22 Jan 2013, 10:29
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ ކޮއްކޯފުޅު އަބުދުﷲ ޔާމީން ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ 800 މިލިޔަން ޑޮލަރުގެ ތެލުގެ "ވަގު" ވިޔަފާރީގެ މައްސަލަ ތަހުގީގު ކުރުމަށް ގައުމީ ސަލާމަތު ކޮމެޓީން ސިންގަޕޫރަށް ކުރާ ދަތުރަށް ސިންގަޕޫރުގެ މަޖިލީހުން އެއްބާރުލުން ދިނުމަށް އެދި މަޖިލީހުން ދެންނެވުމަށް ކޮމެޓީން އަންގައިފި އެވެ.
ގައުމީ ސަލާމަތު ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމެޓީގެ މުގައްރިރު ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ 800 މިލިއަން ޑޮލަރުގެ މައްސަލާގައި ސިންގަޕޫރުގެ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ އިދާރާ އާއި އެ ގައުމުގެ ފުލުހުންނަށް ބައްދަލުވެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ސިންގަޕޫރުގެ މަޖިލީހުގައި އެދުމަށް ރައްޔިތުންގެ މަޖިލީހުން ސިޓީއެއް ފޮނުވުމަށް އަންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި މަޖިލީހުން އެގޮތަށް އެދެން ޖެހެނީ ފޮރިން މިނިސްޓްރީން އެ މައްސަލާގައި ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ނުލިބޭތީ ކަމަށެވެ. މޫސާ ވިދާޅުވި ސިންގަޕޫރުގެ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ އިދާރާ އާއި އެ ގައުމުގެ ފުލުހުންނާ ބައްދަލު ކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ފޮރިން މިނިސްޓްރީގައި އެދުމުން ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެކަން ހަމަޖެއްސުމަށް ދެ ހަފްތާ ބޭނުންވާ ކަމަށެވެ.
ގައުމީ ސަލާމަތު ކޮމެޓީން މިދިޔަ 2011 އަހަރުން ފެށިގެން ތަހުގީގު ކުރަމުންދާ މައްސަލާގައި ކޮމިޓީން ވަނީ ސިންގަޕޫރާއި މިޔަންމާއާއި މެލޭޝިޔާ އަށް ދަތުރު ކުރުމަށް ނިންމާފަ އެވެ. އަދި އެ ދަތުރު މިމަހުގެ 20 ގައި ފެށުމަށް ނިންމާފައިވިޔަސް، އެ ގައުމުތަކުގެ ތަހުގީގީ އިދާރާތަކާ ބައްދަލު ކުރެވޭނެ ގޮތް ހަމަނުޖެހުމުން ދަތުރުވަނީ ފަސްކޮށްފަ އެވެ.
ސިންގަޕޫރާއި މެލޭޝިޔާއާއި ބަރުމާ އަށް ކޮމެޓީގެ މެންބަރުން ދަތުރުފުޅު ކުރެއްވުމަށް ނިންމާފައިވާ އިރު، 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ މައްސަލާގައި އިންޑިއާގެ ދަ ވީކުގައި ޝާއިރު ކުރި ރިޕޯޓްގައި ބުނަނީ ތެލުގެ "ވަގު" ވިޔަފާރި ހިންގާފައި ވަނީ އެސްޓިއޯގެ ސިންގަޕޫރު މޯކަމް ކުންފުނިން ކަމަށެވެ. އަދި މެލޭޝިއާގެ މޯކަމް ކުންފުންޏަކާ ގުޅިގެން ރާއްޖެ އަށް އަގުހެޔޮކޮށް ވިއްކާ ތެޔޮ، އެ ކުންފުނި މެދުވެރިކޮށް "ވަގަށް" ބަރުމާއަށް ވިއްކާފައިވާ ކަމަށެވެ.