21 Jan 2013, 18:11
ސިޔާސީ ދާއިރާއަށް ނިކުމެ ވަޑައިގަތީ ވަރަށް ކެރިގެން ކަމަށާއި ބަސްބުނަން ޖެހޭތަނެއްގައި ބަސްބުނެ އަޑު އުފުލަންޖެހޭ ތަނެއްގައި އަޑު އުފުލަން ވެސް ކެރޭނެ ކަމަށް ޕީޕީއެމްގެ ކައުންސިލަށް އަލަށް އިންތިޚާބުކުރެވުނު ނަހުލާ އަލީ ވިދާޅުވެއްޖެ އެވެ.
ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑު ހިންގަމުންދާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައި ހުރި ނަހުލާ އަލީ އެ ކޯޕަރޭޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައި ޕީޕީއެމާ ގުޅިވަޑައިގެން އެ ޕާޓީގެ ކައުންސިލުން ޖާގައެއް ކަށަވަރު ކުރެއްވުމަށްފަހު ޕީޕީއެމްގެ ޖަލްސާއެއްގައި ފުރަތަމަ ފަހަރު ވާހަކަ ދައްކަވަމުން ވިދާޅުވީ ގައުމުގެ މަސްލަހަތުގެ މައްޗަށް އެއްވެސް މީހަކު އަޑުއުފުލާނަމަ އެ މީހަކީ ކޮންމެ ޖިންސެއްގެ ކޮންމެ މީހެއް ކަމަށް ވިޔަސް އެމީހެއްގެ ކިބައިން ގައުމު ދިފާއު ކުރުމުގައި ދޭންޖެހޭ ރައްދެއް ދިނުމުގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި އެފަދަ ޚިޔާނާތްތެރި ފިނޑި އަޑަކަށް ނުސިހޭނެ ކަމަށެވެ.
"އަޅުގަނޑު ސިޔާސީ ދާއިރާއަށް ނިކުތީ ބަސް ބުނަންޖެހޭ ތަނެއްގައި ބަސްބުނަން ކެރޭނެތީ. އަޑު އުފުލަން ޖެހޭ ތަނެއްގައި އަޑު އުފުލަންވެސް ކެރޭނެ. ގައުމުގެ މަސްލަހަތުގެ މައްޗަށް ހަމަ އެއްވެސް މީހަކު އަޑު އުފުލާނަމަ އެއީ ކޮންމެ ޖިންސެއްގެ ކޮންމެ މީހެއް ކަމަށްވިޔަސް އޭނާގެ ކިބައިން ގައުމު ދިފާއު ކުރުމުގައި ދޭން ޖެހޭ ރައްދެއް ދިނުމުގައި އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. އެފަދަ ޚިޔާނާތްތެރި ފިނޑި އަޑަކަށް އަޅުގަނޑު ނުސިހޭނަން،" ނަހުލާ ވިދާޅުވިއެވެ.
ސިޔާސީ ދާއިރާއިން މަތީ ތައުލީމު އުނގެނިގެން ތިބި ދިވެހި މަދު އަންހެނުންގެ ތެރޭގައި ހިމެނޭ ނަހުލާ ވިދާޅުވީ އަޅުގަނޑުމެންގެ ކިބައިން މިގައުމު ކަންތައްތަކަކަށް އެބައެދޭ ކަމަށާއި، އޭނާ ޕީޕީއެމާ ގުޅުނީ އެ އިހްސާސްތައް ހުރެގެން ކަމަށެވެ. އަދި އެކަމުގައި އަދާކުރަން ޖެހުނު ކޮންމެ ދައުރެއް އަދާ ކުރަން ވެސް ކެރިގެން ކަމަށެވެ. ނަހުލާ ވިދާޅުވީ އޭނާގެ ތަސައްވަރަކީ ޒުވާނުންގެ ހަރުދަނާ ޚިދުމަތްތައް ހިނގަހިނގައި އޮންނަ އަދި ދުވަސްވީ މީހުންނަށް ކަމޭހިތައި އަންހެނުންނާއި ފިރިހެނުން ފުރުސަތު ތަކުގައި ހަމަހަމަ ވާ ގޮތަށް ގައުމުގެ ކަންތައްތައް ބިނާވެފައި އޮތުން ކަމަށެވެ.
މިނިވަން ކޮމިޝަނެއްގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން، ޕީޕީއެމް ކައުންސިލަށް ނަހުލާ ކުރިމަތިލެއްވި މައްސަލަ ފެންމަތިވެފައި ވަނިކޮށް އެ ބޯޑުން ނަހުލާ އިސްތިއުފާ ދެއްވީ އަމިއްލަފުޅަށެވެ. އިސްތިއުފާ ދެއްވުމަށްފަހު ނަހުލާ ވިދާޅުވީ އެމްބީސީ ބޯޑުން އިސްތިއުފާ ދެއްވީ ސިޔާސީ ދާއިރާއިން މަތީ ތައުލީމު އުނގެނިގެން ހުރެ، "އެ ރޮނގުން އިތުރަށް ފުރުސަތު ފަހިކުރަން" ވެގެން ކަމަށެވެ.