އާޓިފިޝަލް ބީޗްގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ރޭ 9:15 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ބިދޭސީ މީހާ އަށް ހަމަލަދީ ބޯފަޅަލާ ލުމާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާ އެކު އެ މީހާ އޭޑީކޭ އަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.

ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލު ވިދާޅުވީ އޭނާގެ ބޮލުގެ ވާތްފަރާތުންނާއި ބުރަކަށީގެ އަރިމަތިން ޒަޚަމްކޮށްލާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ އިރު، އެ ހާދިސާ ހިނގަން މެދުވެރިވީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ބިދޭސީ މީހާގެ އަތުގައި އޮތް ފޯނެއް ފޭރިގަންނަން ބަޔަކު އުޅުމުން ނެވެ.