22 Jan 2013, 16:29
ވެށިފަހިމާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި "ބީ" ކެޓަގަރީން މާލެއިން އަދި ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓްތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ ހޮވިފައިވާ ފަރާތްތަކާއި ގުރުއަތަށް ހޮވިފައިވާ ފަރާތްތަކުގެ ލިސްޓު ގެޒެޓް ކޮށްފި އެވެ.
ޖުމްލަ 515 ނަން ހިމެނޭ ފައިނަލް ލިސްޓު މިއަދު އާންމު ކުރިއިރު، މައުލޫމާތު ޗެކްކުރުމަށް ފަހު ފުލެޓަށް ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ޝަރުތު ހަމަނުވާ ކަމަށް ސާބިތު ވެއްޖެނަމަ ފުލެޓަށް ހޮވިފައިވާ ހޮވުން ބާތިލު ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. ފޯމުގައި ދީފައިވާ މައުލޫމާތަކީ ސައްހަނޫން މައުލޫމާތެއްކަން ފްލެޓް ހަވާލުކުރާ ފަހުން ސާބިތު ވިޔަސް ދޫކުރާ ފުލެޓް ވަކިކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ. މިނޫނަސް ފުލެޓް ވަކިކުރާނެ ސަބަބުތައް މިއަދު އާންމު ކުރި ގެޒެޓްގައި ބުނެފައި ވެއެވެ.
މިއަދު ގެޒެޓްގައި އާންމު ކުރި އެއް ލިސްޓުގައި ހިމެނޭނީ 275 ޕޮއިންޓް ލިބިގެން އޮޓަމެޓިކުން ހޮވުނު 470 މީހުންގެ ލިސްޓެވެ. އަދި ދެ ވަނަ ލިސްޓުގައި ހިމެނޭނީ 235 އާއި 275 އާ ދެމެދު ޕޮއިންޓް ލިބުނު 450 މީހުންގެ ނަމެވެ. އެމީހުންގެ ތެރެއިން ފުލެޓް ލިބޭނީ ގުރުއަތުން ހޮވޭ 75 ފަރާތަކަށެވެ.
ފުލެޓްތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އޮޓެމެޓިކުން ފުލެޓް ލިބުނު 470 މީހުންގެ ތެރޭގައި 45 ދެމަފިރިން ހިމެނޭތީ އެމީހުންގެ ތެރެއިން ކޮންމެވެސް އެކަކު ޖެހޭނީ ފުލެޓް ދޫކޮށްލަން ކަމަށެވެ. އަދި އެހެންވެ ފުލެޓް ލިބޭ މީހުންގެ އަދަދު އިތުރު ކުރީ ކަމަށް ހައުސިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ކުރިން ހަމަޖެހިފައި އޮތީ ފުލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ 450 މީހަކަށް ފުލެޓް ދޭ ގޮތަށެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ އިތުރު ކޮށްފަ އެވެ.