22 Jan 2013, 09:02
އެޕަލް ސިޑަރ ވިނެގަރ އަކީ ވިނެގަރ ގެ ބާވަތެކެވެ. ނަމަވެސް މި ވިނެގަރ ގެ ތަފާތަކީ މިއަށް "ސިޑަރ" އާއި "އާފަލު" އަޅައިފައި ވުމެވެ. އެޕަލް ސިޑަރ ވިނެގަރ އަކީ ކެއްކުމުގެ އިތުރުން ހަށިގަނޑަށާއި ހަމަށް އަދި އިސްތަށިގަނޑަށް އޭގެ ފައިދާ އެތައް ގޮތަކުން ކުރާ އެއްޗެކެވެ. ސިއްހަތަށާއި ރީތިކަން ދަމަހައްޓަން މިހާ ފައިދާވާ އެއްޗެއްގެ ބޭނުން ހިފިދާނެ ގޮތްތަކަށް މި އާޓިކަލްގައި ބަލައިލާނަމެވެ.
1.ފޭޝަލް ޓޯނަރ
އެންމެ މުހިއްމުކޮށް އެޕަލް ސިޑަރ ވިނެގަރ ބޭނުން ކުރަނީ ޓޯނަރ އެއްގެ ގޮތަށެވެ. މިގޮތުން ކަފަ ކޮޅެއް އެޕަލް ސިޑަރ ވިނެގަރ އާއި ފެންފޮދަކަށް ލުމަށްފަހު ތެންމާލާށެވެ. އަދި މުޅި މޫނުގައި ހާކާށެވެ. މި ޓްރީޓްމަންޓް މޫނުގައި ނަގައިފައިވާ ބިހީގައި އެކަނިވެސް ހޭކިދާނެއެވެ. އަދި އެޕަލް ސިޑަރ ވިނެގަރ ފެނާއި އެއްކުރުމަށް ފަހު މޫނު ދޮންނަން ވެސް ބޭނުން ކުރެވިދާނެއެވެ. އޭރުން މޫނު އުޖާލާވެގެންދެއެވެ.
2.އިސްތަށިގަނޑު ދޮވުމަށް
އެޕަލް ސިޑަރ ވިނެގަރ އަކީ އިސްތަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. ހާއްސަކޮށް އިސްތަށިގަނޑު ހިކޭގޮތް ވެފައިވާނަމަ އަދި ފުނާ އަޅާ އިރު ފަސޭހައިން އިސްތަށިތައް ގޮށް ޖެހޭނަމަ އެޕަލް ސިޑަރ ވިނެގަރ އަކީ އޭގެ ފަރުވާއެކެވެ. ފެނާއި އެޕަލް ސިޑަރ ވިނެގަރ އެއްކުރުމަށް ފަހު (ފެނާއި އެޕަލް ސިޑަރ ވިނެގަރ އެއްކުރާ އިރު ދެބައި ވެސް އަޅަން ވާނީ އެއްވަރަކަށެވެ) ބޮލުގައި ހާކައި ބޯ މަސާޖްކޮށްލާށެވެ.
އެޕަލް ސިޑަރ ވިނެގަރ ބޯ ދޮވުމުގެ ކުރިން ނުވަތަ ފަހުން ވިއަސް އިސްތަށިގަނޑު ދޮވުމަށް ބޭނުން ކުރެވިދާނެ އެވެ. މި ބަޔާން ކުރި ތިން ގޮތުން ކުރެ އަމިއްލަ އަށް އެންމެ ފަސޭހަ ގޮތެއް އިހްތިޔާރު ކުރެވިދާނެއެވެ.
3.އިސްތަށި ފައިބާނަމަ
އިސްތަށި ފައިބާނަމަ އެޕަލް ސިޑަރ ވިނެގަރ އަކީ އެއަށް ދެވޭ ވަރަށް ރަނގަޅު ފަރުވާއެކެވެ. އެޕަލް ސިޑަރ ވިނެގަރ އަށް ޖެލަޓިން އަޅައިގެން ވެސް ބޭނުން ކުރެވިދާނެ އެވެ. ނުވަތަ ވަކިން ވެސް ބޭނުން ކުރެވިދާނެ އެވެ. ޝޭމްޕޫ އިން ބޯ ދޮވުމަށްފަހު އެޕަލް ސިޑަރ ވިނެގަރ ބޮލުގައި ހާކައިފައި 10 މިނިޓް ބަހައްޓާށެވެ. އޭގެ ފަހުން ދޮވެލާށެވެ. ބޭނުމިއްޔާ ރޭގަނޑު ނިދަމުން މި ޓްރީޓްމަންޓް ހާކައިގެން ވެސް ނިދިދާނެ އެވެ.
4.ބަރުދަން ލުއި ކުރުމަށް
އެންމެ ގިނައިން އެޕަލް ސިޑަރ ވިނެގަރ ބޭނުން ކުރަނީ ބަރުދަން ލުއި ކުރުމަށެވެ. އެގޮތުން އެކެއް ނުވަތަ ދެ މޭޒުމަތީ ސަމުސާ އެޕަލް ސިޑަރ ވިނެގަރ ފެންތައްޓަކަށް އެޅުމަށްފަހު ކާން ފެށުމުގެ ކުރިން ބޯލާށެވެ. ބޭނުމިއްޔާ ފެންތައްޓަށް މާމުއި ކޮޅެއް ވެސް ރަހަމީރު ކޮށްލުމުގެ ގޮތުން އެޅިދާނެ އެވެ.
ބައެއް މީހުން އެޕަލް ސިޑަރ ވިނެގަރ ގެ ދެ މޭޒުމަތީ ސަމުސާ ފެނާ ނުލައިވެސް ބޯލައެވެ. ނަމަވެސް މިހެންބޯކަމަށް ވާނަމަ ދަތަށް ސަމާލުވާން ޖެހޭނެއެވެ. އެއީ އެޕަލް ސިޑަރ ވިނެގަރ ގެ ސަބަބުން ދަތްތައް ރައްކާތެރިކޮށްދޭ "އެނަމެލް" މަޑުކޮށްލައެވެ. އަދި ހަނދާނުގައި ބަހައްޓަންޖެހޭ އެހެންކަމަކީ ބަރުދަން ލުއި ކުރަން މި ޓްރީޓްމަންޓް ބޭނުން ކުރިއަސް މި ޓްރީޓްމަންޓް ގެ ނަތީޖާ ފެންނަން ވަގުތު ނަގާނެކެވެ.
5.ނިދަން އުނދަގޫވާނަމަ
ނިދަން އުނދަގޫވާނަމަ އެޕަލް ސިޑަރ ވިނެގަރ އަކީ އެއަށް ބޭނުން ކުރެވިދާނެ ފަރުވާއެކެވެ. ހޫނުފެން ތަށްޓަކަށް އެޕަލް ސިޑަރ ވިނެގަރ ގެ އެއް މޭޒުމަތީ ސަމުސާ އާއި ބައި ސަމުސާ މާމުއި އަޅައި އެއްކޮށްލުމަށް ފަހު ބޯލާށެވެ. މި ޓްރީޓްމަންޓްގެ ސަބަބުން ނިދުމަށް ފަސޭހަވެގެންދެ އެވެ.
6.އަތާއި ފައިގެ ޓްރީޓްމަންޓް
ދުވަހުގެ ބުރަ މަސައްކަތަށް ފަހު ގެއަށްގޮސް ފައި މަސާޖްކޮށްލުމުން މީހާއަށް ތާޒާކަމާއި އަރާމުކަން ލިބެއެވެ. އެގޮތުން އެޕަލް ސިޑަރ ވިނެގަރ ބޭނުން ކޮށްގެން އަތާއި ފައި މަސާޖް ކޮށްލުމުން ހަތަރެސްފައިގެ ވަރުބަލިކަން ފިލައިދާނެ އެވެ. މި ޓްރީޓްމަންޓް އިން ހަށިގަނޑަށް ލިބޭ އަރާމުގެ އިތުރުން ފައިގައި ހުންނަ މަރުވެފައިވާ ހަންތަކުން ވެސް ރައްކާތެރިކޮށްދެ އެވެ.
7.ބޮލުގައި ހަންފޮޅުން
ބޮލުގެ އެކި ބޭނުން ތަކަށް އެޕަލް ސިޑަރ ވިނެގަރ ބޭނުން ކުރެވެއެވެ. އެގޮތުން ބޮލުގައި ހަންފޮޅޭނަމަ އެޕަލް ސިޑަރ ވިނެގަރ އެއަށް ފަރުވާއަކަށް ވެދެއެވެ. ފެނާއި އެއްވަރަށް އެޕަލް ސިޑަރ ވިނެގަރ އެއްކުރުމަށް ފަހު ބޮލުގެ ތަލައިގައި ހާކާށެވެ. ބޮލުގައި ޝަވަރ ކެޕް އެއް ނުވަތަ ޕްލާސްޓިކް ކޮތަޅެއް އެޅުމަށްފަހު އެކެއް ނުވަތަ ދެ ގަޑިއިރު ވަންދެން ބަހައްޓާށެވެ. އެއަށްފަހު ދޮވެލާށެވެ.
8.ހަންގަނޑު މަޑުކުރުމަށް
ފެންވަރާއިރު ދެ ތަށި އެޕަލް ސިޑަރ ވިނެގަރ އިން ހަށިގަނޑު ދޮވެލާށެވެ. އެއިރުން ހަންގަނޑު މަޑުވެ އޮމާން ވާނެއެވެ. ބޮޑަށް ރަނގަޅީ ބާތް ޓަބަށް އެރުމުގެ ކުރިން އެޕަލް ސިޑަރ ވިނެގަރ އެއަށް އެޅުމެވެ. އޭރުން ފެންވަރައި ނިމޭއިރު ހުންނާނީ ހަންގަނޑު މަޑުވެ އޮމާން ވެފައެވެ.