22 Jan 2013, 12:57
އޭޝިޔާގެ މަޝްހޫރު ޓްރެވަލް ގްރޫޕެއް ކަމަށްވާ ޑީތެމް ޓްރެވަލް ގްރޫޕް (ޑީޓީޖީއެމް) އިން ރާއްޖޭގައި ސިންގަޕޯ އެއާލައިންސްގެ ޕެސެންޖާ ސޭލްސް އެޖެންސީ (ޕީއެސްއޭ) އޮފީހެއް ހުޅުވައިފި އެވެ.
މިދިޔަ މަހު ހުޅުވި ޑީތެމް ޓްރެވަލް ދަ މޯލްޑިވްސް (ޑީޓީޓީއެމް)ގެ އޮފީސް ރަސްމީކޮށް ލޯންޗުކުރުން އޮތީ ރޭ ޓްރޭޑާސް ހޮޓަލުގަ އެވެ. އެ ހަފްލާގައި ޑީޓީޖީގެ ބައެއް އިސްފަރާތްތަކާއި ޑީޓީޓީއެމްގެ މުވައްޒަފުންނާއި އަދި ސިންގަޕޯ އެއާލައިންސް ޖެނެރަލް މެނޭޖާ މޯލްޑިވްސް ޖިމީ ކީ ބައިވެރިވެފައިވެ އެވެ.
ޑީޓީޓީއެމްގެ މެނޭޖަރު ބިޒްނަސް ޑެވެލޮޕްމަންޓް އިބްރާހީމް ޝިފާހް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހިދުމަތްދޭ އެއް އެއާލައިން ކަމަށްވާ ސިންގަޕޯ އެއާލައިންގެ ޕެސެންޖާ ސޭލްސް އޭޖެންޓަކަށް ޑީޓީޓީއެމް ވުމުން އޭގެ ފައިދާ ރާއްޖޭގެ ޓޫރިޒަމަށް ކުރާނެ އެވެ.
"މިއީ ރާއްޖޭގެ ޓޫރިޒަމަށް ވެސް ހުޅުވިގެން ދިޔަ ދޮރެއް. އަދި އަޅުގަނޑުމެން ސިންގަޕޯ އެއާލައިންސްގެ ޕީއެސްއޭ އެއްގެ ގޮތަށް ހަމަޖެހުމުން އަޅުގަނޑުމެންގެ ޖެނެރަލް ޕަބްލިކަށް ވެސް އަދި ސިންގަޕޯ އެއާލައިންސް އިން ދަތުރުކުރައްވާ ބޭފުޅުންނަށް ވެސް ވަރަށް ރަނގަޅު ހިދުމަތެއް އަޅުގަނޑުމެންގެ ފަރާތުން ލިބިގެން ދާނެ އަދި އިތުރު ފުރުސަތުތައް ވެސް ހުޅުވިގެން ދާނެ،" ޝިފާހު ވިދާޅުވި އެވެ.
އެ ހަފްލާގައި ސިންގަޕޯ އެއާލައިންސް ޖެނެރަލް މެނޭޖަރު މޯލްޑިވްސް ޖިމީ ކީ ފާހަގަ ކުރެއްވި ގޮތުގައި ޑީތެމް ޓްރެވަލް ގްރޫޕަކީ މީގެ ކުރިން ވެސް ވަރަށް ގާބިލުކަމާ އެކު ޓްރެވަލްގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ކުންފުންޏަކަށް ވުމުން ރާއްޖޭގައި ސިންގަޕޯ އެއާލައިންސްގެ ޕީއެސްއޭކަން އަލަށް މިދެވުނު އޭޖެންޓުން ވެސް ދިވެހި ރައްޔިތުންނަށާއި އަދި އަދި އެ އޭޖެންސީގެ އެހެނިހެން ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދޭނޭ ކަމަށް އޭނާ ވަރަށް ބޮޑަށް ޔަގީން ކުރަށްވަ އެވެ.
ޑީޓީޓީއެމް އިން ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި އެއާ ޓިކެޓްސްގެ އިތުރުން އެ އޭޖެންސީ މެދުވެރިވެގެން ސިންގަޕޯއެއާލައިންސް އިން އޭޝިޔާގެ ގައުމުތަކަށް ދަތުރު ކުރާ ފަރާތްތަކަށް ޓްރެވަލް ސާވިސަސް އާއި ޑެސްޓިނޭޝަން މެނޭޖްމަންޓް ސާވިސް ދެވެ އެވެ.
ޑީތެމް ޓްރެވަލް ގްރޫޕުން 55 އަހަރު ދުވަހުގެ ތަޖުރިބާއާ އެކު ހިދުމަތްތައް ދެމުން އަންނަ އިރު އެތަނުން ވަނީ 2006، 2008، 2009، އަދި 2010 ވަނަ އަހަރު އޭޝިޔާގެ ބެސްޓް ޓްއާ އޮޕަރޭޓާއަށްދޭ އެވޯޑް ހާސިލް ކޮށްފަ އެވެ.