22 Jan 2013, 07:59
"ދިވެހިގައުމަށް ޓަކައި، ދިވެހި ލޮބުވެތި ރައްޔިތުނަށް ޓަކައި، މިގައުމުގެ އިގްތިސާދާއި މިނިވަންކަމަށް ޓަކައި، ލޮބުވެތި ރައްޔިތުންނާއި އިސްލާމް ދީނަށް ޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވާން އަޅުގަނޑު މިހިރީ ތައްޔާރަށް" މިއީ ސިޔާސީ ގިނަ ޕޯޑިއަމްތަކުން ވަރަށް ގިނައިން އިވޭ އަޑެކެވެ. ސިޔާސީ ފަރާތްތަކުގެ ވާހަކަތައް އެ މޭރުމުން ހުންނަނީ ދިވެހި ދައުލަތާ އެމީހުން ހަވާލުވެ ގައުމަށް ހިދުމަތް ކުރަން ނުވަތަ ސާފު ބަހުން ބުނާ ނަމަ ވެރިކަން ބޭނުންވެގެނެވެ. ތިމަންނާގެ ސަރުކާރުން ރައްޔިތުނަށްޓަކައި ކޮށްދޭން ބޭނުންވާ ކަންތައްތައް ގިނަ ވާހަކަ ވަރަށް ގިނައިން އަޑުއިވެ އެވެ. ނަމަވެސް ފަހުގެ ތާރީހެއްގައި ރާއްޖޭގެ ވެރިންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ނުވަތަ މަގާމު ފުރުއްވާފައިވާ ވެރިންގެ އިތުރުން ރައްޔިތުން އިންތިހާބު ކޮށްފައިވާ ގިނަ ފަރާތްތަކުގެ އަމަލުތައް ހުރިގޮތަށް ބަލާ އިރު އެބޭފުޅުން ރައްޔިތުން ދެކެ ވާ ލޯބި ވަރަށް ސާފުކޮށް އެހެންގޮތަކަށް ފެންނަން އެބައޮތެވެ.
ހަނދާނަށް އަންނަނީ 2005 ވަނަ އަހަރުގެ ކުރީކޮޅެވެ. އެއީ ރާއްޖޭގައި ސިޔާސީ "ކުޅިގަނޑު" އާންމުކޮށް ފެށިގެން ދިޔަ އަހަރެވެ. ސިޔާސީ ޕާޓީތައް އުފެދި އަމިއްލަ މީޑިއާތައް އުފެދި ފާޅުކުރަމުން ދިޔަ މިނިވަން ހިޔާލުތަކާއި މިނިވަން ބަހުސްތަކުގެ ތެރޭގައި އޭރުގެ ސަރުކާރާ އިދިކޮޅު އަދި މިހާރުގެ ވެސް އިދިކޮޅު އެމްޑީޕީ އިން އެންމެ ބޮޑަށް ދައްކަމުން ދިޔައީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިވެހި ދައުލަތުގެ ފައިސާ ނާޖާއިޒު ގޮތުގައި ބޭނުންފުޅު ކުރައްވަމުން ގެންދެވި ވާހަކަ އެވެ. އަދި ދިވެހި ރާއްޖެއަކީ މުއްސަނދި ގައުމެއް ކަމަށާއި އެބޭފުޅުންގެ ވެރިކަމެއްގައި ރާއްޖޭގެ މުއްސަނދިކަމުގެ ބޭނުން ހެޔޮގޮތުގައި ހިފައި ރާއްޖެ ތަރައްގީކޮށްދޭނެ ކަމުގެ މޮޅު އަދި ފޮނި ވާހަކަތަކެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރަށް އޭރު އެމްޑީޕީން ކީ ފާޑުކިޔުންތަކުގެ ތެރެއިން އެމްޑީޕީ އަށް ވެސް ފައިދާވި އަދި ރައްޔިތުން މައުމޫން ސަރުކާރުދެކެ ފޫހިކޮށް ލެވުނު އެންމެ ބޮޑު ކަމަކަށް ވީ އެ ސަރުކާރުގެ ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކުގެ ވާހަކަތައް ދެއްކުމެވެ.
ރައީސް މައުމޫންގެ ވެރިކަން ބަދަލުވެ، އޮޑިޓަރު ޖެނެރަލް ނެރެފައިވާ، ރައީސް މައުމޫން ސަރުކާރުގެ އޮޑިޓް ރިޕޯޓްތަކަށް ބަލާއިރު އޭރު އެމްޑީޕީއިން ތުހުމަތުކުރި، މައުމޫންގެ ވެރިކަމުގައި ދިވެހި ދައުލަތުގެ ފައިސާއިންނާއި މުދަލުން ނަހަމަގޮތުގައި ބޭނުންކޮށް ރައްޔިތުންނަށްވުރެ އަރިސް ބޭފުޅުންނާއި އާއިލީ ބޭފުޅުންގެ ކަންތައްތަކަށް އިސްކޮށްފައިވާ ކަން އޮޑިޓަރު ޖެރެނަލްގެ އޮޑިޓް ރިޕޯޓްތުން އެނގިހާމަވެފައިވެ އެވެ. އަދި ހަރަދަށް ބަލައި ނުލައި ބޮޑެތި ހަރަދުތަކެއް ކޮށްފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ.
ރައީސް މައުމޫންގެ ވެރިގެން ވެއްޓި ރައީސް ނަޝީދުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމާ އެކު އޭރު ވެސް އެމްޑީޕީ އިން ބުނަމުން ދިޔަ އެންމެ ބޮޑު އެއް ވާހަކަ ނުވަތަ އެންމެ ބޮޑު އެއް ވައުދަކީ ދިވެހި ދައުލަތުގެ މުދަލަށް އަމާނާތްތެރިވެ ދިވެހި ގައުމު ތަރައްގީ ކުރާނެ ކަމަށެވެ. ނަސީބު ކަން ދިމާކުރި ގޮތުން އެމްޑީޕީ އަށް ތިން އަހަރު ވެރިކަން ކުރަން ލިބުނު އިރު މިހާރު ދަނީ އޭރު ސަރުކާރު ހިނގަމުންދިޔަ އިރު ރައްޔިތުންނަށް އިލްހާސްތެރިވި މިންވަރު ފަޅާއަރަމުންނެވެ. އެހެންކަމުން ސިޔާސީ ފަރާތްތަކުގެ އިހުލާސްތެރިކަމާ މެދު ސުވާލު ނުއުފައްދައި ޔަގީން ކުރުމުގެ ފުރުސަތު މިއަދު ވަނީ ލިބިފަ އެވެ.
މިސާލެއްގެ ގޮތުން އެންމެ ފަހުން ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރަށް ބަލާލުން ރަނގަޅެވެ. ޖުމުލަ ގޮތަކަށް ބަލާނަމަ ހުރިހާ މިނިސްޓްރީއަކުން ވެސް ވަނީ ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފަ އެވެ. އެގޮތުން ބަލާ ނަމަ ގަވައިދާ ހިލާފަށް އެޑިއުކޭޝަނުން 39 މިލިޔަން ރުފިޔާ ހަރަދު ކުރުމާއި ކުރީ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއްގޮތަކަށް ވެސް އޮފީހަށް ހާޒިރުވެ ވަޑައިނުގެން އޭނާއަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި 343،351.67ރ. ދީފައިވުމާއި އަތޮޅު ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެކި ސާމާނު ގަތުމަށް މިނިސްޓްރީ އޮފް ހެލްތާއި އެފްޓެކް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2010 ވަނަ އަހަރުކޮށްފައިވާ އެއްބަސްވުމުން 11 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުމެއް މާލިއްޔާއަށް ލިބިފައިވުން ހިމެނެ އެވެ.
މީގެ އިތުރުން ކުރީގެ ސަރުކާރުގައި ހައުސިން އެންޑް އެންވަޔަރަމެންޓް މިނިސްޓަރު މަގާމުގައި ހުންނެވި މުހައްމަދު އަސްލަމްގެ ފޯން ބިލަށް ދައުލަތުގެ ބަޖެޓުން ގަވައިދާ ހިލާފަށް 312928ރ. ހަރަދުކޮށްފައިވުމާއި 2010 ވަނަ އަހަރު ރައީސް އޮފީހަށް ކަނޑައަޅުއްވާފައިވާ 101.1 މިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ އިތުރަށް 7.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވުން ފާހަގަކޮށްލެވެ އެވެ. އަދި ރައީސް ނަޝީދު ގެ ޗުއްޓީގެ ހަރަދުގެގޮތުގައި ދައުލަތުގެ ބަޖެޓުން 446،578ރ. ހޭދަކޮށްފައިވާއިރު އޭރުގެ ނައިބު ރައީސް އަދި މިހާރުގެ ރައީސް ޑރ. ވަހީދު ވަނީ 764،121ރ. ހޭދަކޮށްފަ އެވެ.
ޖުމުލަ ގޮތަކަށް ބައެއް ކަންކަން ރަނގަޅު ނަމަވެސް ކޮރަޕްޝަނުގެ އަދި ހަމައެހެންމެ ދައުލަތަށް ގެއްލުންވާ ފަދަ ބޮޑެތި ހިޔާނާތްތައް ސަރުކާރުގެ އިސްފަރާތްތަކުން ވަނީ ހިންގާފަ އެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި ލީޑު ކުރަމުންދާ ދެ "ބަތަލުން" ކަމަށް ވާ ރައީސް މައުމޫން އާއި ރައީސް ނަޝީދުގެ ވެރިކަމަށް ބަލާއިރު ވެސް ހަމަ ފެންނަ އަދި ހާމަވާ އެންމެ ބޮޑު އެއް ސިއްރަކީ ވެރިކަން ހޯދުމަށް މަސައްކަތްކުރާއިރު ވާ ވައުދާއި ރައްޔިތުންދެކެ ވާ ލޯބި ހަނދާންނެތިގެންދާ ކަމެވެ.
އޮޑިޓަރު ޖެނެރަލް ނެރުއްވާފައިވާ ކޮންމެ ރިޕޯޓެއްގައޭ ބުނާ ފަދައިން އޮޑިޓް ކުރަމުންދާއިރު މުއައްސަސާތަކުން އެއްބާރުލުން ނުދިނުމާއި ހިސާބުތައް ރަނގަޅަށް ބަލަހައްޓާފައި ނުވުން ނުވަތަ ބިލްތައް ހުށައަޅަފައި ނުވުންފަދަ ކަންތައްތައް ވެސް ފާހަގަކުރެވޭ އިރު މުއައްސަސާތައް ހިންގަމުންދަނީ ރައްޔިތުންނަށްޓަކައިތޯ ސުވާލު އުފެދެ އެވެ. އޮޑިޓަރު ޖެނަރަލް ނިޔާޒް އިބްރާހިމް ވިދާޅުވި ގޮތުގައި އޮޑިޓް އޮފީހުގެ އޮޑިޓަރުން ދައުލަތުގެ މުއައްސަސާތައް އޮޑިޓް ކުރަން ވަންނަން އުޅުމުން، އިށީނާންނެ ތަނެއް ނުދައްކައި އެތައް ގަޑިއިރެއް ވާންދެން އެތަންތަނުގެ ތެރޭގައި ބައިތިއްބާ ކަމަށެވެ. އަދި މުއައްސަސާތައް ވަކި މުއްދަތެއްގެ ތެރޭގައި އޮޑިޓް ކުރުމަށް އެންގި ނަމަވެސް، އެ މަސައްކަތް ލަސްވެގެން ދަނީ މުއައްސަސާތަކުން ދޭން ޖެހޭ ލިޔެކިޔުންތައް ނުދީގެން ކަމަށެވެ. އަދި ބައެއް ޑޮކިއުމަންޓުތައް ބަދަލުކޮށްގެން ލިޔުންތައް ދީފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ފައިސާތައް ހަރަދު ކުރުމުގައި ވަރަށް ގިނަ މުއައްސަސާތަކުން އިހްމާލުވެފައިވާ ކަމަށާއި އެގޮތުން ހިސާބު ކިތާބުތައް ރަނގަޅަށް ބެލެހެއްޓިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މުއައްސަސާތަކުގެ ޕަބްލިކް ސާވިސްގައި ހިސާބު ކިތާބު ބެލެހެއްޓޭ ފެންވަރުގެ ރަނގަޅު މުވައްޒަފުން މުއައްސަސާތަކުގައި ނެތް ކަމަށާއި އެގޮތުން ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ޗާޓަޑު އެކައުންޓެންޓަކު ނެތް ކަމަށެވެ.
ދެން އޮތީވެސް ހަމަ އެފަދަ އެހެން ވާހަކައެކެވެ. ދައުލަތުގެ މިލްކިޔާތުން ހަރަދުކޮށްފައިވާ ގޮތް ބަލައި އެކަން ހަމަ މަގަށް އެޅުވުމުގެ މުހިންމު ޒިންމާ ރާއްޖޭގައި އަދާކުރަނީ އޮޑިޓަރު ޖެނެރަލް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެވެ. ގަވާއިދާ ހިލާފަށް މިލިއަނުން ހަރަދުކޮށްފައިވާ ކަމަށް ބުނެ އޮޑިޓަރު ޖެނެރަލް ރިޕޯޓްތައް އާންމުކުރެއްވުމަކީ ވަރަށް އާންމު ކަމެކެވެ. އެ ރިޕޯޓްތައް ނެރޭ ދުވަސްކޮޅު ހިޔާނާތްވެފައިވާ ފަރާތްތަށް ފާހަގަކުރެވި އެފަރާތްތަކާމެދު ފިޔަވަޅުއެޅުމުގެ ގިނަ އަޑުތަކެއް އިވެއެވެ. އެހެންކަމުން ކޮރަޕްޝަން ހުއްޓުވުމަށާއި ސިޔާސީ ފަރާތްތަކާއި ސަރުކާރުގެ އިސްމަގާމްތަކުގައި ތިއްބަވާ ފަރާތްތަކުން ޒިންމާދާރު ކުރުވުމަށް ރައްޔިތުން ވެސް މިހާރަށްވުރެ ހޭލުނެތެރިވާން ޖެހެއެވެ. ނަމަވެސް މިއަދު ރާއްޖޭގައި ފެންނަމުންދަނީ ވަރަށް ދެރަ އަމަލެކެވެ. ބޮޑެތި ކޮރަޕްޝަންގެ އަމަލުތަށް ހިންގުމަށް ފަހު އެމީހަކު ސިޔާސީ ޕާޓީއެއްގެ ޕޯޑިއަމްގައި ބާރަށް ވާހަކަދައްކައިފިނަމަ އެމީހަކު "ހުދުފޮތިކޮޅަކަށްވެ" އެވެ. ރާއްޖޭގައި މިހާތަނަށް ކޮރަޕްޝަންގެ މައްސަލަތައް ހައްލު ނުކުރެވި އޮތް އެއް ސަބަބަކީވެސް އެއީ އެވެ. އެހެންކަމުން ކޮރަޕްޝަން ހުއްޓުވަން ބޭނުން ނަމަ އެއީ ކޮންމެ ޕާޓީއަކަށް ނިސްބަތްވާ މީހަކަށް ވިޔަސް ރައްޔިތުން އެމީހުނަށް ސަޕޯޓްކުރުން ހުއްޓަންވެއްޖެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުށްކުރާ ފަރާތްތައް ހަމަ މަގަށް އަޅުވަނީ އެހެންނެވެ.
އިންޑިއާއަށް ބަލާއިރު ދާދިފަހުން އެގައުމުގައި އަންހެންކުއްޖަކު ބަހެއްގެ ތެރޭގައި ރޭޕުރި މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުންނާ ދެކޮޅަށް އެމީހުންނަށް ހައްގު އަދަބު ދިނުމަށް އެގައުމުގެ ރައްޔިތުންކުރި މަސައްކަތާ އެކު އެރޭޕުކުރުމުގައި ބައިވެރިވި ފަރާތްތަކަށްވަނީ ވަކީލެއް ވެސް ނުލިބިފަ އެވެ. ނަމަވެސް މިގައުމުގައި އެއާ ހިލާފަށް ކުށްކުރުމަށްފަހު ނުވަތަ ދައުލަތުގެ ފައިސާއަށާއި މުދަލަށް ހިޔާނާތްތެރިވުމަށްފަހު ސިޔާސީ ޕާޓީއެއްގެ ޕޯޑިއަމަށް އަރާ ބާރަށް ހަޅޭލެވުމުން ކުރި ކުށް އޮންނަނީ ފޮހެވިފަ އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވިގޮތުގައި އޭސީސީގެ މަސައްކަތް އެއްއަހަރަށްވުރެ އަނެއް އަހަރު ރަނގަޅުކުރުމަށް މަސައްކަތްކުރާ ކަމަށާއި ހިތާމައަކީ އެބޭފުޅުން ތަހުގީގްކުރާ މައްސަލަތަކަށް ފިޔަވަޅު އެޅޭލެއް ލަސްވުން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން ނުހުއްޓުވި ވަރަށް ބާރަށް އިތުރުވަމުން އަންނަ ކަމަށާއި މައްސަލަތައް ހައްލުކުރަން ބޭނުންނަމަ ފިޔަވަޅު އެޅުން އަވަސް ކުރަންޖެހޭ ކަމަށެވެ.
"ޝަރީއަތާއި ހަމައަށްގޮސް ޝަރީއަތުގެ ދާއިރާއިން ފިޔަވަޅުއެޅުމަކީ އަޅުގަނޑުމެނަށް ލިބިފައިވާ ބާރެއްނޫން، ދެން ޝަރީއަތުގައި ފިޔަވަލު އެޅޭލެއް ވަރަށް ބޮޑަށް ލަސް،" ލުތުފީ ވިދާޅުވިއެވެ.
ކޮރަޕްޝަންގެ އިތުރު މައްސަލަތަކަށް ބަލާއިރު ސަރުކާރާއި ހަވާލުވެފައިވާ ފަރާތްތަކުންފިޔަވާ ރައްޔިތުން މަޖިލީހުންނާއި ރަށްރަށްށުގެ ކައުންސިލްތަކަށް ބަލާލިޔަސް ހައްދު ފަހަނައަޅާ ވަރަށް ކޮރަޕްޓް ވެފައިވާ ކަންފާހަގަ ކޮށްލެވެ އެވެ. ރައްޔިތުންދެކެ ލޯބިން އުޅުމުގެ ސަބަބުން ރައްޔިތުނަށް ފަސް އަހަރު ދުވަހުގެ ނިޔަލަށް ހިދުމަތްކޮށްލަން ފުރުސަތު ދިން އެދެބައިމީހުންގެ ތެރެއިން މަޖިލީހުގެ މެމްބަރުން ޕާޓީތަކަށް ވިކުމާއި ރައްޔިތުންގެ ފައިސާއިން އަރާމްކޮށްލުމުގެ އިތުރުން ކައުންސިލްތަކުން އިއުލާން ނުކޮށް ވަޒީފާދިނުމާއި މަސައްކަތްތައް ހަވާލުކުރުންފަދަ ކޮރަޕްޝަންގެ އަމަލުތައް ދަނީ ހިންގަމުންނެވެ.
އަމިއްލަ އުފެއްދުންތެރިކަމެއް ނެތް މި ދިވެހިރާއްޖެއަށް އާމްދަނީ ލިބެންހުންނަ މަދު ދާއިރާތަކުން ލިބޭ އާމްދަނީއިން ގައުމާއި ގައުމުގެ ރައްޔިތުނަށް ލާބަޔާއި މަންފާ ނުކުރާނަމަ ހަމަޔަގީނުން ވެސް މިގައުމެއް ކުރިއަރާނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. މިހާހިސާބުން އުފެދޭ ސުވާލެއް އެބައޮތެވެ. ރައްޔިތުންދެކެ އެހާ ލޯބިވާ ގައުމާއި ރައްޔިތުނަށް ޓަކައި ފިދާވާން ތައްޔާރަށްތިބިބަޔަކު ރައްޔިތުންގެ މަދު ފައިސާކޮޅު އެމީހުންގެ އަމިއްލަ ފައިދާއަށް ބޭނުންކުރަނީ ކީއްވެގެން ބާއެވެ؟ މިއީ ސުވާލަކަށް ވާއިރު ހިތުގައި އުފެދޭ ޖަވާބަކީ އެއީ އަމިއްލަ އެދުމުން ފޯވެފައިތިބި އަމިއްލަ ފައިދާއަށް މަސައްކަތްކުރާ ބައެއް ކަމެވެ.
އެހެންކަމުން އެމީހުންގެ މަސައްކަތްތައް ހުއްޓުވަން ބޭނުން ނަމަ ނުވަތަ މިގައުމާ އެކު އަމާންބަނދަރަކަށް ހަގީގީ ތަރައްގީއަށް ދާންބޭނުންނަމަ އެޔަކީ ކޮންމެ ޕާޓީއަކަށް ނިސްބަތްވި ނުވަތަ ކިތަންމެ އަޑުގަދަ ނުވަތަ ވާހަކަދެއްކޭ މީހަކު ކަމުގައި ވިޔަސް އެމީހުންކުރި ކުށް ގަބޫލްކޮށްގެން އެމީހުން ޒިންމާދާރުކުރުމުގެ ރައްޔިތުން މަސައްކަތް ކުރަންޖެހެ އެވެ. އެހެން ނޫން ނަމަ މިގައުމުވެގެން ދާނީ ނަމުގައި ގައުމުދެކެ ލޯބިވާ އަދި ކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ބައެއްގެ އަމިއްލަ މިލްކަކަށެވެ.