ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ބެއްޗުގެ ސައްޚަ ކަމާ މެދު ސުވާލު އުފައްދައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ޝެޑިއުލްކޮށްފި އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ވަކީލަކު މިއަދު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ހައި ކޯޓުން ކުރިން ބުނެފައި ވަނީ ދެން އޮންނާނީ އެ މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ކަމަށެވެ.

ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ވަކީލަކު ވިދާޅުވީ ނަޝީދުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަކީ ގަނޫނީ ގޮތުން ސައްހަ ފަނޑިޔާރުންގެ ބެންޗެއްކަމަށް ހައިކޯޓުން ކަނޑައަޅައިފި ނަމަ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ވެސް ގާނޫނީ ޓީމުން ނިންމާފައިވާ ކަމަށެވެ.

"ރައީސް ނަޝީދާ ދެކޮޅަށް އެ މައްސަލަ ހައިކޯޓުން ނިމިއްޖެ ނަމަ އަޅުގަނޑުމެން ސުޕްރީމް ކޯޓަށް ދާނަން،" ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ވަކީލަކު ވިދާޅުވި އެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދާ ނަޝީދުގެ ޝަރީއަތުގެ އިތުރު އަޑުއެހުމެއް ނުބޭއްވި ގިނަ ދުވަސްތަކެއްވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާ އިރު، ނަޝީދު ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައާ މެދު އެ ކޯޓުން ގޮތެއް ކަނޑައަޅަންދެން އެމަނިކުފާނުގެ ޝަރީއަތް ވަގުތީ ގޮތުން ހުއްޓާލުމަށް ހައިކޯޓުން ވަނީ ހުޅުމާލޭ ކޯޓުގެ މައްޗަށް އަމުރުކޮށްފަ އެވެ.

ހައި ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލަ ނަޝީދާ ދެކޮޅަށް ނިމިއްޖެ ނަމަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނަޝީދުގެ ގާނޫނީ ޓީމުން ނިންމާފައިވާ އިރު، ނަޝީދާ އެއްކޮޅަށް އެ މައްސަލަ ނިމިއްޖެ ނަމަ ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ނަޝީދުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ސައްހަކަމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ނުބެލެވެ އެވެ.