22 Jan 2013, 13:55
ދެ ފަހަރެއްގެ މަތިން ބާއްވަން އުޅެ، ހަމަނުޖެހުން ބޮޑުވެގެން ނުބޭއްވުނު އެފްއޭއެމްގެ އިންތިހާބު މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފައިވާ އިރު، އިންތިހާބުގައި ވިކްޓަރީން ވޯޓުލާންދާނީ ވަގުތީ ޗެއާމަން މުހައްމަދު ހަމީދު (އުމަރުބެ) ކަމަށް އެކުލަބުން ނިންމައިފި އެވެ.
ސަންއަށް ދެއްވި އިންޓަވިއުގައި ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އިސްމާއީލް ޒަރިޔަންދު ވިދާޅުވީ، ކުރީގެ ޗެއާމަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވައިފައި ވުމާއެކު އިންތިހާބުގައި ވިކްޓަރީގެ ފަރާތުން ވޯޓްލާނެ ފަރާތެއް ކަނޑައެޅުމަށް ނިންމީ އިއްޔެ އެކުލަބުން ބޭއްވި ބޯޑު މީޓިންއަށް ފަހު ކަމަށެވެ. އެގޮތުން ބޯޑުން ނިންމީ އިންތިހާބުގައި ވޯޓްލާން ދާނީ އުމަރުބެ ކަމަށެވެ.
ވިކްޓަރީގެ ޗެއާމަން ކަމުން އީވާ އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
ޒަރިޔަންދު ވިދާޅުވީ ވޯޓުލާ މީހާ ބަދަލުވި ނަމަވެސް ވިކްޓަރީގެ ބޯޑުގެ ނިންމުން ބަދަލު ނުކުރާ ކަމަށާއި އެގޮތުން ކުރިއަށް އޮތް އިންތިހާބުގައި ވެސް އެކުލަބުން ތާއީދު ކުރަނީ އެފްއޭއެމްގެ މިހާރުގެ ވެސް ރައީސް އަލީ އާޒިމަށް ކަމަށެވެ.
އެފްއޭއެމްގެ އިންތިހާބުގައި ވާދަ ކުރައްވަނީ މިހާރުގެ ރައީސް އަލީ އާޒިމާއި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދި އޭނާ އަށް ތާއީދު ކުރައްވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލްމުހުސިން ހަމީދު (ޖޭފޯ) އެވެ.
އެފްއޭއެމްގެ އިންތިހާބުގައި ވޯޓްލެވޭ ކުލަބްތަކަކީ ފުރަތަމަ ޑިވިޒަންގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝަނުން ތިން ކުލަބު އަދި ތިން ވަނަ ޑިވިޝަނުން ދެ ކުލަބާއެކު ޖުމުލަ 13 ކުލަބެވެ.
ޖަނަވަރީ 26 ވަނަ ދުވަހުގެރޭ 30: 8 ގައި އިންތިހާބީ ޖަލްސާ ބާއްވާއިރު ޕްރައިމަރީ ބާއްވަނީ ޖަނަވަރީ 25 ވަނަ ދުވަހު އެވެ. އެ ދުވަހު ހަވީރު 00: 4 ޖަހާއިރު ތިން ވަނަ ޑިވިޝަނުގެ ޕްރައިމަރީ ބާއްވާއިރު ދެ ވަނަ ޑިވިޝަނުގެ ޕްރައިމަރީ އޮންނާނީ އެދުވަހުގެ 5:00 ޖަހާއިރު އެވެ.
އެ އިންތިހާބު ދެ ފަހަރު ވެސް ލަސްވީ ޔުނައިޓެޑް ވިކްޓަރީގެ ވޯޓުގެ މައްސަލާގަ އެވެ. އެކުލަބުގެ ރައީސް އާޒިމަށް ޕްރޮކްސީ ދީފައިވީ ނަމަވެސް ކުލަބުގެ ބޯޑުގެ ގިނަ މެމްބަރުން ތާއީދު ކުރަނީ އިލްހާމަށެވެ. ނަމަވެސް ޕްރޮކްސީ ބަދަލު ކުރެވޭނެ ގޮތެއް ނެތުމުން ބޯޑުން ވަނީ އިންތިހާބުގައި ވާދަ ނުކުރަން ނިންމައިފަ އެވެ. މިކަމާ ހެދި ފުރަތަމަ އިންތިހާބު ބާއްވަން އުޅުނު ދުވަހު އިންތިހާބު ހުއްޓުވީ އިލްހާމަށް ތާއީދު ކުރާ ފަރާތްތަކުންނެވެ. ދެ ވަނަ ދުވަހު އާޒިމްގެ ޓީމުންނެވެ.