22 Jan 2013, 13:17
ބިދޭސީންނާއި ދިވެހިން ކައިވެނި ކުރާ އިރު ފުރިހަމަ ކުރަން ޖެހޭ ޝަރުތުތައް ފުރިހަމަނުކޮށް ރާއްޖެ އިން ބޭރަށް ގޮސް ބިދޭސީންނާ ކައިވެނިކުރާ ދިވެހި އަންހެނުން އިތުރުވަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ "ސަން" އަށް މިއަދު ވިދާޅުވީ ރާއްޖެ އިން ބޭރުގައި ކައިވެނި ކުރުމަށް ފަހު އެނބުރި ރާއްޖެ އައިސް އެ ކައިވެނި ކޯޓުގައި ވެސް ރެޖިސްޓްރީނުކޮށް އުޅެމުން އަންނަ ކަމަށާއި އެ މައްސަލައަކީ އިމިގްރޭޝަނުން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ސިއްރާއި ފާޅުގައި ކުރެވޭ އެފަދަ ކައިވެނިތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިއުމަކީ އެކަމުގެ ސަބަބުން ދިވެހި ވަންތަކަމާއި ދިވެހިންގެ އާދަކާދައާ ސަގާފަތަށް ވެސް އުނިކަން ލިބޭނެ ކަމެއް ކަމަށެވެ. ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ނުރައްކާ ހުރި ކަމެއް ކަމަށެވެ.
"މިކޮޅުގައި ދިވެހިންނާއި ކައިވެނިކުރާ އިރު އެބަހުރޭ ވަކި ޝަރުތުތަކެއް ހަމަވާން ޖެހޭ. މިސާލަކަށް މުސާރަ އަށް ދިހަހާސް ލިބުމާއި އެ ކަހަލަ އެތައް ކަމެއް. އެހެންވީމާ އެކަހަލަ ޝަރުތުތަކެއް އެމީހުންގެ ހަމަނުވަނީ. ދެން މިހަދާ ގޮތަކީ ސްރީލަންކާ، އިންޑިއާ އަށް ގޮސް ކައިވެނި ކުރަނީ. ދެން މިކޮޅަށް އައިސް އެ ކައިވެނިތައް ރެޖިސްޓްރީ ވެސް ނުކުރޭ،" މުހައްމަދު އަލީ ވިދާޅުވި އެވެ.
ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތައް އިތުރުވަމުން އަންނަ ދުވަސްވަރެއްގައި ބިދޭސީންނާ ކައިވެނިކުރާ އިރު ސިއްހީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަނުކޮށް ސިއްރުން ކުރާ އެފަދަ ކައިވެނިތަކުގެ ސަބަބުން ރާއްޖޭގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު ވެސް މުހައްމަދު އަލީ ދެއްވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރަން އަންނަ ގިނަ މީހުންނަކީ ދިވެހިންނާއި އަޅާބަލާ އިރު ސިއްހީ ހޭލުންތެރިކަމާއި ސާފުތާހިރުކަން ވެސް ވަރަށްކުޑަ ބައެއް ކަމަށެވެ. އެހެންކަމުން ގައިންގަޔަށް އަރާ ފާޑުގެ ބަލިތަކާއި އެނޫން ވެސް ނުރައްކާތެރި ބަލިތައް މިފަދަ ކުޑަކުޑަ މުޖުތަމައުއެއްގައި އެމީހުންގެ ފަރާތުން ފެތުރުން އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
"މީގެ އެންމެ ނުރައްކާތެރި ކަމަކީ އެމީހުންނާ ކައިވެނިކުރާ އިރު ސިއްހީ ގޮތުން ބަލާފައިތޯ އެ ކައިވެނި ކުރަނީ. ކޮންމެ ފަދަ ނުރައްކާތެރި ބައްޔެއް ހުރި މީހަކަށް ވެސް ވެދާނެ. މިހާރު އެއިޑްސް ޖެހިފައިތިބި މީހުން ވެސް އެބައުޅޭ. ހެޕަޓައިޓިސް ހުރި މީހުން ވެސް އެބައުޅޭ. އަނެއްކާ އެމީހުން ނުވެސް ބުނާނެ އެކަހަލަ ބައްޔެއް ހުއްޓަސް. މި ގޮތަށް ގިނައިން ކައިވެނި ކުރަނީ ވެސް ބަނގްލަދޭޝް މީހުންނާ. އެ ގައުމުން ބޭހަށް ނުގުޑާ ޓީބީގެ އާ ވައްތަރެއް ވެސް ފެނިގެން އެބައުޅޭ. ރާއްޖޭގައި ވެސް އެބަލި އުޅޭ ކަމަށް ސިއްހީ ދާއިރާ އިން ވަނީ ބުނެފައި. ޗިކަން ގުންޔާ ވެސް އައީ އެ ދިމާލުންކަމަށް މި ލަފާކުރެވެނީ. އެހެންވީމާ މިއީ ވަަރަށް ބިރުހުރި ކަމެއް،" މުހައްމަދު އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް އާއިލާ އާ ބެހޭ ކޯޓާ މިހާރު މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އަދި އެކަން ހައްލުކުރެއްވުމަށް އެ ކޯޓާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު މިހާރު އުޅެނީ 160،000 ގައެވެ. އޭގެ ތެރޭގައި ގަވާއިދާއި ޚިލަފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 40000 ނޫނީ 50000 ވަރު އުޅޭނެ ކަމަށް އިމިގްރޭޝަނުން އަންދަޒާ ކުރެ އެވެ.