ރ. އިނގުރައިދޫން ލަނޑަޔަށް ނުކުމެ އުޅުނު ދޯންޏެއް ނ. ފުރަމާފަރު ފަރަށް އަރައި ތިން މީހަކަށް އަނިޔާވެ ދޯންޏަށް ބޮޑެތި ގެއްލުންތައް ލިބިއްޖެ އެވެ.


އިނގުރާއިދޫ "ފަތިސް ހަނދުވަރު" ދޯނި ފަރަށް އެރީ މިއަދު މެންދުރު 11:30 ގައެވެ. ދޯނި ފަރަށް އެރި ވަގުތު ދޯނީގައި ތިބި 10 މީހުންގެ ތެރެއިން ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު ދޯނި ވަރަށް ބޮޑަށް ހަލާކުވެ ހުރިހާ އެއްޗެއް ވަނީ ގެއްލިފަ އެވެ.


ފަތިސް ހަނދުވަރުގެ ވެރިފަރާތް ކަމަށްވާ އިނގުރައިދޫ މުހައްމަދު އަލިމަނިކު ރޭ ދަންވަރު އޭނާގެ ދޯނި ފުންކުރުމުގެ މަސައްކަތުގައި ކަނޑުމަތީ އުޅެމުން ބުނީ ހެނދުނު ލަނޑަޔަށް ނުކުތް ދޯނި ފަރަށް އެރީ މެންދުރު ށ. އަތޮޅަށް ވަންނަ ދަނިކޮށް ކުއްލިއަކަށް ނެގި ރާޅަކާއެކުގައި ކަމަށެވެ.


"ފުރަތަމަ ރާޅުގައި ދޯނީގެ ގެ ގަނޑު އެއްކޮށް ފުނޑުފުނޑުވީ، ދެވަނަ ރާޅުގައި ބުރަފަތީގައި ވާ އޮޅި އިންޖީން ހުއްޓިއްޖެ. ތިން ވަނަ ރާޅުގަ  ދޯނީގެ ކަނާތްފަރާތުން ތިން މަޑޫ ބިންދައިގެން ގޮސް ދިޔަވެ ހުރިހާ އެއްޗެއް އޮޔާ ހިނގައްޖެ،" އޭނާ ބުންޏެވެ.


މުހައްމަދު އަލިމަނިކު ބުނީ ދޯނި ފަރަށް އެރި ވަގުތު ރާޅާ ޖެހުމުގެ ސަބަބުން އެކެއްގެ ފައި ކަފައިގެން ގޮސްފައިވާއިރު އެހެން މީހަކު ވެއްޓި ވަރަށް ބޮޑަށް އަނިޠާވެފައިވާ ކަމަށާއި އިތުރު މީހަކަށް ކުދިކުދި އަނިޔާތައް ލިބިފައިވާ ކަމަށެވެ.


"އަނިޔާވި މީހުން މިހާރުވީ ޑޮކްޓަރަށް ދެއްކުމަށް ކޮމަންޑޫއަށް ގޮސް،" އޭނާ ބުންޏެވެ.


އޭނާ އަދި ބުނީ ދޯނި ފަރަށް އަރައި ދޯންޏަށް ބޮޑެތި ގެއްލުން ލިބުނު އިރު ތިން ފީފާ ޑީސަލާއި ޕެޓްރޯލް ފީފާއަކާ ދޯނީގެ ހުރިހާ ސާމާނެއް އެކުގައި ގެއްލިފައިވާ ކަމަށާއި ފަރުމަތީގައި ހުރީ ދޯންޏާއި އިންޖީނު އެކަނި ކަމަށެވެ.


ދޯނި ފަރަށް އެރުމުން ތަފާތު އެކި ފަހަރުމަތިން ކޯސްޓްގާޑާއި އޭނާ ގުޅައިގެން ވެސް އެހީތެރިވެދޭން ގޮސްފައި ނުވާ ކަމަށާއި އިތުރަށް ސިފައިންނަށް އިންތިޒާރު ނުކޮށް އަމިއްލައަށް ފުންކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.


"އެކަމަކު ލަފައެއް ނުކުރެވޭ މިރޭ ފަތިސް ވާއިރު ވެސް ފިންވާނެ ހެނެއް،" އޭނާ ބުންޏެވެ.