22 Jan 2013, 14:03
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޖޭ ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުންޏަކަށް ގެސްޓްހައުސް އެޅުމަށް ކާށިދޫން ދޫކޮށްފައިވާ ބިމަށް ކުލި ނުދެއްކުމުން އަތުލައިފި އެވެ.
ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތޯން މިއަދު ސަންއޮންލައިނަށް ވިދާޅުވީ އެ ބިމަކީ 80 އެނދުގެ ގެސްޓް ހައުސްއެއް އެޅުމަށް އެ ރަށުން ދޫކޮށްފައިވާ 11000 އަކަފޫޓުގެ ބިމެއް ކަމަށާއި އެ ބިން ނެގީ ކުލި ނުދައްކާތީ ކަމަށެވެ. އަދި ވިދާޅުވީ އެ ބިން ދޫކޮށްފައިވާތާ 10 މަސް ވެފައިވާ އިރު އެއިގެ ތެރެއިން ކުލި ދައްކާފައި ވަނީ އެންމެ ތިން މަސް ދުވަހުގެ ތެރޭގައި ކަމަށާއި މަހަކު 15000ރ. ކުލީގެ ގޮތުގައި ދައްކަން ޖެހޭ އިރު ނުދައްކައިވާ ކުލީގެ އަދަދަށް 166،000ރ. އަށް އަރާ ކަމަށެވެ.
"އެ ބިމަކީ އަޅުގަނޑުމެން ދާއިރާގެ މެމްބަރު ޖާބިރުގެ ކުންފުންޏަކަށް ދޫކޮށްފައިވާ ބިމެއް. އެއްގޮތަކަށް ވެސް ކުލި ނުދައްކާތީ، އަޅުގަނޑުމެން މިއަދު ވާނީ އެ ބިން ނަގާފައި،" ސުލްތޯން ވިދާޅުވި އެވެ.
ޔޮޓްޓްއާޒް މޯލްޑިވްސްގެ ދަށުން ހިންގަމުންގެން އަންނަ ޖޭ ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުނީގެ ބިމެއް ނެގި މައްސަލާގައި އެ ކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓާ އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ ކާށިދޫގައި އެ ކުންފުނީގެ ބިމެއް އޮންނާނެ ކަމަށާއި ނަމަވެސް ކުލި ދައްކަން ޖެހޭ އެއްވެސް ތަނަކަށް އެ ކުންފުނިން ކުލި ނުދައްކައި ނޯންނާނެ ކަމަށެވެ. އަދި އެ ބިމުގައި އިމަރާތްކުރުމަށް އެ ކުންފުނިން ތައްޔާރަށް އޮތް ކަމަށާއި ނަމަވެސް އެ ބިން ރަސްމީކޮށް އެކުންފުންޏާ އަދި ހަވާލުނުކުރާ ކަމަށެވެ.