ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފް ގޭބަންދަށް ބަދަލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް މިރޭ ވިދާޅުވީ އޭނާ ގޭބަންދަށް ބަދަލުކުރިތާ ދެ ދުވަސް ވަރު ވެދާނެ ކަމަށެވެ.

"މަލީޝާގެ ވެރިޔާ އިސްމާއިލް އަބްދުއްލަތީފް ގޭބަންދަށް ބަދަލު ކުރިތާ ދެ ދުވަސް ވަރު ވެދާނެ،" ހަނީފް ވިދާޅުވި އެވެ.

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ފިލައިގެން އުޅޭ ކަމުގެ ތުހުމަތުގައި ލަންކާގެ މައުންޓް ލެވީނިއާ ހޮޓެލްގައި ހުއްޓާ ލަންކާ ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެއިރު އޭނާ ހޯދުމަށް އިންޓަޕޯލުން ވެސް އޮތީ ރެޑްނޯޓިސް ނެރެފަ އެވެ.

ހައްޖަށް މީހުން ގެންގޮސްދިނުމުގެ މަސައްކަތް ރާއްޖޭގައި އެންމެ ފުރަތަމަ ފެއްޓި ބޭފުޅުންގެ ތެރޭގައި ހިމެނޭ އަތަމާ އަބްދުއްލަތީފުގެ ދަރިކަލުން އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން 11.9 މިލިއަން ރުފިޔާ ނެގުމަށް ފަހު ފިލައިގެން އުޅޭ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި މަލީޝާ ޖަމާއަތުން 2010 ވަނަ އަހަރު ހައްޖަށް މީހުން ގެންދިޔަ އިރު، ހައްޖުވެރިން ތިބި ސައުދީ ހޮޓަލަށް ފައިސާ ދައްކާފައެއް ނުވެ އެވެ. އެގޮތުން ސައުދީ ހޮޓަލަށް 140،000 ސައުދީ ރިޔާލް (5،73،848ރ.) އަށް ވުރެ ގިނަ ފައިސާ ދައްކާފައެއް ނުވާކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެފައިސާ ދެއްކުމަށް އެ ޖަމާއަތަށް ތަކުރާރުކޮށް އެންގުމުން ވެސް ފައިސާ ދައްކާފައި ނުވާތީ އެ ޖަމާއަތުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ބާތިލްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވެ އެވެ.

ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މަލީޝާ އިން އޮޅުވާލުމުން ހައްޖަށް ނުދެވި ތިބި ހުރިހާ މީހުން މިއަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.