03 Oct 2010, 09:35
ދިއެފްއެމްގެ ކުރީގެ ނޫސްވެރިންތަކެއް، ވަޒީފާއިން ވަކިކޮށްފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ، އެ ސެޓޭޝަންގެ ކުރިމަތީގައި މިއަދު ޝުއޫރު ފާޅުކޮށްފި އެވެ.
ދިއެފްއެމުގައި މަސައްކަތް ކުރި އެތަނުގެ ނޫސްވެރިންތަކެއް އެ ސްޓޭޝަންގެ ކުރިމަތީގައި އިށީނދެ ތިބެ ޝުއޫރު ފާޅުކުރަމުން ދަނީ ގާނޫނު އަސާސީއާ ހިލާފަށް އެ މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ އެވެ.
މީގެ އިތުރުން ވަޒީފާއިން ވަކިކުރި މަހުގެ މުސާރައާއި އެހެން އިނާޔަތްތައް ދީފައި ނުވާ ކަމަށް ވެސް އެމީހުން ބުނަމުންދެ އެވެ.
ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީ ވިދާޅުވީ ރެޑިޔޯ ސްޓޭޝަންގެ ކުރިމަތީގައި ޝުއޫރު ފާޅު ކުރަމުންދާ ހަ މީހުން ނަކީ ވެސް އެ ރޭޑިޔޯގެ ނޫސްވެރިންގެ ގޮތުގައި މަސައްކަތްކުރި ނޫސްވެރިން ކަމަށާއި އޭގެ ތެރެއިން ތިން ނޫސްވެރިންނަކީ ވަޒީފާއަށް ފަރުވާ ކުޑަކުރުމުން ތަކުރާރުކޮށް ނަސޭހަތާ އިންޒާރު ދީގެން ވެސް އިސްލާހު ނުވުމުން ކަނޑައިލި ތިން ނޫސްވެރިން ކަމަށާއި އަނެއް ތިން ނޫސްވެރިންނަކީ އަމިއްލައަށް ވަޒީފާދޫކޮށްލާފައި ދިޔަ ތިން ނޫސްވެރިން ކަމަށެވެ.
މަސްއޫދު ވިދާޅުވީ އެމީހުންނަށް ދޭންޖެހޭ އެއްވެސް އިނާޔާތެއް ނުދީ ނޯންނާނެ ކަމަށާއި ފައިސާ ދިން ކަމުގެ ލިޔުންތަކާއި އެމީހުން ވަޒީފާ އަދާކުރި ގޮތުގެ ލިޔުންތައް އެބަހުރި ކަމަށެވެ.
"ނޫސްވެރިކަމުގެ މިނިވަން ކަމުގެ ވާހަކަ އެމީހުން އެބަ ގޮވާ. އެކަމަކު އެކުދިންނަކީ އަދި ވަރަށް ޅަ ކުދިންކޮޅެއް، އަޅުގަނޑު ލަފާ ކުރަނީ އެކުދިންލައްވާ މީހަކު ކުރުވައިގެން އުޅޭ ކަމެއް ކަމަށް މިއީ،" މަސްއޫދު ވިދާޅުވި އެވެ.