ތ. ހިރިލަންދޫގައި 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އެ ރަށު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކުޑަ އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގި މައްސަލައެއްގެ ތުހުމަތުގައި އެ ރަށުން 39 އަހަރުގެ ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހާދީފައިވާ ކަމަށެވެ.

ހިރިލަންދޫ ކައުންސިލްގެ ރައީސް އަލީ ފާއިޒު މިއަދު ވިދާޅުވީ އެ އަމަލް ހިންގާފައި ވަނީ އެ އަންހެން ކުއްޖާ ދިރިއުޅޭ ގޭގައި މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށާއި އެމީހާއަކީ އެ އަންހެން ކުއްޖާގެ އާއިލާގެ ރައްޓެހި ކަމުގައި އެގެއަށް ގޮސް އުޅޭ އެ ރަށު މީހެއް ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ފިރިހެން މީހާއަކީ އެ އަންހެން ކުއްޖާގެ ދައްތައެއްގެ ރައްޓެހި ކަމުގައި އެ ގައަށްދާ މީހަކު. ދެން އެ އަމަލް ހިންގިކަން ފާޅާ އެރީ އަންހެން ކުއްޖާގެ ބޭބެއަކު ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާގެ ގާތް އަންހެން ކުއްޖަކަށް އެ ވާހަކަތައް ކިޔައިދިނުމާ ގުޅިގެން އޭނާގެ ބޭބެއެއްގެ ފަރާތުން، އެ ހިސާބުން އާއިލާ އިން އެ މައްސަލަ ރިޕޯޓް ކުރީ، އެފަދަ އަމަލެއް މީގެކުރިން އެމީހާ އެކުއްޖާއާ ހިންގި ކަމެއް އެނގިފައެއް ނުވޭ." ފާއިޒު ވިދާޅުވި އެވެ.