ސ. ހިތަދޫގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި ސައިކަލެއްގައި ރޯކޮށް އަންދާލި މައްސަލައެއްގައި ފަސް މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ ހިތަދޫ އަސްރާމަންޒިލް، އިބްރާހިމް އަސްވަދު 26، އާއި އެރަށު ހަނދުވަރުގެ، އިސްމާޢީލް ރަޝީދު 20، އާއި ހިމިތީގޭ ޙަސަން އަޙްމަދު 20 އާއި ޗާނދުމާގެ، ޢަލީ ސަމްޢާން 18، ގެ އިތުރުން ގަދަކޯޅިގޭ މުޙައްމަދު އަޒާނު ޢަލީ 18، ގެ މައްޗަށް ކަމަށެވެ.

އެ ފަސް މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހުގެ 9:30 ހާއިރު ހިތަދޫގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމަށް ފަހު މީހެއްގެ ސައިކަލެއްގައި ރޯކޮށް އަންދާލައިފައިވާ ކަމަށް ތުޙުމަތުކުރެވޭތީ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުން ސައިކަލްގައި ހުޅުޖަހާފައި ވަނީ މާރާމާރީ ހިންގުމަށްފަހު ސައިކަލް ފޭރިގެނެގެން ދިޔުމަށްފަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.