21 Jan 2013, 16:56
އަންދާސީ ހިސާބު ހޯދުމަކާނުލައި އަދި މާލިއްޔަތު ގަވައިދާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން 5،502،058ރ. ހަރަދުކޮށްފައިވާ ކަމަށާއި އަދި އޭގެ ތެރެއިން 831،240ރ. ހަރަދު ކޮށްފައި ވަނީ އާންމުކޮށް އިއުލާނު ކުރަން ޖެހޭ ކަންކަމަށް އިއުލާނު ނުކޮށްކަން ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ސޮއިކުރައްވައި މިއަދު ނެރުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އޮޑިޓް ރިޕޯޓްގައި މާލިއްޔަތު ގަވާއިދާ ހިލާފަށް 5،502،058ރ. ހޭދަކޮށްފައި ވަނީ ކޮން ކަންކަމަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެއްފަހަރާ ގަންނަ ތަކެތީގެ އަގު 25000ރ. އަށް ވުރެ ބޮޑު ނުވާ ނަމަ އެފަދަ ތަކެތި ވިއްކާ ފަރާތްތަކުގެ ތެރެއިން ތިން ފަރާތުގެ އަގު ލިޔުމުން ހޯދުމަށް ފަހު އެ ފަރާތްތަކުގެ ތެރެއިން އެކަށިގެންވާ ފަރާތްތަކުން ތަކެތި ގަންނަން ބުނެފައިވީ ނަމަވެސް އެ ގަވައިދާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން ވަނީ 95960ރ. ތަކެތި ގަނެފައި ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.
އޮޑިޓާ ޖެނެރަލްގެ ރިޕޯޓުން ހާމަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭ ބިލްތަކަށް މުއްދަތު ހަމަވުމުގެ ކުރިން ފައިސާ ދައްކާފައި ނުވުމުން ޖޫރިމަނާގެ ގޮތުގައި ދައުލަތުގެ ފައިސާ އިން 7283ރ. ދައްކަން ޖެހުނު ކަމަށާއި 2010 ވަނަ އަހަރުގެ ބަޖެޓުން 2011 ވަނަ އަހަރު ހަރަދުކުރި އިރު ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދާފައިނުވާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން މަޖިލީހުން ވަނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދައި 92058ރ. ދައުލަތުގެ މާއްލިއްޔަތު ގަވައިދާ ހިލާފަށް ހަރަދުކޮށްފަ އެވެ. އަދި ހަމަ އެހެންމެ މުވައްޒިފުންނާ ގުޅޭ ލިޔެކިޔުންތައް ފުރިހަމަކޮށްފައިނުވުމާއި ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް ސުޓޮކް ބަލަހައްޓަފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ.
ރާއްޖޭގައި ގާނޫނު ހަދާ މަޖިލީހުން މާލިއްޔަތު ގަވައިދާ ހިލާފަށް ގިނަ ކަންތައްތަކެއްކޮށްފައިވާ އިރު އޮޑިޓާ ޖެނެރަލްގެ ލަފާގައި ވަނީ ގާނޫނާއި ގަވައިދުގެ މަތިން ރައްޔިތުން މަޖިލީހުން ވެސް އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ.