިގެން، މިއިން ކަމެއް ކުރުމެވެ.