22 Jan 2013, 14:53
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ނ. މާފަރުގައި އެއާޕޯޓެއް އެޅުމަށް ވެފައިވާ އެއްބަސްވުމާ އެކު ނޫނު ހޮލްޑިންގްސް އިން ސަރުކާރަށް ހަތް މިލިއަން ޑޮލަރު (108 މިލިއަން ރުފިޔާ) ދީފައިވާ ކަމަށާއި ނަމަވެސް އެގްރިމެންޓް ބާތިލް ކުރި އިރު، އެ ފައިސާ އަނބުރާ ދީފައި ނުވާ ކަމަށް އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނ. މާފަރު އެއާޕޯޓް މައްސަލާގައި ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީ އަށް ވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ ނޫނު ހޮލްޑިންގްސް އިން ހަތް މިލިއަން ޑޮަލަރު ސަރުކާރަށް ދެއްކީ އޭރުގެ ސަރުކާރުން އަމަލުކުރަމުން ދިޔަ އުސޫލުގެ މަތިން ކަމަށެވެ.
"މި އެގްރިމެންޓްގައި ސޮއި ކުރުމާއެކީގައި ކުރީގެ ސަރުކާރުން 2008 [މައުމޫންގެ ސަރުކާރުން]ގައި ހަމަޖެހިފައި އޮތް އުސޫލެއްގެ ތެރެއިން 10 އަހަރުގެ ކުލީގެ ގޮތުގައި ފިނޭންސް މިނިސްޓްރީއަށް [އެފައިސާ އެޑްވާންސްކޮށް]ނެގި،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އެހެން ވިދާޅުވުމުން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ އެ ފައިސާއަކީ ޕްރޮޖެކްޓްގެ އެޑްވާސް ފައިސާގެ ގޮތުގައި ސަރުކާރަށް ދެއްކި ހަތް މިލިއަން ޑޮލަރު ކަމަށެވެ.
ނާޒިމް ވިދާޅުވީ ނ. މާފަރުގައި އެއާޕޯޓް އެޅުމަށް ޓަކައި ބޭރު ކުންފުންޏަކާއި ރާއްޖޭގެ ބަޔަކު ހިއްސާވީ ކުންފުންޏަކާއެކު އެއާޕޯޓް އެއްބަސްވުމުގައި ސޮއި ކުރީ ޖެނުއަރީ 22، 2008 ގައި ކަމަށެވެ. އަދި އެއާޕޯޓް ހަދާގޮތަށް އެ ކުންފުންޏަށް ނ. ހުވަދުމާވައްޓަރު ކިޔާ ފަޅުރަށެއް ދީގެން 200 އެނދުގެ ރިސޯޓެއް ދިނުމަށް އެއްބަސްވި ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެ އެއްބަސްވުން ފުރަތަމަ ވެފައި ވަނީ ރ. ކަނދޮޅުދޫ ނެލިވަރު، އިސްމާއިލް އާތިފް ނަމަކަށް ކިޔާ ބޭފުޅަކާ ކަމަށާއި ނަމަވެސް ފަހުން އެ އެއްބަސްވުން ނޫނު ހޮލްޑިންގްސްއަށް ފަހުން ބަދަލު ކުރި ކަމަށެވެ. ރާއްޖޭގެ ބަޔަކާއި ބޭރުގެ ކުންފުންޏެއް ހިއްސާވާ ނޫނު ހޮޓެލްސްއާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން 25 އަހަރަށް ހިންގާ ގޮތަށް އެއާޕޯޓެއް ހެދުމަށާއި ޔޮޓް މެރީނާއަކާއި 200 އެނދުގެ ޓްރާސްސިޓް ހޮޓަލެއް ނ. މާފަރުގައި އެޅުމަށް އެއްބަސްވި ކަމަށެވެ. އަދި ނ. މާފަރުގައި ނަރުދަމާ އާއި ބަނދަރެއް ހަދަން އެއްބަސްވި ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައި "މަޖުބޫރު ކުރުވައިގެން" އެގްރިމެންޓަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެގޮތުން ގެނެސްފައިވާ ބަދަލުގައި ބިން ހިއްކައިގެން އަޅަން އުޅުނު އެއާޕޯޓުގެ ރަންވޭގެ ބައެއް މާފަރުގެ ރަށުގެ ތެރެއަށްވާ ގޮތަށް ހެދުމަށް އެއްބަސްވި ކަމަށެވެ. އަދި 80 ހެކްޓަރުގެ ބިން ހިއްކުމަށް ވެސް އެއްބަސްވި ކަމަށެވެ. ނަމަވެސް އެ މަސައްކަތް އެ ކުންފުންޏަށް ނުވެގެން ދިގުލައިގެން ދިޔަ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ދެން ނ. މާފަރު އެއާޕޯޓް ހެދެން އޮތީ ސީއެސްއާރުގެ ދަށުން އެއާޕޯޓް ހަދާ ބަޔަކަށް ރިސޯޓެއް ދީގެން އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި އެގޮތަށް އެކަން ކުރާނަމަ ދެ މަސްދުވަހުގެ ތެރޭގައި އެއާޕޯޓް ހަދާނެ ބަޔަކު ލިބޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އެއާޕޯޓެއް ހަދަން ބަޔަކު އައިސް ވަކިން އެއާޕޯޓެއް ހަދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މި ހަމަ ޖެހޭނީ ސީއެސްއާރު ކޮންޕަންޑެއްގެ ގޮތުގައި އެއާޕޯޓް ހަދާ ބަޔަކަށް ސަބްސިޑައިޒް ކުރުމަށްޓަކައި ރިސޯޓެއް ނުވަތަ ފަޅު ރަށެއް ދޭންޖެހޭނީ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެ މަސައްކަތަކީ ނޫނު ހޮޓެލްސްއާ އެކު ވެފައިވާ އެއްބަސްވުން އުވާލުމަކީ "ރިސްކް" ބޮޑު ކަމެއް ކަމަށާއި ސަބަބެއް ކަމަށް ވިދާޅުވީ ބަދަލު ހޯދުމަށްޓަކައި އެ ކުންފުނިން ކޯޓަށް ދާނެ ކަމަށާއި އަދި ކޯޓުން ވަގުތީ އަމުރެއްކޮށްފި ނަމަ ނ. މާފަރުގައި އެއާޕޯޓް އަޅަން އޮތް ބިން އެހެން ބަޔަކަށް ހަވާލު ނުކުރެވި ދިގުލައިގެން ހިނގައިދާނެ ކަމަށެވެ.
---
ނޯޓު: މި ހަބަރު ފުރަތަމަ ރިޕޯޓް ކުރި އިރު މާފަރުގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ހަތް މިލިއަން ޑޮލަރު ދެއްކި ކަމަށް ރިޕޯޓްކޮށްފައި ވަނީ ލިއުމުގެ އޮޅުމަކުންނެވެ. ރަނގަޅު ގޮތަކީ ނޫނު ހޮޓެލްސް އިން ސަރުކާރަށް ހަތް މިލިއަން ޑޮލަރު ދެއްކުމެވެ. ވީމާ އެ ކުށަށް މައާފަށް އެދެމެވެ.