ދެ ހާސް އެގާރަ ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދަތުރުކުރެއްވުމަށާއި މަޖިލީހުގެ އިދާރާ އަށް 7.7 މިލިއަން ރުފިޔާގެ ޓިކެޓް ގަނެފައި ވަނީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތަށް ނޫން ކަމަށް އޮޑިޓާ ޖެނެރަލް ނެރުއްވި ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ސޮއިކުރައްވައި މިއަދު ނެރުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުން ރައްޔިޔުންގެ މަޖިލީހުން 2011 ވަނަ އަހަރު ހަމައެކަނި ޓިކެޓަށް 7،771،986 ރުފިޔާ ހަރަދުކޮށްފައިވާ އިރު ޓިކެޓް ގަނެފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ގޮތަށް ކޯޓޭޝަން ހޯދައިގެންކަން ލިޔެކިޔުމުން އެނގެން ނެތުމުން މަޖިލީހުން އެކަންކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ގޮތުގެ މަތިން ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ނޫން ކަމަށެވެ. އަދި އެ ރިޕޯޓްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އިދާރީ މުވައްޒިފުން ދަތުރުތައް ކުރާ އިރު އެއް ދަތުރެއްގައި ބައިވެރިވާ ބޭފުޅުން އެއް ރޫޓަކުން އެއް ދުވަހު ދަތުރުކުރެއްވުމުގެ ބަދަލުގައި އެކި ދުވަހު އެކި ރޫޓުން ދަތުރުކުރެއްވުމުން މަޖިލީހުގެ އިދާރާ އަށް 182،382ރ.ގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

"އެކަމުގެ ސަބަބުން ކުރައްވަން ޖެހުނު ލޯންޗު ދަތުރުތައް ގިނަވެ ލޯންޗު ދަތުރުތަކަށް މަޖިލީހުގެ އިދާރާ އިން ކުރައްވަން ޖެހޭ ހަރަދުބޮޑުވެފައިވެ އެވެ. މީގެ އިތުރުން އެ ދަތުރުތައް ހަމަޖެއްސުމަށް ޓަކައި ތައްޔާރުކުރައްވާފައިވާ ބައެއް ދަތުރު ޓީމުތަކުން އެއީ ކޮން ކަމަށް، ކޮންކޮން ބޭފުޅުންނެއް ކުރެއްވި ދަތުރުފުޅުތަކެއްކަން އެނގެން ނުހުންނަކަން ފާހަގަކުރެވިފައިވެ އެވެ،" އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ދެ މެމްބަރަކު ރަސްމީ ދަތުރުފުޅެއްގައި ބޭރަށް ކުރެއްވި ދަތުރުފުޅެއްގައި މާލިއްޔަތު ގަވައިދާ ހިލާފަށް އަގުހެޔޮ ފަރާތުގެ ޓިކެޓް ގަތުމުގެ ބަދަލުގައި އަގު ބޮޑުކޮށް ޓިކެޓް ގަނެ، މަޖިލީހުގެ އިދާރާ އަށް 137،803ރ. ގެއްލުން ވެފައިވުމާއި އެ ދަތުގައި ބައިވެރިވި ދެ މެމްބަރުންނަށް ތަފާތު ދެ ރޭޓަކުން، އަދި ފިނޭންސް މިނިސްޓްރީ އިން ނިންމާފައިވާ ވަރަށް ވުރެ އިތުރަށް 496 ޑޮލަރު ޑީއެސްއޭގެ ގޮތުގައި ދީފައިވާ ކަމަށް ވެސް ރިޕޯޓްގައި ފާހަކަކޮށްފައިވެ އެވެ. ނަމަވެސްް އެއީ ކޮން ދެ ބޭފުޅަކަށް ކުރެއްވި ހަރަދެއްް ކަމެއް އޮޑިޓް ރިޕޯޓްގައި ބުނެފައެއް ނުވެ އެވެ.

ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ ޗެއާމަން ރާއްޖޭގެ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް 2011 ވަނަ އަހަރު ކުރެވި ދަތުރުފުޅުގައި ކަނޑުމަގުން ކުރަން ޖެހޭ ދަތުރުތަކަށް އިއުލާންކުރުމެއް ނެތި ދިވެހި ކުންފުންޏަކާ ހަވާލުކޮށްފައިވާ އިރު، އެ ދަތުރުތަކަށް 176500ރ. ހަރަދުކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި އެ ބޭފުޅުންގެ ދަތުރުތަކަށް ބެކަޕް ލޯންޗުގެ ގޮތުގައި ހިފާފައިވާ ލޯންޗުތަކުން އެއްވެސް ދަތުރެއްކޮށްފައިނުވާ އިރު އެ ލޯންޗުތައް ހިފުމަށް 75000ރ. ހަރަދު ކުރުމާއި އެ ދަތުރުތައް ވަކި ފަރާތަކާ ހަވާލުކޮށްފައިވުމާއި ބެކަޕް ލޯންޗު ހަމަޖައްސާފައި ވަނިކޮށް ވީވީއައިޕީ ލޯންޗެއް ކޮޅަކަށް 40709ރ. އަށް ހިފާފައިވުމުން ޖުމްލަ 81418ރ. އިތުރަށް ހަރަދުކޮށްފައިވާ ކަމަށެވެ.

އެ ދަތުރާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ބުނެފައި ވަނީ އެ ދަތުރުތަކަށް 257918ރ. ހަރަދުކޮށްފައިވާ އިރު އެހާ ބޮޑު ހަރަދެއް ހިނގާފައި ވަނީ އެކަށީގެންވާ ޕްލޭނެއް ނެތުމުން ކަމަށް ދެކޭ ކަމަށެވެ.

ރާއްޖޭގައި ގާނޫނު ހަދާ މަޖިލީހުން މާލިއްޔަތު ގަވައިދާ ހިލާފަށް ގިނަ ކަންތައްތަކެއްކޮށްފައިވާ އިރު އޮޑިޓާ ޖެނެރަލްގެ ލަފާގައި ވަނީ ގާނޫނާއި ގަވައިދުގެ މަތިން ރައްޔިތުން މަޖިލީހުން ވެސް އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ދައުލަތަށް ގެއްލުންވާގޮތަށް އަމަލު ކޮށްފައިވާ މަޖިލީހުގެ މުވައްޒަފުންގެ އަތުން އޭގެ ބަދަލު ހޯދުމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ.