22 Jan 2013, 10:35
ރާއްޖޭގައި ފުޓްބޯޅައަށް ލޯބިކުރާ ޒުވާން ކުޅުންތެރިންނަށް އެ ރޮނގުން ކުރިއަށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަންމަނިކު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި، ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ޝަރަފުގައި، އެމަނިކުފާނުގެ ދެކަނބަލުން ރޭ މުލީއާގޭގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ މުބާރާތެއްގައި 23 އަހަރުން ދަށުގެ ގައުމީ ޓީމް ހޯދި ކާމިޔާބީއަކީ، ހުރިހާ ދިވެހިންވެސް ވަރަށް ބޮޑަށް ފަހުރުވެރިވެ، އުފާކުރި ކާމިޔާބީއެއް ކަމަށާއި ފުޓުބޯޅައިގެ ދާއިރާއިން ޒުވާނުންނަށް ކުރިއަށް ދިޔުމުގެ ފުރުސަތު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
"ބައިނަލްއަގްވާމީ މުބާރާތެއްގައި 23 އަހަރުން ދަށުގެ ގައުމީ ޓީމް ހޯދި ކާމިޔާބީއަކީ، ހުރިހާ ދިވެހިންވެސް ވަރަށް ބޮޑަށް އެކަމަށްޓަކައި ފަހުރުވެރިވެ، އުފާކުރި ކާމިޔާބީއެއް. ޒުވާން ކުޅުންތެރިންނަށް އެ ރޮނގުން ކުރިއަށް ދިޔުމުގެ ފުރުސަތު ހޯދައިދިނުމަށް އިރާދަކުރެއްވިއްޔާ ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދުގެ ވާހަކަފުޅުގައި، ފުޓުބޯޅަ ޕްރެކްޓިސް ކުރުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކުގެ މައްޗަށް ބައްލަވާލައްވައި، އެކަންތައްތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން އަވަސް މުސްތަގުބަލެއްގައި ހުޅުމާލެއާއި ވިލިމާލޭގައި ޕްރެކްޓިސް ކުރެވޭނޭފަދަ ނިޒާމެއް ސަރުކާރުން ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމަށް އެފްއޭއެމުންނާއި އެކިއެކި ފުޓްބޯޅަ ކްލަބްތަކުން، ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސް ވަހީދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ރޭ އިރާކޮޅު މުލީއާގޭގައި އޮތް އެރަސްމިއްޔާތުގައި ރައީސް ވަހީދު ވަނީ ރާއްޖެއަށް ފަހުރުވެރި ރީތި ނަމެއް ހޯދައިދިން ކަމަށްޓަކައި ގައުމީ ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓާއި އަދި އެފްއޭއެމްގެ ހުރިހާ ވެރިންނަށާއި ފުޓްބޯޅައިގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ވަހީދުގެ ދެކަނބަލުންގެ އިތުރުން ޔޫތުމިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފާއި އެފްއޭއެމްގެ ވެރިންނާއި އަދި ބައެއް ކުލަބުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.