21 Jan 2013, 17:48
ހަނިމާދޫން އިންޑިއާގެ ޓުރެވަންޑުރަމަށް ކުރައްވާ ދަތުރުތަކުގެ ޓިކެޓް ފުރަތަމަ ތިން މަސް ދުވަހު ވިއްކުމަށް ހަމަޖެހިފައިވަނީ ރިޓާން 199 ޑޮލަރަށް (3068.58ރ.)ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ވިދާޅުވީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ފެށުމަށް ނިންމާފައިވާ އެ ދަތުރުތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖައްސައިފައިވަނީ ދެކޮޅު ޓިކެޓް 199 ޑޮލަރަށް (3068.58ރ.) ކަމަށާއި ދާއިމީ އަގު ނިންމާނީ ފަހުން ކަމަށެވެ.
"ހާއްސަ ފެއާއެއް ގޮތަށް އަދި އަޅުގަނޑުމެން މިހާރު ނިންމާފައިވަނީ ފުރަތަމަ ތިން މަހު 199 ޑޮލަރަށް ޓިކެޓް ވިއްކަން، ދެން އޭގެ ފަހުން ދާއިމީއަގު ނިންމާނީ" ނަޝަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހަނިމާދޫން އިންޑިއާއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ވިސާ ހޯދައިދިނުމުގެ މަސައްކަތަކުގެ ތެރެއިން އައިލެންޑް އޭވިއޭޝަނުން ޓިކެޓް ގަތުމުން ވިސާ ލިބޭގޮތަށް އައިލެންޑް އޭވިއޭޝަނާއި އިންޑިއަން ހައިކޮމިޝަނާ ދެމެދު އެއްބަސްވެފައިވާ ކަމަށާއި އަދި ހައިކޮމިޝަނުގެ މުވައްޒިފުން ކަނޑައަޅާ ވަކި ދުވަސްތަކެއްގައި ހަނިމާދުއަށް ގޮސް ވިސާ ދޫކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރެވުމާ އެކު އައިލެންޑް އޭވިއޭޝަނުން އިންޑިއާގެ ޓުރެވަންޑުރަމްއަށް ދަތުރުތައް ފަށާއިރު އެދަތުރުތަކުގައި ބޭނުންކުރުމަށް ނިންމާފައިވަނީ މޯލްޑިވިއަންގެ 50 ގޮނޑީގެ ޑޭޝް ބޯޓު ތަކެވެ.