ފުލުހުންގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަދި މިހާރު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ފަޔާޒް (އެފްއޭ) އިސްކޮ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 މީހުން ހޯދުމުގެ ހުއްދަ މިއަދު އިލެކްޝަން ކޮމިޝަނުން ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނެޝަނަލް އިންޑަސްޓްރިއަލް އެލަޔަންސް (އެންއައިއޭ)ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް ދޫކުރި ހުއްދަ ހަވާލުކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު އެވެ. އަދި އެ ހުއްދަޔާ ހަވާލުވެވަޑައިގަތީ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ފަޔާޒް(އެފްއޭ) އެވެ.

މިހާރު ރާއްޖޭގައި 16 ސިޔާސީ ޕާޓީއެއް އުފައްދާފައިވާ އިރު އަލަށް އުފައްދެވުމަށް މަސައްކަތްކުރާ އެންއައިއޭ އަކީ ރާއްޖޭގައި އުފެއްދުމަށް މަސައްކަތްކުރާ 17 ވަނަ ސިޔާސީ ޕާޓީ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ފަޔާޒް(އެފްއޭ) ވިދާޅުވީ އެ ޕާޓީއަކީ ރައްޔިތުނަށް އިގްތިސާދީ މިނިވަންކަމެއް ހޯދައިދިނުމާއި ސަރުކާރުގެ އެހީއާއި އެހެނިހެން އެހީތައް ހޯދައިގެން ރާއްޖޭގެ ވިޔަފާރި ކުންފުނިތަކާއި މެދުފަންތީގެ ވިޔަފާރިތަކާއި ސިނާއަތްތައް "ރިވޮލިއުޝަން" އެއްގެ ގޮތުގައި ކުރިއަށް ދާނެ ގޮތްތަކެއް ރޭވުމަށް އުފައްދާ ޕާޓީއެއް ކަމަށެވެ.

"ކޮންމެ ފަދަ މަސައްކަތަކަށް ވިޔަސް، މިސާލަކަށް މަސްވެރިކަންކުރަން ބޭނުންވިޔަސް ދަނޑުވެރިކަން ކުރަން ބޭނުންވިޔަސް، ގެސްޓްހައުސް ހިންގަން ބޭނުންވިޔަސް،... އެއިގެން ކޮންމެ ކަމަކީ އިގްތިސާދީ ފައިދާއެއް ކުރާނެ ކަމަކަށްވާ ނަމަ އަޅުގަނޑުމެންގެ ޕާޓީ އިން މަސައްކަތްކުރާނަމޭ އެ ފަރާތްތަކަށް އިންވެސްޓްމެންޓް ހޯދައިދިނުމާ އެކު ދިވެހިނަށް ބޭނުންވާ ވަޒީފާތައް ހޯދައިދިނުން،" ފުލުހުންގެ ހިދުމަތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ މުހައްމަދު ފަޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ޕާޓީއެއް ސަރުކާރުގައި އޮތް ނަމަވެސް އެ ސަރުކާރަކާ އެކީ މަސައްކަތް ކުރުމަށާއި 2013ގައި އިންތިހާބު ކާމިޔާބުކުރާ ޕާޓީއެއްގެ ސަރުކާރާ އެކީ ގުޅިގެން މަސައްކަތްކުރުމަށް އެ ޕާޓީ އިން ބޭނުންވާ ކަމަށާއި ނަމަވެސް ރާއްޖޭގެ ސިޔާސީ ބައެއް ޕާޓީތަކަށް ބަލާ އިރު އެ ޕާޓީ އިން ގަބޫލުނުކުރާ ފިކުރުތަކާއި އިސްލާމްދީނާ ހިލާފު ކަންތައްތައް ކުރާ ޕާޓީތައް ހަރަކާތްތެރިވާ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި 3000 މެމްބަރުން ހަމަކުރައްވާނެ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ މިހާރަކަށް އައިސް ބައެއް ރައްޔިތުނަށް ނޭނގި ބައެއް ސިޔާސީޕާޓިތަކަށް ވައްދާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި އެހެންކަމުން ސިޔާސީ ޕާޓީތަކުން އެގޮތަށް އަމަލު ނުކުރުމަށް އިލްތިމާސްކުރެއްވި އެވެ. އަދި ވިދާޅުވީ ރާއްޖޭގައި މިހާތަނަށް 16 ސިޔާސީ ޕާޓީ ރަޖިސްޓްރީކޮށްފައިވާ އިރު އެއިގެ ތެރެއިން ހަރަކާތްތެރި ވަނީ މަދު ޕާޓީއެއް ކަމަށެވެ. ނަމަވެސް އެންމެ ފަހުން އުފެދުނު ޕީޕީއެމް އާއި އެމްޑީއޭގެ ހަރަކާތްތެރިކަން އޭނާ ފާހަގަކުރެއްވި އެވެ.