14 Mar 2010, 10:42
14:30
ސިފައިންގެ ތެރެއަށް ސިޔާސީ ނުފޫޒު ވައްދަވަން ބޭނުންފުޅުނުވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ އަލްމަހްރޫމް މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅޭ "ސިފައިންގެ ބަޑި މުބާރާތް 2010" ފެށުމުގެ ގޮތުން ގިރިފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލްގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ހުށަހެޅިގެން ބަސްކުރެވެމުންދާ ބިލާ ބެހޭ ގޮތުންވެސް އަލިއަޅުވާލެއްވި އެވެ. އެގޮތުން މިހާރުގެ ސިޔާސީ މަސްރަހަށް ބަލާއިރު ސިފައިން ވަނީ، ސިފައިން ބޭނުންވާ ގޮތް ހާމަކޮށްފައި ކަމަށާއި، ސިފައިންގެ ތެރެއަށް އެއްވެސް ވަރަކަށް ސިޔާސީ ނުފޫޒް ވައްދަވަން ބޭނުންފުޅުނުވާ ކަމުގައި ވިދާޅުވި އެވެ. އަދި ސިފައިންގެ ސަފުތައް ބަދަހި ގޮތެއްގައި ތިބެވޭނީ ހުރިހާ ސިފައިންގެ ހިޔާލާތު އެއްގޮތަކަށް ވިސްނައިގެން، އެއްގޮތަކަށް ތިބެގެން ކަމަށްވެސް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލް ވިދާޅުވި އެވެ.
ސިފައިންގެ ބަޑި މުބާރާތް ނިސްބަތްވާ އަލްމަރުޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ ހަޔާތްޕުޅާ ބެހޭގޮތުން އަލިއަޅުއްވާލައްވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، އަލްމަރުޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކަކީ، ސިޔާސީ ކަންތައްތަކާ ދުރުހެލިވުމުގެ ހިކުމަތެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ޢުމަރުމަނިކުގެ ވިސްނުންފުޅުގެ ހިކުމަތްތެރިކަމާ ދޭތެރޭ ފިކުރުކޮށްފިނަމަ ސިޔާސީ ކަންތައްތަކުން ސިފައިން ދުރުހެލިވުމަށް ވަރަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ބަޑި މުބާރާތުގެ ތާރީޚަށް އަލިއަޅުވާލައްވާ ޗީފް އޮފް ޑިފެންސް ދެއްކެވި ވާހަކަފުޅުގައި، ކުރިއާއި ޚިލާފަށް މިހާރު އަމާޒަށް ބަޑިޖެހުމަކީ ކިހާ މުހިންމު ކަމެއްކަން ސިފައިންނަށް އެނގި، ހޭދަކުރެވޭ ވަޒަނުގެ އަގު އެނގި، މިކުރެވޭ މަސައްކަތުގެ ނަތީޖާ ޙާޞިލްކުރުމަށް ޓަކައި މަސައްކަތްކުރާ ތަން މިހާރު ފެނިގެންދާ ކަމުގައި ވިދާޅުވި އެވެ.