ޚަބަރުތަކުން އިރުއިރުކޮޅާ މިއަޑުއިވޭ ބޯޑަރކޮންޓްރޯލް ސިސްޓަމަކީ ކޮން އެއްޗެއްތޯ އެވެ؟ އެއީ ރާއްޖެ އެތެރެވާ މީހުންނާއި ފުރާމީހުން ގެ މައުލޫމާތު ކޮމްޕިއުޓަރުގައި ރެކޯޑް ކުރުމަށް އެއަރޕޯޓު ތަކުގައި ގާއިމުކުރާ އިލެކްޓްރޯނިކް ނިޒާމެކެވެ. އެއީ އެންމެ ދެމިލިޔަނެއްހާ ޑޮލަރަށް ގަނެވޭނެ ނިޒާމެއް ކަމުގައި އެންމެން އިއްތިފާގު ވާއިރު، މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏަށް ފަންސާސް މިލިޔަން ޑޮލަރު ލިބޭގޮތަށް ނަޝީދުގެ ސަރުކާރުން މި މަޝްރޫއު ވަނީ ނެކްސްބިޒް އާއި ހަވާލުކޮށްފައެވެ.

ފަންސަވީސް އަހަރުވަންދެން ބޯޑަރކޮންޓްރޯލް ނިޒާމް ނެކްސްބިޒް އާއި ހަވާލުކުރުމުން ރާއްޖެއިން ފުރާ ކޮންމެ މީހަކާއި އަންނަ ކޮންމެ މީހެއްގެ އަތުން ނެކްސްބިޒް އަށް ޓެކްސް ލިބޭނެ އެވެ. ހަމަ އެއާއި އެކު ވޯކްޕާމިޓް ކާޑް ހައްދާ ކޮންމެ ބިދޭސީއެއްގެ ފަރާތުން ވެސް ނެކްސްބިޒް އަށް ފައިސާ ލިބޭނެ އެވެ.

މިމަޝްރޫއުގައި ރާއްޖޭގެ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އާއި މެލޭޝިއާގެ ނެކްސްބިޒާ އެކު ސޮއިކުރެވުނު އިރު އިމިގްރޭޝަންގެ ވެރިއަކަށް ހުންނެވީ މިހާރުގެ ރައީސް ޑރ. ވަހީދުގެ ޅިޔަނު އިލްޔާސް ހުސެއިން އެވެ. ނަޝީދުގެ ވެރިކަން ބަދަލުވެ، ޑރ. ވަހީދަށް ރައީސްކަން ލިބިވަޑައިގަތުމުން ޖީ.އެމް.އާރު އަތުން ހުޅުމާލޭ އެއަރޕޯޓް އަތުލުމުގެ މައްސަލަ މެކުހަށް ޖަހާފައިވާ އިރު ބޯޑަރކޮންޓްރޯލް ނިޒާމުގެ އެގްރިމެންޓް އުވާލުމަށް ސަރުކާރުން މާބޮޑު ޝައުގުވެރި ކަމެއް ހުރި ތަނެއް ނުފެނެ އެވެ.

ހުޅުލޭ އެއަރޕޯޓަކީ ރާއްޖޭގެ މައި ދޮރާށި ކަމުގައި ވެފައި އެދޮރާށީގެ ކޮންޓްރޯލް ނާޖާއިޒު ގޮތުގައި ބޭރު ބަޔަކަށް ދިނުމަކީ މައްސަލައަކަށް ވާފަދަ ބޯޑަރކޮންޓްރޯލް ނިޒާމު ބިދޭސީ ބައެއްގެ އަތްމައްޗަށް ފަންސަވީސް އަހަރަށް، އެހާ ބޮޑު އަގެއްގައި ދޫކޮށްލުމަކީ ވެސް މައްސަލައެކެވެ.

ހުޅުލޭ އެއަރޕޯޓަކީ ރާއްޖޭގެ މައި ދޮރާށި ކަމުގައި ވަނީ ނަމަ ބޯޑަރ ކޮންޓްރޯލް ނިޒާމަކީ އެދޮރާށީގެ ތަޅުދަނޑިއެވެ. އެހެންކަމުން ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް ބިދޭސީ ދެކުންފުންޏަކަށް ކުރީގެ ސަރުކާރުން ދީފައިވާ ދިވެހި ގައުމުގެ މައި ދޮރާއްޓާއި އެދޮރުގެ ތަޅުދަނޑިވެސް އަނބުރާ ދިވެހިންގެ ކޮންޓްރޯލްގެ ދަށަށް އަންނަން ޖެހެއެވެ. މިދެކަމުގައި ވެސް ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ ހިތްވަރާއި، އިޚްލާސްތެރިކަން ދައްކަވަން ޖެހެއެވެ.

ޕީ.ޕީ.އެމް ގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ނޮވެމްބަރ ބާވީސް ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީ.ޕީ.އެމް ގެ ޕާލިމެންޓްރީ ގްރޫޕު ގެ ލީޑަރ އަބްދުﷲ ޔާމީން ވަނީ ބޯޑަރކޮންޓްރޯލް ނިޒާމުގެ މައްސަލާގައި ދިވެހި ރައްޔިތުންނަށް އުއްމީދު އާވާފަދަ ވާހަކައެއް ވިދާޅުވެފަ އެވެ. މުލަކު ދާއިރާގެ މެންބަރ ޔާމީން ވިދާޅުވީ ބޯޑަރކޮންޓްރޯލް ނިޒާމުގެ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލައި، އެމައްސަލަ ސަރުކާރުން ބަލަންޖެހޭ ކަމަށެވެ. ޖީ.އެމް.އާރު މައްސަލާގައި ދިވެހިރައްޔިތުންނަށް އެއަރޕޯޓު ހޯދައިދިނުމުގައި އިސްކޮށް މަސައްކަތްކުރާ އެއްޕާޓީ ކަމުގައިވާ ޕީ.ޕީ.އެމް ގެ ނައިބު ލީޑަރ ޔާމީން ވިދާޅުވީ ޖީ.އެމް.އާރު މައްސަލައިގެ ވާހަކަ ދައްކާ ފަދައިން ނެކެސްބިޒާއެކު އެއްބަސްވެފައިވާ ބޯޑަރކޮންޓްރޯލް ނިޒާމުގެ ވާހަކަ ވެސް ދައްކަން ޖެހޭ ކަމަށެވެ.

މިދެމައްސަލަ މިހާ ބޮޑުވެގެން އުޅޭ ސަބަބަކީ ބޭރު ބަޔަކަށް މިދެމަސައްކަތް ދިގު މުއްދަތަކަށް ހަވާލުކުރުމެއް ނޫނެވެ. މައްސަލައަކީ ދުވާލުގެ އިރު ފެންނަ ފަދައިން މިދެކަމުގައި ވެސް ކަރަޕްޝަނަށް މަގުފަހިވާ ބޮޑެތި މައްސަލަ ތަކެއް ފެންނަން ހުރުމެވެ. ބޭރުގެ އިންވެސްޓްމެންޓުތައް ރާއްޖެއަށް ކުރިން ވެސް އާދެއެވެ. އަދި ކުރިއަށް އޮތްތާގައި ވެސް ﷲ އިރާދަފުޅު ކުރެއްވިއްޔާ އަންނާނެ އެވެ. ނަމަވެސް ބޭރުގެ އިންވެސްޓްމެންޓްތައް ވެސް އަންނަން ޖެހޭނީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ލާބަ އާއި މަންފާ ހުރި ގޮތުގައެވެ. ގައުމީ ސަލާމަތަށް ނުރައްކާ ނުވާ ގޮތަށެވެ!

ކުރިއަށް އޮތްތަނުގައި ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް މިފަދަ މަޝްރޫއުތައް ދިނުމުގެ ފުރުސަތު ހަނިކުރުމަށް ޓަކައި އެންޓި ކަރަޕްޝަން ކަމިޝަން (އޭ.ސީ.ސީ) އަށް އިތުބާރު ތަކެއް ޤާނޫނުގެ ތެރެއިން ލިބިދޭން ޖެހެއެވެ. އޭ.ސީ.ސީ އެކޭ މިހާރު ދަތެއް ނެތް ސިންގާއެއް ފަދައެވެ. އެހެން ކަމުން ޤާނޫނުގެ ތެރެއިން މިފަދަ ބާރުތަކެއްދީ، އޭ.ސީ.ސީ ބާރުވެރި ކުރުވަން އެބަޖެހެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށީ ދެކުނުދާއިރާގެ މެންބަރ މުހައްމަދު ނަޝީދު ވަނީ އޭ.ސީ.ސީ ބާރުވެރިކުރުވުމުގެ ބިލެއް އެކުލަވާލައްވައި މަޖުލީހަށް ހުށަހަޅުއްވައި ފައެވެ. އެބިލަކީ ޤާނޫނީ ގޮތުން އޭ.ސީ.ސީ އަށް ހުރި ހުރަސްތައް ނައްތާލާނެ ބިލެއްކަމުގައި މާލިއްޔަތު ކޮމެޓީގެ މެންބަރ އަހުމަދު ނާޒިމު ވިދާޅުވެފައި ވެއެވެ. ނަމަވެސް މަޖުލީހުގައި ނުނިންމާ ފުނިޖަހާފައި ހުރި ބިލްތަކުގެ އަޑިއަށް މިބިލް ލާފައި އެތައް އަހަރަކު ވެސް ބޭއްވިދާނެ އެވެ. މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އިއްޒަތްތެރި ބެރުޖަހާ މީހުންނާއި، ދުންމާރިފުމޭ މީހުންނާއި، އިއްޒަތްތެރި ބޭފުޅުންގެ ނުފޫޒުން ރައްޔިތުންގެ މަޖުލިސް ސަލާމަތްކުރެއްވިގެން މެނުވީ ދައުލަތަށާއި ރައްޔިތުންނަށް މަންފާ ހުރި ބިލުތަކެއް އަވަސް ގޮތެއްގައި ފާހެއް ނުކުރެވޭނެ އެވެ.

ކޮންމެ ގޮތެއްވިއަސް މިވަގުތަކީ ދިވެހި ސަރުކާރާއި، ރައީސް ޑރ. ވަހީދުގެ ހިތްވަރާއި އިޚްލާސްތެރިކަން ދައްކަވަންޖެހޭ ވަގުތެވެ. ޖީ.އެމް.އާރު އަތުން އެއަރޕޯޓް މިނިވަން ކުރައްވައި، ނެކްސް ބިޒް އަތުން ބޯޑަރ ކޮންޓްރޯލް ނިޒާމް މިނިވަން ކުރައްވާފައި މެނުވީ އިއްޒަތްތެރި ރައީސް ވޯޓެއް ހޯއްދަވަން ދިވެހި ރައްޔިތުންގެ ކުރިމައްޗަށް ވަޑައި ނުގަންނަވައްޗެވެ! މިއީ ގައުމުދެކެ އިންތިހާއަށް ލޯބިވާ، އަދި މިގައުމުގެ އިސްލާމްދީން ދެކެ ނުލަހިކުލޯބިވާ ދިވެހި ދަރިއެއްގެ އިލްތިމާސެކެވެ.