04 Oct 2010, 09:45
ޓެކްސް އާއި ކުލި އަދި ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 344 މިލިއަން ރުފިޔާ ނުލިބިވުމުގެ ސަބަބުން 1.14 މިލިއަން ރުފިޔާގެ ޖޫރިމަނާއާ އެކު ޖުމްލަ 1.5 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އެތޯރިޓީން ބުނެފި އެވެ.
އިންލެންޑް ރެވެނިއު އެތޯރިޓީން ބުނީ 2010 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 22 ގައި ޑިޕާޓްމަންޓް އޮފް އިންލެންޑް ރެވެނިއު (ޑީއައިއާރު) އުވާލުމުން އެތަނުން ކުރަމުން އައި މަސައްކަތްތައް އެ އޮތޯރިޓީއާ ހަވާލުވިއިރު ތަފާތު ނަންނަމުގައި ސަރުކާރުން ނަގަމުން ގެންދިޔަ ޓެކްސް އާއި ކުލި އަދި ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ޑީއައިއާރު އަށް ލިބިފައިނުވާ ކަމަށެވެ. އަދި އެ ފައިސާ އަކީ ޑީއައިއާރު މެދުވެރިކޮށް ދައުލަށް ނަގަމުންގެންދިޔަ 45 ވައްތަރެއްގެ ރެވެނިއު ކޯޑުގެ ތެރެއިން 19 ވައްތަރެއްގެ ރެވެނިއުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.
މީގެ ތެރެއިން ގާތްގަނޑަކަށް ބިލިޔަނެއްހާ ރުފިޔާ އަކީ ފަތުރުވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ދޫކޮށްފައިވާ ރަށަކުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ތެރެއިން ނުލިބިވާ ފައިސާ ކަމަށް އެއެތޯރިޓީން ބުނެވެ. އަދި ބާކީ 500 މިލިއަން ރުފިޔާ އަކީ ޓޫރިޒަމް ޓެކްސް އާއި ރިސޯޓް ކުއްޔާއި ރޯޔަލްޓީގެ ގޮތުގައި ނަގާ ފޮރިން އިންވެސްޓްމަންޓް ރޯޔަލްޓީ އާއި މަސް އެކްސްޕޯޓް ކުރުމުގެ ރޯޔަލްޓީ ކަމަށެވެ. އަދި ކުލީގެ ގޮތުގައި ދަނޑުވެރިކަމަށް ދޫކުރެވިފައިވާ ރަށްރަށުން ނެގޭ ކުއްޔާއި ފްލެޓްތަކުން ނެގޭ ކުލީގެ އިތުރުން ފީގެ ގޮތުގައި ނެގޭ ވެހިކަލް ފީ އާއި ވެސެލް ފީ އަދި ބިދޭސީ ވިޔަފާރި ފީގެ ގޮތުގައި ދައުލަތަށް މިހާތަނަށް ނުލިބިވާ ފައިސާ ކަމަށް ވެސް އެ އެތޯރިޓީން ބުނެ އެވެ.
އިންލަންޑް ރެވެނިއު އެތޯރިޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މީގެ ތެރެއިން ގިނަ ވައްތަރު ފީއާއި ކުއްޔަކީ ސަރުކާރުގެ ކޮންމެވެސް މިނިސްޓްރީއަކުން ނުވަތަ އޮފީހަކަށް ކުރެވިފައިވާ އެގްރީމަންޓެއްގެ ދަށުން ނެނގޭ ކުއްޔާއި ފީ ކަމުގައި ވާތީ އެފައިސާ ނުދެއްކުމުންވެސް އަމަލް ކުރަންޖެހެނީ އެފަރާތަކާއެކު ވެފައިވާ އެއްބަސްވުމަކާ އެއްގޮތަށް ކަމަށެވެ. އަދި 2010 ވަނަ އަހަރާ ހަމައަށް ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް 2011 ވަނަ އަހަރު ފަށަންވާއިރަށް ހޯދާ ނިންމުމަށް އެ އޮތޯރިޓީން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.