21 Jan 2013, 20:02
ލ. އިސްދޫ ކަލައިދޫ އަވަށުގައި މިސްކިތެއް އެޅުމަށް ބަޔަކާ ހަވާލު ކުރިއިރު އެރަށު ކުރީގެ ކައުންސިލަރު ހުސައިން ޚަލީލް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދީފައިވާކަމަށް ބެލެވޭތީ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ 2010 ވަނަ އަހަރު އެ އަވަށުގައި މިސްކިތް އިމާރާތް ކުރި ފަރާތުން ހުށަހެޅި އެސްޓިމޭޓްގައި 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައިދޭނެ ކަމަށް ހުށަހަޅާފައި އޮތްނަމަވެސް މަސައްކަތު އެއްބަސްވުމުގައި ލިޔެފައި އޮތީ އެ މަސައްކަތް ނިންމަންޖެހޭނީ ދެ މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި މަސައްކަތް ނިންމުމަށް އެއްބަސްވުމުގައި އޮތް މުއްދަތަށް ވުރެ އިތުރަށް 19 ދުވަސް ފާއިތުވެފައިވާއިރު، އެ މުއްދަތުގައި މަސައްކަތް ނުނިމި އިތުރަށް ހިނގާ ދުވަސްތަކަށް ޖޫރިމަނާ ކުރެވޭނެ ގޮތަށް އެއްބަސްވުމުގައި ހިމަނާފައި ނުވުމުން ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބިފައި ނުވާކަމަށް ވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މާލިއްޔަތުގެ ގަވާއިދުގައި އެއްބަސްވުމުންތަކުގައި ހިމެނުމަށް ލާޒިމްކޮށްފައިވާ ބައެއް ނުކުތާތައް އެއްބަސްވުމުގައި ހިމަނާފައި ނުވާއިރު އެ އެއްބަސްވުމުގައި އިސްދޫ ކަލައިދޫ އޮފީހުގެ ފަރާތުން ސޮއިކޮށްފައި ވަނީ ކުރީގެ ކައުންސިލަރު ހުސެއިން ޚަލީލުކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"... މިމައްސަލައިގައި ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ހުސައިން ޚަލީލް މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ،" އެ ބަޔާނުގައި ވެއެވެ.