ސަރުކާރު މަސްއޫލިއްޔަތު ކޮމިޓީ އަށް ވަޒީރުންނާއި ސަލާމަތީ ބާރުތަކުގެ ބޭފުޅުން ހާޒިރު ނުވުމަށް ނިންމާފައިވަނިކޮށް އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ނާޒިމާއި އެޑިޔުކޭޝަން މިނިސްޓަރު ޑޮކްޓަރު އާސިމް ކޮމިޓީ އަށް ވަޑައިގެންފި އެވެ.

އެ ދެ ބޭފުޅުން ކޮމެޓީއަށް ހާޒިރުނުވެއްޖެނަމަ، ކޮމެޓީގެ އަމުރެއް ނެރެން އިއްޔެ ފާސްކޮށްފައި ވަނިކޮށް އެ ދެ ބޭފުޅުން މިއަދު ކޮމެޓީއަށް ވަޑައިގެންނެވީ ނ. މާފަރުގައި ކުރަމުންދާ އިހްތިޖާޖާ ގުޅިގެން ރައްޔިތުން ކަންބޮޑުވާކަންތަކާ ބެހޭ ގޮތުން ކޮމެޓީއަށް ޖަވާބުދާރީ ކުރުވުމަށެވެ. ކޮމެޓީއަށް ވަޑައިގެން އެ ދެ ބޭފުޅުން ވެސް ވަނީ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ.

ކޯނީ ރިޕޯޓްގެ ދިރާސާއަށް ކޮމެޓީއަށް ދެއްވާފައިވާ މައުލޫމާތުތައް އާންމު ކުރި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނިންމާފައި ވަނީ ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީއަށް ހާޒިރު ނުވުމަށެވެ. ނަމަވެސް ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ޝަރީފު ވިދާޅުވެފައި ވަނީ ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅުންހުރި ކަންތައްތަކުގައި ސަރުކާރުން ކޮމެޓީއަށް ޖަވާބުދާރީވާންޖެހޭނެ ކަމަށެވެ. އަދި އެ ބޭފުޅުން ހާޒިރު ނުވެއްޖެނަމަ މަޖިލީހުން އަމުރެއް ނެރުމަށް ވޯޓް ދެއްވި އެމްޑިޕީގެ މެންބަރުންނާ އެއްކޮޅަށް ޝަރީފު ވަނީ ވޯޓު ދެއްވާފަ އެވެ.