ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ގީނީ ޑިފެންޑަރު ރޭ މާލެ އަތުވެއްޖެ އެވެ.

ނިއުގެ މެނޭޖަރު ޝާޒް ހަބީބު މިއަދު ބުނީ، ޓީމާ އަލަށް ގުޅުނު ޑިފެންޑަރު މިއަދު އޮންނަ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށެވެ. އަދި އާ ޑިފެންޑަރުގެ އިތުރުން މިދިޔަ ސީޒަންގައި އެ ޓީމަށް ކުޅުނު ނައިޖީރިއާގެ ޑިފެންޑަރު ކިންގްސްލީ ޗުކްވުޑީ މި މަހުގެ 25 ވަނަ ދުވަހު މާލެ އަންނާނެ ކަމަށް ވެސް ސާޒު ވިދާޅުވި އެވެ.

މިދިޔަ އަހަރު ނިއުގައި މޮޅު ކުޅުމެއް ދެއްކި ކިންގްސްލީއާ ނިއުއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް ނިއު އިން ވަނީ ކުރިން ބުނެފަ އެވެ. އެކަމަކު ކިންގްސްލީ ވަނީ މިދިޔަ އަހަރު ނިއުއާ އެކު ދެ އަހަރު ދުވަހު އެއްބަސްވުމެއް ހަދައިފަ އެވެ.

ސާޒް ވިދާޅުވީ، މި އަހަރުގެ ސީޒަނާ ވެސް ޓީމް ކުރިމަތި ލާނީ ހުސްވި އަހަރުގެ ކާމިޔާބީ ހޯދުމުގެ އަޒުމުގައި ކަމަށެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ނިއުގެ ފަރިތަކުރުންތައް ފަށާފައިވާ އިރު، އެ ޓީމާ އަލަށް ގުޅުނު އާ ކޯޗު ވެލިޒާ ޕޮޕޯޕްގެ އިރުޝާދުގެ ދަށުން، މިދިޔަ ހުކުރު ދުވަހު ފ. އަތޮޅު ނިލަންދޫ ފުޓްބޯޅަ ޓީމާ އެކު ނިއު ކުޅުނު މެޗުން ވެސް އެޓީމް ވަނީ މޮޅުވެފަ އެވެ.

ނިލަންދޫ ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެ ރަށުގައި ނިއު ކުޅުނު މެޗް ކާމިޔާބު ކުރީ 5-1 ލަނޑުންނެވެ.

އާކޯޗް ވެލިޒާރު ޕޮޕޯފް އާއެކު ނިއުގެ އެސިސްޓެންޓު ކޯޗުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ނިއުގެ ޔޫތު ޓީމުގެ ކޯޗު ކުރީގެ މަޝްހޫރު ގޯލްކީޕަރު އިގުބާލް އާއި ކުރީގެ ގައުމީޓީމުގެ މަޝްހޫރު ފޯވަޑް ތޮއްޑޫ ނިޒާމެވެ. އަދި ސީޒަންގައި ނިއުގެ ކެޕްޓަނަކަށް އެ ޓީމުގެ ގައުމީ އެން ނަންބަރު ގޯލްކީޕަރު އިމްރާން މުހައްމަދު ހަމަޖެއްސުމަށް ފަހު، ވައިސް ކެޕްޓަން ކަމަށް ހަމަޖައްސާފައި ވަނީ ފޯވާޑް އަލީ އަޝްފާގާއި މުހައްމަދު އުމައިރެވެ.

މި އަހަރުގެ ސީޒަނުގައި ނިއު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެކުލަބުން ބިދޭސީ ޑިފެންޑަރެއް ގެނައި އިރު، ހުސްވި ސީޒަންގައި 400،000ރ. އަށް ވުރެ ކުޑަ ނޫން އަގަކަށް ނިއުރޭޑިއަންޓަށް ކުޅުނު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އިބްރާހިމް ފަޒީލް(އޮއްޕޮ) މި އަހަރުގެ ފުޓްބޯޅަ ސީޒަންގައި ނިއުއިން ނުފެންނާނެ އެވެ. އޭނާ މިހާރު ވަނީ ބީޖީއަށް ބަދަލުވެފަ އެވެ.