އިސްދޫ ކަލައިދޫ ބަނދަރު ސަރަހައްދުގައި މަރުވެފައި އޮއްވައި ފެނުނީ ސިކުނޑި ހަމަނުޖެހޭ ކުއްޖެއް ކަމަށް ރަށު އޮފީހުން ބުނެފި އެވެ.


ކަލައިދޫ ކަތީބު މުހަންމަދު ރަފީގު މިއަދު ވިދާޅުވީ ސިކުނޑި ހަމަނު ޖެހޭ، އެ ރަށު ނޫރާނީގެ އަހުމަދު ނާފިޒު، 17، ގެއްލިގެން ރަށު އޮފީހުގެ ފަރާތުން ހޯދަން ފެށީ ރޭ ކަމަށާއި ނަމަވެސް އާއިލާ އިން އޭނާ ހޯދުމުގެ މަސައްކަތް އިއްޔެ ހަވީރުން ފެށިގެން ފަށާފައިވާ ކަމަށެވެ.


ކަތީބު ވިދާޅުވި ގޮތުގައި- ބައްޕަ ނެތް އަދި މަންމަ ގުރައިދޫގައި ސިކުނޑީގެ ފަރުވާ ހޯދަމުންދާ- ނާފިޒު ދޯނިތައް އަޅާ ސަރަހައްދުގެ މޫދު އަޑިން ފެނުނީ އޭނާ ހޯދަމުންދާތާ 12 ގަޑިއިރު ފަހުން މިއަދު ހެނދުނު އިރުއަރަން ގާތްވެފައި ވަނިކޮށެވެ.


ރަށު އޮފީހުން ބުނި ގޮތުގައި ނާފިޒު ގެއްލުނު ކަން ރަށު އޮފީހަށް އަންގާފައި ވަނީ ރޭ ހަތެއް ޖަހަންގާތްވެފައި ވަނިކޮށް ކަމަށާއި އެއިރުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ރައްޔިތުން ފެށި ކަމަށެވެ.


"އިއްޔެ ރަށުގެ ހުޅަނގު ފަރާތު މޫދު ސަރަހައްދުގައި ހަވީރު 5:30 ހާކަންހާއިރު އޭނާ އުޅުކަން އެނގިފައި މި އޮތީ،" ކަތީބު ވިދާޅުވި އެވެ.


ރަށު އޮފީހުން ބުނީ ބަނދަރު ސަރަހައްދަށް ހާއްސަ ސަމާލުކަމެއްދީގެން ނާފިޒު ހޯދުމުގެ މަސައްކަތް ފެށީ އޭނާ އެންމެ ފަހުން ފެނުނީ އެ ސަރަހައްދުން ކަމަށް ވުމުން ކަމަށާއި އެ ސަރަހައްދު ބަލަމުން ދަނިކޮށް، ރޭގެ ދަންވަރު ދޭއް ޖަހަން ގާތްވެފައިވަނިކޮށް ފުރަތަމަ ފެނުނީ އޭނާ އަރައިގެން ހުރި ބޫޓްގެ ދެ ކިބަ ގޮޑުދަށަށް ލައްގާފައި ވަނިކޮށް ކަމަށެވެ.


"[ނާފިޒު] ހޯދަމުން ދަނިކޮށް އަޅުގަނޑުމެންނަށް ފެނުނީ އޭނާ އަރައިގެން ހުރި ބޫޓްގެ ދެކިބަ ލައްވެފައި އޮތްތަން،" ކަތީބު ވިދާޅުވި އެވެ. "އެހާ ހިސާބުން ޔަގީންވީ އޭނާ ވީ އެ ސަރަހައްދުގައި ކަން،"


ކަތީބު ވިދާޅުވީ މޫނު މައްޗާއި ފިންސާ އެކު ރައްޔިތުން ރޭ އެ ސަރަހައްދު ބެލި ކަމަށާއި ނަމަވެސް އިއްޔެ އަކީ ވަރަށް ވިއްސާރަ ދުވަހަކަށްވާތީ ބަނދަރު ތެރެ ވަރަށް ނުސާފުވުމުން ނާފިޒު ފެނުނީ މިއަދު ހެނދުނު ކަމަށެވެ.


ކަތީބު ވިދާޅުވީ ނާފިޒަކީ ފަތަން ދަންނަ ކުއްޖެއް ނޫން ކަމަށާއި ނަމަވެސް ފަހަކަށް އައިސް އޭނާ ވަރަށް ބޮޑަށް "މޫދާ ދޯޅު" ކަމަށެވެ.


ނާފިޒު ބަލަހައްޓަނީ އޭނާގެ އެއްބަނޑު ދައްތަ ކަމަށް ރަށު އޮފީހުން ބުންޏެވެ. އަދި އޭނާގެ މަންމަ ގުރައިދޫގައި ހުންނަތާ އަށް އަހަރު ވެދާނެ ކަމަށް ވެސް ރަށު އޮފީހުން ބުންޏެވެ.