22 Jan 2013, 14:43
އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ފަންޑުން ހަރަދުކޮށްގެން ވިލިމާލޭގާއި ގާއިމްކޮށްފައިވާ ޕްރީސްކޫލް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލުމުން މިހާތަނަށް ހަތް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ނައިބް އިބްރާހިމް އިސްމާއިލް މިއަދު ވިދާޅުވީ ވިލިމާލޭގައި ސަރުކާރުން އަޅަމުން ގެންދާ ޕްރީސްކޫލްގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާ ކަމަށާއި އެ ސްކޫލް ހިންގާނެ ބަޔަކު ހޯދުމަށް މި މަހުގެ 16 ވަަނަ ދުވަހު އިޢުލާންކޮށްފައި ވަނީ އެކަށީގެންވާ ޕްރީސްކޫލެއްގެ ހިދުމަތެއް އެ އަވަހުގައި ހިންގުމު ބޭނުމުގައި ކަމަށެވެ.
"އެސްކޫލް ހިންގާނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ ހުޅުވާލައިފައި، މިހާރު ވެސް އެކަމަށް ގިނަ ބަޔަކު ޝައުގުވެރިކަން ގެންދަނީ ފާޅުކުރަމުން. ބޭނުމަކީ ނަމޫނާ ޕްރީ ސްކޫލެއް ހިންގުން ބޭނުމަކީ، މިހާރު އެ ސްކޫލް ވަނީ މިނިސްޓްރީއާ ހަވާލުކޮށްފައި." އޭނާ ވިދާޅުވި އެވެ.
އަށް ކްލާސް ރޫމާާއި މަލްޓި ޕާޕަސް ހޯލަކާއި އިދާރީ މަސައްކަތްތައް ކުރާނެ އޮފީސް ބަޔަކާ އެކު ތަރައްގީކޮށްފައިވާ އެ ސްކޫލްގެ މުޅި މަޝްރޫއަށް ގާތްގަނޑަކަށް 5.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކޮށްފައިވާ އިމާރާތެކެވެ.
އެޑިއުކޭޝަންގެ ޑިރެކްޓާ މުހައްމަދު ވަހީދު މިއަދު ވިދާޅުވީ ސްކޫލް ހިންގުމަށް ހުޅުވާލި ފުރުސަތު މިހާތަނަށް ހުށަހަޅާފައިވާ ހަތް ފަރަތަކީ ވެސް ދިވެހިން ކަމަށާއި އެ ސްކޫލް ހިންގުން ހަވާލުކުރާނީ އެންމެ ރަނގަޅު ޕްރޮޕޯޝަލެއް ހުށަހަޅާ ފަރާތަކާ ކަމަށެވެ.