22 Jan 2013, 10:40
އެކާވީސް އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އިއްޔެ ބީޖީ 1-0 އިން ބަލިކޮށް ވެލެންސިޔާ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމް ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. ނަމަވެސް ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އެމެޗުގެ ހަމައެކަނި ލަނޑު ވެލެންސިޔާއަށް ކާމިޔާބު ކޮށްދިނީ ދެ ވަނަ ހާފުގެ 83 ވަނަ މިނެޓުގައި އާދަމް ނުހާދެވެ.
އިއްޔެގެ މެޗުން ވެލެންސިޔާ މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެ ޓީމް އޮތީ ގްރޫޕްގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު އެވެ. ދެ ވަނާގައި ތިން ޕޮއިންޓާއެކު އޮތީ ނިއުރޭޑިއަންޓެވެ. އަދި އެއަދަދަށް ޕޮއިންޓް ލިބިގެން ތިން ވަނާގައި ވިކްޓަރީ އޮތް އިރު ކުޅުނު ދެ މެޗުން ވެސް ބަލިވެ ގްރޫޕްގެ އެންމެ ފުލުގައި އޮތީ ބީޖީ އެވެ.
ގްރޫޕުގެ ފަހު މެޗުގައި ވެލެންސިޔާ ދެން ބައްދަލުކުރާނީ ނިއުރޭޑިއަންޓާ ދެކޮލަށެވެ. މިމެޗް ކުޅޭނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
މުބާރާތުގައި މިއަދު ހަވީރު 4:00 ޖަހާއިރު ކުޅޭނީ ގްރޫޕް ސީގެ އީގަލްސް އާއި ކެލާ ނާޅި ސްޕޯޓްސް އެވެ. މިއަދުގެ މެޗަށް އެ ދެ ޓީމް ނިކުންނައިރު ގްރޫޕްގެ އެއް ވަނަ މަގާމްގައި އީގަލްސް ތިން ޕޮއިންޓާއި ފައިދާ ފަސް ގޯލާ އެކު އޮތް އިރު، ކެލާ ނާޅި އޮތީ ތިން ޕޮއިންޓާ އެކު ފައިދާ އެއްގޯލާއެކު ދެ ވަނަ މަގާމްގަ އެވެ.
ޖުމްލަ 12 ޓީމު ތިން ގްރޫޕަކަށް ބަހާލައިގެން ކުޅޭ މުބާރާތް ކުރިއަށް ގެންދާނީ ގްރޫޕް ސްޓޭޖުގައި ޓީމުތައް ވާދަކޮށް ނިމޭ އިރު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމާއި، އަދި ތިން ގުރޫޕް އެއްކޮށް ތިން ވަނަ އަށް އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމާ އެކު ޖުމްލަ އަށް ޓީމު ކުއާޓާ ފައިނަލުގައި ވާދަކުރާ ގޮތަށެވެ.