ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމެޓީއަށް ސަރުކާރުން ހާޒިރުވާނެ ކަމަށް ނިންމައިފައިވަނިކޮށް، ނ. މާފަރު ރައްޔިތުން ކުރަމުންދާ އިހްތިޖާޖާ ގުޅިގެން ޓްރާސްޕޯޓް މިނިސްޓްރީއާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ކޮމެޓީއަށް ހާޒިރުނުވެއްޖެނަމަ، އެ ބޭފުޅުން ހާޒިރު ކުރުމަށް މަޖިލީހުގެ އަމުރެއް ނެރުމަށް ޕީޕީއެމް އިން ވޯޓްދީގެން ފާސްކޮށްފި އެވެ.

ސަރުކާރު މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ނާޒިމްއާއި ޑރ. އާސިމް މިއަދު ހާޒިރުވުމަށް މަޖިލީހުން ވަނީ އަންގާފަ އެވެ. ނާޒިމް ހާޒިރުވުމަށް އަންގާފައި ވަނީ މިއަދު މެންދުރުފަހު 2:00 އަށެވެ. އަދި ޑރ. އާސިމް ހާޒިރުވުމަށް އަންގާފައި ވަނީ މިއަދު ހަވީރު 4:00 ޖަހާއިރަށެވެ. ނަމަވެސް އެ ދެ ބޭފުޅުން ވެސް ކޮމެޓީއަކަށް މިއަދު ވަޑައެއްނުގަންނަވަ އެވެ.

ކޯނީ ރިޕޯޓް ދިރާސާ ކުރަމުންދާ ކޮމެޓީއަށް ވަޒީރުންނާއި ސަލާމަތީ ބާރުތަކުގެ ބޭފުޅުންނާއި ސަރުކާރުގެ އިސް މުވައްޒަފުން ހާޒިރުނުވުމަށް ރައީސް ޑރ. މުހައްމަދު ވަހީދު ކަނޑައަޅުއްވާފައި ވަނިކޮށް، މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފު ވިދާޅުވީ ރައްޔިތުންގެ އަސާސީ ހައްގުތަކެއް ގެންލިގެން އުޅޭ މައްސަލައިގައި ސަރުކާރުން ކޮމެޓީއަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި މިއަދުގެ ކޮމެޓިއަށް ނާޒިމާއި ޑރ. އާސިމް ވަޑައިނުގެންނެވުމުން، އަލުން އެ ބޭފުޅުން ކޮމެޓީއަށް ހާޒިރުކުރުމަށް ސިޓީއެއް ފޮނުވުމަށް ޝަރީފު ހުށަހެޅުއްވި އެވެ. ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވިދާޅުވި މިއަދު ކޮމެޓީއަށް ހާޒިރު ނުވުމުން ދެން ޖެހޭނީ މަޖިލީހުގެ އަމުރެއް ނެރުމަށް ފާސް ކުރުމަށް ކަމަށެވެ. އެ ހިސާބުން ޝަރީފާއި އެމްޑީޕީގެ މެންބަރުންނާ ދެމެދު ދެބަސްވި އެވެ. ނަމަވެސް މައްސަލަ ހައްލު ކުރުމަށްޓަކައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މުހިއްމު އިސްލާހެއް ހުށަހެޅުއްވި އެވެ.

އިބޫގެ ހުށަހެޅުއްވުމުގައި ބުނަނީ ކޮމެޓީއަށް ހާޒިރުވުމަށް ދެ މިނިސްޓަރުންނަށް އަނެއްކާވެސް ސީޓީއެއް ފޮނުއްވުމަށާއި އެ އެންގުމަށް ހާޒިރު ނުވެއްޖެނަމަ މަޖިލީހުން އަމުރެއް ނެރުމަށެވެ. އެ ހުށަހެޅުމަށް މެންބަރުން އެއްބަސްވެވަޑައިގެންނެވި އެވެ.

ވޯޓަށް އެއްސެވުމުގެ ކުރިން ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ އެ ވޯޓް ފާސްވުމަށް މަދުވެގެން ހަ ވޯޓް ބޭނުންވާނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މަޖިލީހުން އަމުރެއް ނެރުމަށްޓަކައި މަދުވެގެން ކޮމެޓީގެ ހަ މެންބަރުންގެ ވޯޓް ބޭނުންވާނެ ކަމަށެވެ.

ދެ މިނިސްޓަރަކު ކޮމެޓީއަށް ހާޒިރު ނުވެއްޖެނަމަ އަމުރެއް ނެރުމަށް ހުށަހެޅި އިސްލާހަށް ވޯޓަށް އެހުމުން ކޮމެޓީއަށް ހާޒިރުވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ފަސް މެންބަރުންނާއެކު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޝަރީފު ވެސް ވޯޓު ދެއްވި އެވެ. މުގައްރިރު ފިޔަވައި މިއަދުގެ ބައްދަލުވުމަށް ހާޒިރުވި ހަ މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ފާސްވުމުން މުގައްރިރު ވިދާޅުވީ އެ ދެ މިނިސްޓަރުން މާދަމާ ކޮމެޓީއަށް ހާޒިރުވުމަށް އަންގާނެ ކަމަށެވެ. އަދި އެ އެންގުމާ ހިލާފުވެއްޖެނަ، އެ ބޭފުޅުން ކޮމެޓީއަށް ހާޒިރުވުމަށް މަޖިލީހުން އަމުރެއް ނެރޭނެ ކަމަށެވެ.

މިއަދު ބޭއްވި ކޮމެޓީއަށް ހާޒިރުވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެ ދެ މިނިސްޓަރުން ވެސް ވަނީ މަޖިލީހަށް ސިޓީ ފޮނުއްވާފަ އެވެ. ސަބަބެއް ކަމަށް ވިދާޅުވެފައި ވަޒީރުންނާއި ސަލާމަތީ ބާރުތަކުގެ ބޭފުޅުންނާއި ސަރުކާރުގެ އިސް މުވައްޒަފުން ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް ހާޒިރު ނުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ވާތީ ކަމަށެވެ.