22 Jan 2013, 13:29
ސައުތު އޭޝިޔާ ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން އިންތިޒާމް ކޮށްގެން މިމަހުގެ 17 އިން 22ގެ ނިޔަލަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި ދެ ވަނަ ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމަށް ލިބުނި މުބާރާތުގެ ހަތަރު ވަނަ އެވެ.
މިސަރަހައްދުގެ ފަސްގައުމަކުން ބައިވެރިވި މުބާރާތުގެ އެންމެ ފަހުމެޗުގައި އިއްޔެ މެންދުރު ފަހު ބަންގްލަދޭޝް ޓީމާ ވާދަކޮށް ރާއްޖެ ބަލީވީ 69-54 ޕޮއިންޓުން ޕޮއިންޓުން ނެވެ. އަދި އެމެޗުމުން މޮޅުވުމުން ބަންގްލަދޭޝްގެ ޓީމު ވަނީ ލީގު އުސޫލުން ކުރިއަށް ގެންދިޔަ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ދެ ވަނަ ސާބާ ޗެމްޕިއަންޝިޕުގެ ތަށި އުފުލާލާފަ އެވެ.
މުބާރާތުގެ ދެވަނަ އަށް ދިޔައީ ޕާކިސްތާނު ޓީމެވެ. އަދި ތިންވަނައަށް ނޭޕާލުޓީމު، ހަތަރުވަނަ އަށް ރާއްޖެ ހޮވުނު އިރު މުބާރާތުގައި ކުޅުނު އެއްވެސް ވެމަކުން މޮޅުނުވެ ބޫޓާން ދިޔައީ އެންމެ ފުލަށެވެ.
މުބާރާތަށް ފުރުމުގެ ކުރިން ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ގައުމީޓީމުގެ ކޯޗު އަހުމަދު ފަޔާޒު (ފަޔާ) ބުނެފައި ވަނީ މިފަހަރު ވާދަކުރަން ޖެހޭ ޓީމުތަކަކީ އެވްރެޖްކޮށް ރާއްޖެއާ ދާދި އެއްފެންވަރެއްގެ ޓީމުތަކެއް ކަމަށެވެ. އެހެން ކަމުން ގައުމީ ޓީމަށް މިފަހަރު ރަނގަޅު ކާމިޔާބެއް ހޯދުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ރާއްޖޭގައި ތިބި ބާސްކެޓްބޯޅައިގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި މިފަހަރުގެ ޓީމުން ފެނުނު ކުޅުމަކީ ވޭތުވެ ދިޔަ ތަނުގައި ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމުން ފެނުނު ކުޅުމަށް ވުރެ ތަންކޮޅެއްދައް ކުޅުމެކެވެ. އެއީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ ވަނީ ނޭޕާލުޓީމުގެ އަތުން މޮޅުވެފަ އެވެ. އެހެން ނަމަވެސް މިފަހަރުގެ މުބާރާތުގައި ނޭޕާލު އަތުން ރާއްޖެ މި ވަނީ ބޮޑު ތަފާތަކުން ބަލިވެފަ އެވެ.
ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމު ޑާކާއިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ.