22 Jan 2013, 09:28
ރިޔާޟް (ޖަނަވަރީ 22): ޢަރަބި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ފައިދާ އާއި މަންފާލިބޭނެ ޢަރަބި އިޤްތިސާދީ ނިޒާމެއް ވުޖޫދަށް ގެނައުމަށް މިސްރުގެ ރައީސް މުޙައްމަދު މުރުސީ އަރަބި ލީޑަރުންނަށް ގޮވާލައްވައިފި އެވެ.
ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޟްގައި އިއްޔެ ފެށުނު ޢަރަބި ގައުމުތަކުގެ އިޤްތިސާދީ އަދި އިޖްތިމާޢީ ތަރައްޤީގެ ތިން ވަނަ ސަމިޓްގެ އިފްތިތާޙީ ޖަލްސާގައި ވާހަކަ ދައްކަވަމުން މުރުސީ ވިދާޅުވީ ޢަރަބި ގިނަ ގައުމުތަކެއްގެ އިގްތިސާދު ވަނީ ވަރަށް ދަށް ޙާލަތެއްގައި ކަމަށާއި ޢަރަބި ގިނަ ގައުމުތަކެއްގައި ޒުވާނުންގެ ގިނަ ބަޔަކު ތިބީ ވަޒީފާނެތި މާޔޫސްވެފައި ކަމުގަ އެވެ. މުރުސީ އަރަބި ވެރިންނަށް ގޮވާލެއްވީ ޔޫރަޕްގައި 1970ގެ އަހަރުތަކުގައި އުފެއްދި ބާވަތުގެ ކޮމަން މާކެޓެއް ޢަރަބި ގައުމުތަކުގެ މެދުގައި އުފެއްދުމަށެވެ. އަދި ޢަރަބި ގައުމުތަކަށް އިގްތިސާދީ ގޮތުން އެހީތެރިވުމުގެ ގޮތުން ޢަރަބި ވިޔަފާރވެރިން ވެސް ޢަރަބި ގައުމުތަކުގައި އިންވެސްޓްކުރުމަށް އިސްކަން ދިނުމަށް މުރުސީ ގޮވާލެއްވި އެވެ.
ރިޔާޟްގައި އިއްޔެ ފެށުނު ޢަރަބި ގައުމުތަކުގެ އިގްތިސާދީ އަދި އިޖްތިމާޢީ ތަރައްޤީގެ ތިން ވަނަ ސަމިޓް އިފްތިތާޙް ކޮށްދެއްވީ ސަޢޫދީ ވަލީއުލްޢަހްދު ސަލްމާން ބިން އަބްދުލްޢަޒީޒެވެ. ސަމިޓް އިފްތިތާޙް ކުރުމުގެ ގޮތުން އޭނާ ސަމިޓްގައި އިއްވަވައި ދެއްވީ ސައޫދީ ރަސްގެފާނު ޢަބްދުﷲގެ ޚިތާބެކެވެ. މިޚިތާބުގައި ޢަބްދުﷲ ބާރުއަޅުއްވާފައި ވަނީ ޢަރަބި ގައުމުތަކުގެ އެއްބައިވަންތަ ކަމުގެ މައްޗަށާއި ޢަރަބި ގިނަ ގައުމުތަކަށް ކުރިމަތިވެފައިވާ ފަގީރުކަމާއި ބަލިމަޑުކަމާއި ވަޒީފާނެތުމާއި ޢުމްރާނީ ތަރައްޤީގެ އިންފްރާސްޓްރަކްޗާ ބަލިކަށިވުމުގެ މައްސަލަ ޙައްލުކުރުމަށް ޢަރަބި ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށެވެ.
މިސަމިޓުގައި ޢަރަބި އެތައް ގައުމެއްގެ އެންމެ އިސްވެރިން ބައިވެރިވަޑައިގަންނަވަ އެވެ. މީގެތެރޭގައި މިސްރުގެ ރައީސްގެ އިތުރުން ޤަތަރުގެ އަމީރާއި ފަލަސްތީނުގެ ރައީސާއި ލުބްނާނުގެ ބޮޑުވަޒީރާއި ޖިބޫތީގެ ރައީސް ހިމެނިވަޑައިގަންނަވަ އެވެ. މީގެއިތުރުން ޢަރަބި ވިޔަފާރިވެރިންނާއި ކުންފުނިތަކުގެ ވެރިންނާއި އިގްތިސާދީ އަދި އިޖްތިމާއީ ތަޖްރިބާކާރުންގެ 500 އެއްހާ ބޭފުޅުން މިސަމިޓްގައި ބައިވެރިވެވަޑައިގަންނަވަ އެވެ. ސަމިޓްގެ އެޖެންޑާގައި އިސްކަން ދީފައި ވަނީ ޢަރަބި އެއްގައުމުން އަނެއް ގައުމުގައި އިންވެސްޓްކުރުމަށާއި މިނިވަން ވިޔަފާރީގެ ޢަރަބި ސަރަޙައްދެއް ޤާއިމް ކުރުމުގެ އިތުރުން ޢަރަބި ގައުމުތަކުގެ ތައްލީމާއި ސިއްޙަތާ ބެހޭ ދާއިރާތައް ތަރައްގީ ކުރުމާއި ފަގީރުންގެ ނިސްބަތް ދަށްކުރުން ފަދަ މައްސަލަ ތަކަށެވެ.
ޢަރަބި ގައުމުތަކުގެ އިގްތިސާދީ އަދި އިޖްތިމާޢީ ތަރައްގީގެ ފުރަތަމަ ސަމިޓް ބާއްވާފައި ވަނީ 2009ގައި ކުވައިތުގަ އެވެ. ދެވަނަ ސަމިޓް 2011 ގައި މިސްރުގަ އެވެ. (އަލްޖަޒީރާ)