ޤާނޫނުގެ ފުރޭމުން ބޭރުން ހިނގާ ކަމެއްގައި އެއްބާރުލުން ނުދީގެން ނުކުންނާނެ ގާނޫނީ ނަތީޖާއެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ އަމިއްލަ ބްލޮގްގައި އޭނާ ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ކޯނީގެ ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށްކަން އެނގޭން އޮތް ނަމަ ވެސް އެކަމުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ މަސްއޫލިއްޔަތު ކޮމެޓީން މަސައްކަތް ކުރަމުން ދަނީ މަޖިލީހުގެ ގަވާއިދުން ބޭރުން ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު ވެސް ޝާހިދު އަރިހު ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް ޝާހިދުގެ ފަރާތްޕުޅުން މިއަދާ ހަމައަށް އެއްވެސް ޖަވާބެއް ދެއްވައިފައި ނުވާކަމަށެވެ. އެހެންކަމުން ކޯނީ ރިޕޯޓުގެ މައްސަލައިގައި މަޖިލީހުގެ ގަވާއިދުން ބޭރުން އެ ކޮމެޓީން އަމަލު ކުރަމުން ގެންދާ ނަމަ އެ ކޮމެޓީއަށް ޖަވާބުދާރީ ނުވުމަކީ ސަރުކާރަށް ކުރެވިދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

"މަޖިލީހުގެ ގަވާއިދާ ކަނޑައެޅިގެން ޚިލާފަށް ހިންގާ މަސައްކަތެއް ކަން ފާޅުގައި އެނގޭ ކަމަށް ޓަކައި، އަދި އެކަން ރަނގަޅު ކުރުމަށް މަޖިލީހުގެ ރައީސް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ، އަދި އެކަން ރަނގަޅު ކޮށް ދޭން އެޓާނީ ޖެނެރަލް އެދިވަޑައިގަތުމުން ވެސް، އެކަމާ އެއްވެސް ވަރަކަށް މަޖިލީހުގެ ރައީސް އަޅައިނުލައްވައި ކުރިއަށް ވަޑައިގެންފައިވާތީ، އެ މައުޟޫގައި މަޖިލީހުގެ ގަވާއިދުން ބޭރުން، އެ ކޮމިޓީން ކުރާ މަސައްކަތަށް އެއްބާރުލުން ނުދިނުމަކީ، ސަރުކާރަށް ކުރެވިދާނެ ކަމެއް." ނަޝީދު ވިދާޅުވި އެވެ.

އެގޮތަށް ސަރުކާރުން އަމަލު ކުރުމަކީ މަޖިލީހުގެ ހުރުމަތް ކަނޑައިލައި މަޖިލީހުގެ އިމްތިޔާޒަށް އުނިކަމެއް ލިބޭ ފަދަ ގޮތަކަށް އަމަލު ކުރުން ކަމަކަށް ނުބެލެވޭނެ ކަމަށާއި ކޯނީގެ ރިޕޯޓާ ގުޅިގެން މައުލޫމާތު ދިނުމަށް ކޮމެޓީ އަށް ހާޒިރު ނުވުމަކީ ސަރުކާރުން ގާނޫނު އަސާސީއާ ޚިލާފުވުން ކަމަކަށް ވެސް ނުބެލެވޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

"މަޖިލީހުގެ ޙުރުމަތް ކެނޑުން ކަމުގައިވާނީ، މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ގެނައުން ކަމުގައި ވާނީ، ޤާނޫނު އަސާސީއާ ޚިލާފުވީ ކަމުގައި ވާނީ، އެ ކޮމިޓީއާ ގަވާއިދުން ޙަވާލުވެގެންވާ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި އެ ކޮމިޓީގެ ގަވާއިދާއި މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ ކޮމިޓީން ޞައްޙަ ގޮތުގައި ކުރާ ކަންކަމުގައި އެއްބާރުލުން ނުދިނުމުން، ނުވަތަ އެ ކޮމިޓީން ޞައްޙަ ގޮތުގައި ކުރާ އަމުރުތަކަށާއި އެ ކޮމިޓީން ޞައްޙަ ގޮތުގައި އަންގާ އެންގުންތަކަށް ތަބާނުވުމުން." އޭނާ ވިދާޅުވެފައިވެއެވެ.

ނަޝީދު ވިދާޅުވީ މަސްއޫލީއްޔަތު ކޮމެޓީ އާއި އެކޮމެޓީގެ މަސައްކަތާ ދޭތެރޭ އެއްވެސް މައްސަލަ އެއް ނެތް ކަމަށެވެ. އަދި އެ ކޮމެޓީގެ މެންބަރުންނާއި ކޮމެޓީގައި ހިމެނިވަޑާއިގަންނަވާ އެމްޑީޕީގެ މެންބަރުންގެ ވެސް މައްސަލަ އެއް ނެތް ކަމަށެވެ. ހަމައެކަނި މައްސަލަ އަކީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފަރުދާގެ ފުރަގަހުގައި ހުންނަވައިގެން "ގަވާއިދު އޮޅާލައި، ނޭނގޭކަމަށް" ހަދައިގެން މަސައްކަތް ކުރުން ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު ދެކޭގޮތުގައި މައްސަލައަކީ، އެ ކޮމިޓީގެ މުޤައްރިރެއް ނޫން. އެ ކޮމިޓީގައި ތިބި އެމް.ޑީ.ޕީ. މެންބަރުންނެއް ވެސް ނޫން. އެމީހުން ވެސް އެމީހުންނަށް ސިޔާސީގޮތުން މަންފާއެއް ލިބޭން އޮތް ކަމެއްގައި ބާރަށް ހިފާނެކަން ޤަބޫލުކުރެވޭ. މައްސަލައަކީ، މަޖިލީހުގެ ރައީސް. އޭނާ ގަވާއިދު އޮޅާލައި، ނޭނގޭކަމަށް ހަދައިގެން ފަރުދާގެ ފުރަގަހުގައި ހުރެ، ހަމައެކަނި ސިޔާސީގޮތުން މުޅި މި ގޭމް ކުޅޭތީ. އެކަން ޤަބޫލުކުރަން އުދަނގޫވަނީ. " ނަޝީދު ވިދާޅުވެފައިވެއެވެ.