އީރާނުގައި މަގު ފޭރުމަރުމަށްފަހު އެ މަންޒަރު ވީޑިއޯކޮށް ޔޫޓިއުބުގައި ޝާއިއުކުރި ދެ ޒުވާނަކު "ދީނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރީ" ކަމަށް ކަނޑައަޅައި އެމީހުންނަށް މަރުގެ އަދަބު ދޭން ހުކުމްކޮށް އިއްޔެ ހެނދުނު ދަންޖައްސައިގެން މަރުގެ އަދަބު ދީފިއެވެ.

ޢުމުރުން 23 އަހަރުގެ ޢަލީ ރިޒާ މަފީހާ އާއި 20 އަހަރުގެ ޢަލީ ސަރްވަރީގެ މައްޗަށް ފޭރުމުގެ އިތުރުން "ﷲ އާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރީ" ކަމަށް ބުނެ އީރާނުގެ އިންގިލާބީ ކޯޓަކުން މަރުގެ ހުކުމް އިއްވާފައިވަނީ، ހުސްވި ޑިސެންބަރު މަހުގެ ފަހުކޮޅު ޔޫޓިއުބުގައި އާންމުވި ވީޑިއޯއަކާ ގުޅިގެންނެވެ.

ތިރީސް ހަތް ސިކުންތުގެ އެ ވީޑިއޯ ކްލިޕްގައި ފެންނަނީ އީރާނުގެ ވެރިރަށް ތެހެރާނުގެ މަގެއްގެ މަތީގައި މޫނުނިވާކޮށްގެން ތިބި ހަތަރު މީހަކު ސައިކަލެއްގައި ގޮސް މީހަކަށް ހަމަލާދީ އެމީހާގެ ދަބަހާއި ލައިގެން ހުރި ޖެކެޓް ފޭރިގަންނަ މަންޒަރެވެ. އަދި ހަމަލާ ދިނުމުގައި އޭގެތެރެއިން އެކެއްގެ އަތުގައި އޮތް ދިގު ކަނޑިއެއް ކަހަލަ ހަތިޔާރެއް ގެންގުޅޭ މަންޒަރު ވެސް ފެނެއެވެ. އެ ވީޑިއޯ ކުލިޕްވަނީ ފަހުން އީރާނުގެ ސްޓޭޓް ޓެލެވިޜަން އިން ވެސް ދުރަށް ދައްކާފަ އެވެ.

އީރާނިއަން ސްޓޫޑެންޓްސް ނިއުސް އޭޖެންސީ (އައިއެސްއެންއޭ) އާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އެ ދެޒުވާނުންގެ ތަހުގީގުގައި، އެ ދެ ޒުވާނުންގެ ތެރެއިން ޢަލީ ރިޒާ ވަނީ އޭނާގެ ކުށަށް އިއުތިރާފް ވެފައެވެ. އަދި އެ ކުށް ކުރެވުނީ އެމީހުންގެ ފަގީރުކަމުން ކަމަށް ތަހުގީގުގައި ބުނެފައި ވެއެވެ. އެހެން ނަމަވެސް އެ ދެޒުވާނުންގެ ކުށަށް އެއްވެސް ދޫ ދިނުމެއް ނެތި ކޯޓުން ހުކުން ކޮށްފައިވަނީ ފޭރުމާ ގުޅިގެން ދޭ އެންމެ ބޮޑު އަދަބު ދިނުމަށެވެ. އަދި އެކަމުގައި ބައިވެރިވި އަނެއް ދެމީހުންގެ މައްޗަށް ހުކުމް ކޮށްފައިވަނީ 70 އެތިފަހަރުން ތައުޒީރު ކުރުމަށާއި 10 އަހަރަށް ޖަލަށް ލުމަށެވެ.

އެ ދެމީހުންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ލުއިކުރުމަށް އެދި، އެ ދެ ޒުވާނުން ދަންޖައްސައި މަރާން ގެންދިޔަ ވަގުތު އެހިސާބުގަނޑަށް އެއްވެފައި ތިބި އާންމުންގެ ގިނަބަޔަކު ރޮއި އާދޭސް ކުރިކަމަށް ވެއެވެ. އެހެން ނަމަވެސް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އީރާނުގެ ތަންފީޒީ އިދާރާއިން ވަނީ އާދީއްތަ ދުވަހުގެ އިރު އަރައިގެން އައި ވަގުތު އެ ދެޒުވާނުންނަށް މަރުގެ އަދަބު ދީފައެވެ.

އެ ދެ ޒުވާނުން ދަންޖެއްސި މަންޒަރު ވަނީ އެތައް ހާސްބައެއްގެ ފޯނުންނާއި ކެމެރާތަކުން ވީޑިއޯކޮށް ފޮޓޯނަގައި ސޯޝަލް ނެޓްވޯކްތަކުގައި ހިއްސާކޮށްފައެވެ.

ގިނަ ބަޔަކު ދަނީ އީރާނުން އެ ދެ ޒުވާނުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރި ކުރުމާ މެދު އީރާނުގެ ޒައާމަތަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

އީރާނުގެ ހެޑް އޮފް ޖުޑިޝަރީ ސަޢީދު ޞާދިޤު ލާރިޖާނީ ވިދާޅުވެފައި ވަނީ "އަހަރުމެންގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަރެމެންގެ ދުވަހު ކާނާއަށް ވުރެ ވެސް މުހިންމު އެއްޗެއް" ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި، މުރުތައްދުވެ މުސްލިމުންގެ އަދާވާތްތެރީންނާ ގުޅިގެން އިސްލާމީ މުޖުތަމައާ ދެކޮޅަށް މަސައްކަތްކުރާ މީހުންނާއި، އިރުހާބިއްޔަތުގެ އަމަލުތައް ހިންގާ މީހުންނާއި، ފޭރޭ މީހުންނާއި، މީހުންގެ އިއްފަތް ފޭރިގަންނަ މީހުންނާއި، ޒިނޭ ކުރާ މީހުންނާއި، އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް އީރާނުގެ ޝަރުއީ ނިޒާމުން ދެވޭ އަދަބަކީ މަރުގެ އަދަބެވެ.