22 Jan 2013, 13:21
ޖަޒީރާ ނޫހުގެ ކުރީގެ ނޫސްވެރިޔާ ހދ. ނާވައިދޫ ގުލްފާމްގޭ އަހުމަދު މުހުސިންގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި އަބުރުގެ ދައުވާ ޝަރީއަތަށް ސާބިތު ނުވާކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މުހުސިންގެ މައްޗަށް ޔާމީން އަބުރުގެ ދައުވާ ކުރެއްވީ ޖޫން 4، 2009ގައި ޖަޒީރާ ނޫހުގައި ޔާމީނާ ބެހޭ ގޮތުން މުހުސިން ލިޔެފައިވާ ޚަބަރެއްގެ ސަބަބުން އޭނާގެ އަބުރާއި އިއްޒަތަށް ގެއްލުން ލިބިފައިވާ ކަމަށް ބުނެ އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނަނީ އަބުރާއި އިއްޒަތަށް ގެއްލުން ލިބިފައިވާ ކަމަށް ބުނެ ގެއްލުމުގެ ބަދަލު މުހުސިންގެ އަތުން ނަގައި ދިނުމަށް އެދި ޔާމީން އެ ދައުވާ ކޮށްފައިވާ އިރު ދައުވާގެ އަސްލަށް މުހުސިން އިންކާރުކޮށްފައިވާ ކަމަށެވެ.
ދައުވާގެ އަސްލަށް މުހުސިން އިންކާރުކޮށްފައިވާ އިރު ޖޫން 4، 2009ގައި ޖަޒީރާ ނޫހުގައި ޔާމީނާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުން ލިޔުނީ މުހުސިން ނޫން ކަމަށް އެ ނޫހުގެ އެޑިޓަރު ފައްޔާޒު ފައިސަލާއި ޑެޕިއުޓީ އެޑިޓަރު މުހައްމަދު ލަތީފް ޝަރީއަތުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ. އަދި އެލިޔުން ލިޔެފައި ވަނީ މުހުސިންކަން ސާބިތުކޮށްދޭނެ ހެއްކެއް ގަރީނާއެއް ނެތުމުން އެލިޔުން ލިޔެފައި ވަނީ މުހުސިންކަން ޝަރީއަތަށް ސާބިތު ނުވާތީ ދައުވާގައި ނަގައިދުނުމަށް ޔާމީން އެދިވަޑައިގަތް ބަދަލު މުހުސިންގެ އަތުން ނަގައިދެވެން ނެތް ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.
"....ޖަޒީރާ ނޫހުގެ 4 ޖޫން 2009 ވަނަ އަދަދުގައި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބެހޭގޮތުން ލިޔެފައިވާ ލިޔުން ލިޔެފައި ވަނީ އަހުމަދު މުހުސިން ނޫންކަމަށް އޭނާ ޝަރީއަތުގައި ބުނެފައިވުމާއި އެ ލިޔުން ލިޔެފައި ވަނީ އަހުމަދު މުހުސިން ނޫންކަމަށް އެ ނޫހުގެ އެޑިޓަރު ފައްޔާޒު ފައިސަލާއި ޑެޕިއުޓީ އެޑިޓަރު މުހައްމަދު ލަތީފް ޝަރީއަތުގައި ބުނެފައިވާތީ އެލިޔުން ލިޔެފައި ވަނީ އަހުމަދު މުހުސިންކަން ސާބިތުކޮށްދޭނެ ހެއްކެއް ގަރީނާއެއް ނެތުމުން އެލިޔުން ލިޔެފައި ވަނީ އަހުމަދު މުހުސިންކަން ޝަރީއަތަށް ސާބިތު ނުވާތީ މި ދައުވާގައި ނަގައިދިނުމަށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިފައިވާ ބަދަލު އަހުމަދު މުހުސިންގެ އަތުން ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި ހުކުމް ކޮށްފީމެވެ." ސިވިލް ކޯޓުގެ ހުކުމްގައި ވެއެވެ.