21 Jan 2013, 21:06
ޔޫތު މިނިސްޓްރީން ކޮންމެ އަހަރަކު ދޭގޮތަށް ހަމަޖައްސާފައިވާ "ޒުވާނުންގެ ގައުމީ އިނާމު" ލިބޭ ފަރާތްތައް ހޮވުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އިނާމް ކޮމެޓީއެއް އެކުލަވާލުމަށް އެ މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ޔޫތު މިނިސްޓްރީން މިއަދު ބުނީ ޖުމްލަ ހަ މެންބަރުންގެ މައްޗަށް އެކުލާވާލުމަށް ހަމަޖެހިފައިވާ އިނާމް ކޮމެޓީގައި ކުލަބް ޖަމިއްޔާތައް ތަމްސީލުކުރާ މެންބަރަކުވެސް ހިމެނުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ކުލަބު ޖަމިއްޔާތަކުން މެންބަރަކު ހޮވާނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރާ ކުލަބު ޖަމިއްޔާތަކުގެ މެންބަރުންގެ މެދުގައި ގުރުއަތުލައިގެން ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.
އިނާމުކޮމެޓީގައި ކުލަބު ޖަމްއިއްޔާތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިނަމަވެސް އެ ކޮމެޓީގައި ބައިވެރިވެވޭނީ ބައިވެރިވެނޭނީ ހޯމް މިނިސްޓްރީގެ ގަވާއިދުތަކާ އެއްގޮތައް ހިންގަމުން އަންނަ ކުލަބް ޖަމިއްޔާތަކަށް އެނަކި ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.
"... ކުލަބު ޖަމިއްޔާތަކުން ކޮމެޓީގައި އިންނަވާނެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ގުރުއަތުލަގެން ކަމުގައި ދަންނަވަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކުލަބް، ޖަމުއިއްޔާތަކުން 12 ފެބްރުއަރީ 2013 ވަނަ ދުވަހުގެ ރޭ 8:30 އަށް ޒުވާނުންގެ މަރުކަޒުގެ ސެމިނާރޫމަށް ވަޑައިގެންދެއްވުން އެދެމެވެ." ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ޒުވާނުންގެ ގައުމީ އިނާމަކީ ރާއްޖޭގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިއްމު ދައުރު ފާހަގަ ކުރުމާއި، ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާކުރަނިވި ރަނގަޅު ސިފަތަކެއްގެ ވެރިބަޔަކަށް ހެދުމަށް ބާރުއެޅުމުގެ އިތުރުން ޒުވާނުންގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ އިނާމެކެވެ.
ޒުވާނުންގެ ދުވަހާ ގުޅުވައިގެން ދޭ އެންމެ ޚާއްސަ އެވޯޑަކީ، ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލަ އެވެ. އެއީ އިންސާނިއްޔަތަށްޓަކައި ހިދުމަތް ކުރުމުގެ ރޫހުގައި ޖާނާއި މާލުން ހޭދަކޮށްފައިވާ މިންވަރާއި އިންސާނީ މުސީބާތަކުން ސަލާމަތްކުރުމަށްޓަކައި، ކޮށްފައިވާ މަސައްކަތަކާ ގުޅިގެން ދޭ ހަނދާނީ ފިލައެކެވެ. އެ ހަނދާނީފިލާ އެންމެފަހުން ދެވިފައިވަނީ ހުސްވިއަހަރު ކ. ކާށިދޫގައި ވަޅީގެ ހަމަލާއަކުން ޝަހީދުކޮށްލެވުނު ފުލުހުންގެ އޮފިސަރެއް ކަމަށްވާ، ކ. ކާށިދޫ، ކެތި ސާޖަންޓް އާދަމް ހަލީމަށެވެ.