21 Jan 2013, 20:21
ސިޔާސީ ހަރަކާތް ހިންގުމަށް އެމްޑީޕީއާ ހަވާލުކޮށްފައިވާ އުސްފަސްގަނޑު ސަރަހައްދު ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ގާނޫނީ ވަކީލު މުހައްމަދު ފަރީދު މިރޭ ވިދާޅުވީ އެ މައްސަލަ މާދަމާ ހައިކޯޓަށް ހުށަހެޅުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ މާދަމާގެ ވަގުތެއްގައި އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމަށް،" ފަރީދު ވިދާޅުވި އެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ ލޯކަލް ކައުންސިލްތަކުގެ އިހުތިސޯސް ހިނގާ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލު ކުރުމުގެ ގަވާއިދުގެ ދަށުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ އެ ބިން މާލޭ ސިޓީ ކައުންސިލުން ބޭނުން ކުރަަމުން އަންނަނީ ސަރުކާރުން ކަނޑައަޅާފައިވާ ލޭންޑް ޔޫސް ޕްލޭނާ ޚިލާފަށް ކަން އެނގެން އޮންނަ ކަމަށެވެ. އަދި އެތަން އެއްވެސް ފަރާތަކާ ހަވާލުކުރުމަކީ މާލޭ ސިޓީ ކައުންސިލަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.
މާލޭ ސިޓީ ކައުންސިލުން އުސްފަސްގަނޑު ބޭނުން ކުރަމުން ގެންދަނީ އެތަން ހަވާލުކުރިއިރު ހައުސިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ސިޓީ ކައުންސިލާ އެކު ވެވުނު އެއްބަސްވުމާ ޚިލާފަށް ކަމަށްވާތީ، ސިޓީ ކައުންސިލާ ހަވާލުކުރެވުނު ބިންތަކުގެ ދަފްތަރުން އެތަން އުނިކުރުމަށް ފަހު އުސްފަސްގަނޑު ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް ހައުސިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އެންގި އެންގުމަކީ ސައްޚަ އެންގުމެއްކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.
ސިޓީ ކައުންސިލާ އުސްފަސްގަނޑު ހަވާލުކުރި އެއްބަސްވުމުގައި ވާގޮތުން އުސްފަސްގަނޑަކީ އާންމުންނަށް ވަދެވޭ ގޮތަށް އާންމު ބޭނުމަށް ހުސްކޮށް ބޭއްވުމަށް ކަނޑައަޅާފައިވާ ބިމަކަށް ވާތީ އެތަން ތަރައްގީ ކުރަންވާނީ އާންމުންނަށް ވަދެވޭ ގޮތަށް ކަމަށް ބުނެފައިވެ އެވެ.
އެ އެއްބަސްވުމުގައި ވާގޮތުން އުސްފަސްގަނޑުގައި ޖުމްލަ 800 އަކަފޫޓުގެ ސަރަހައްދެއްގައި އިމާރާތް ކުރުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިގެންވާ އިރު އެފަދަ އިމާރާތެއް ތިން މީޓަރަށް ވުރެ އުސްވެގެން ނުވަނެ ކަމަށް ބުނެފައިވެ އެވެ. އަދި އުސްފަސްގަނޑުގައި އިމާރާތެއް ކުރިކަމަށް ވިޔަސް އެ އިމާރާތް ބޭނުން ކުރަންވާނީ ފާޚާނާ، ޗޭންޖިން ރޫމް، ފެންވަރާތަން، ލުއިކާނާ ވިއްކާ ތަނެއް ނުވަތަ ބޯފެން ވިއްކާ ތަނެއްގެ ގޮތުގައި ކަމަށް ވެސް އެ އެއްބަސްވުމުގައިވެ އެވެ.