ގއ. ކޮނޑޭމަތީލާބައިދޫގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރެޒޮނަންސްއާ އެކު މީގެ ފަސް އަހަރު ކުރިން އެމްޓީޑީސީން ވެފައިވާ އެއްބަސްވުން، އެ އެއްބަސްވުމާ ޚިލާފަށް އުވައިލައިފައިވާ ކަމަށް ބުނެ އެކަމުން ލިބުނުކަމަށް ބުނާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 28 މިލިއަން ޑޮލަރު ހޯދުމަށް ރެޒޮނަންސުން ދައުވާ ކޮށްފި އެވެ.

ކޮނޑޭމަތީލާބައިދޫގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރެޒޮނަންސް އާއި އެމްޓީޑީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ 27 އޮކްޓޯބަރު 2007 ގަ އެވެ.

ސިވިލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅަމުން ރެޒޮނަންސްގެ ގާނޫނީ ވަކީލު ވިދާޅުވީ ކޮނޑޭމަތީލާބައިދޫގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުން އެމްޓީޑީސީން ބާތިލްކޮށްފައި ވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޓީޑީސީން އެ އެއެއްބަސްވުން ބާތިލް ކޮށްފައިވާ އިރު ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް އެރަށް އެކުންފުންޏަށް ލިބުނީ އެމްޓީޑީސީން ކުރި އިއުލާނަކާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ޕްރޮޕޯސަލް ހުށަހެޅުމުން ކަމަށެވެ. އަދި އެ އެރަށް އެ ކުންފުންޏަށް ދޫނުކުރާނަމަ އެ އެއްބަސްވުމުގެ ދަށުން އެ އެޑްވާންސް ރެންޓާއި ކޯސްޓް އޮފް ކެޕިޓަލާއި ލޮސް އޮޕް ޕްރޮފިޓުގެ ގޮތުގައި ލިބެންޖެހޭ 28 މިލިއަން ޑޮލަރު އެމްޓީޑީސީގެ ފަރާތުން ނަގައިދިނުމަށް އެދޭ ކަމަށްވެސް ރެޒޮނަންސްގެ ވަކީލު ވިދާޅުވި އެވެ.

ކޮނޑޭމަތީލާބައިދޫގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް އެ ކުންފުންޏާ އެކު އެއްބަސްވެފައި ވަނިކޮށް، އެމްޓީޑީސީގެ އެދުމުގެ މަތިން އެރަށުގެ ބަދަލުގައި ގއ. ހަވޮއްޑާ އެކުންފުންޏަށް ދިނުމަށް ރައީީސް ނަޝީދުގެ ސަރުކާރުގެ ކެބިނެޓުން ނިންމާފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އަދި ކެބިނެޓުން އެ ނިންމުން ނިންމާފައި ވަނިކޮށް އައްޑު އަތޮޅުގެ ހެރެތެރެ ރިސޯޓު ހިންގި އަމާރީ ހޮޓެލްސް އެންޑް ރިސޯޓްސް އަށް އެމްޓީޑީސީން އެރަށް ދޫކޮށްފައިވާ ކަމުގެ މައުލޫމާތު މީޑިއާއިން އެކުންފުންޏަށް ލިބިފައިވާތީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ކޯޓުން ވަކިގޮތެއް ނިމުމުގެ ކުރިން ގއ. ހަވޮއްޑާ އެއްވެސް ފަރާތަކަށް ނުދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދޭކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ސިވިލް ކޯޓުން މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލީ ވަގުތީ އަމުރަށް ޖަވާބުދާރީވުމަށް އެމްޓީޑީސީއަށް ފުރުސަތު ދިނުމަށް ފަހު އެވެ.