ވަގު ޕާސްޕޯޓްތަކަކާ އެކު ރާއްޖެ އެތެރެވި ބިދޭސީ ދެ މީހަކު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓައިފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ އިމިގްރޭޝަނުން ކަސްޓަމްސް އަށް ފޯރުކޮށްދިން މައުލޫމާތަކާ ގުޅިގެން އެ ދެ މީހުންގެ ފޮށިތަންމަތި ބަލައި ފާސްކުރުމުގެ ތެރޭގައި ފޯޖްކޮށްފައިވާ ފަސް ޕާސްޕޯޓް ފެނިފައިވާ ކަމަށާއި އެ ދެ މީހުންނަކީ ޕާކިސްތާނުގެ ދެ ރައްޔިތުން ކަމަށެވެ.

އެ ޕާސްޕޯޓްތަކާ އެކު އެ ދެ މީހުން ވެސް މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

އެ މައްސަލާގައި އެ މީހުންގެ އަތުން ހޯދި، ފޯޖްކޮށްފައިވާ ޕާސްޕޯޓްތަކުގެ ތެރެއިން ދެ ޕާސްޕޯޓް ފެނިފައި ވަނީ އެ ދެ މީހުންގެ އަތުން ކަމަށާއި އަނެއް ތިން ޕާސްޕޯޓް ފެނިފައި ވަނީ އެ މީހުންގެ ފޮށިތައް ބަލައި ފާސްކުރި އިރު ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ. އޭގެތެރޭގައި ބެލްޖިއަމްގެ ޕާސްޕޯޓަކާއި ޕާކިސްތާނުގެ ދެ ޕާސްޕޯޓް ހިމެނޭ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.